ފުޓްބޯޅައިގައި އޭނާގެ އެދުރަކީ، ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ލާޒްލޯ ކިސް ކަމަށް، މިރޭ ވިކްޓަރީއާ ދެކޮޅަށް ނިކުންނަ ޓީސީގެ ކޯޗު މުހައްމަދު ނިޒާމު ބުނެފި އެވެ.
ކިސް ވަނީ، މީގެ ކުރިން ތިން ފަހަރެއްގެ މަތިން، ރާއްޖޭގައި މަސައްކަތް ކޮށްފަ އެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ ކުލަބު ވެލެންސިއާގެ ކޯޗުކަމަށް 1996 ވަނަ އަހަރު އެވެ. އޭރު ނިޒްމް އަކީ ވެލެންސިއާގެ ކުޅުންތެރިޔެކެވެ.
މިދިޔަ ސީޒަންގައި، އެފްއޭކަޕް ފައިނަލަށް ޓީސީ ދަތުރު ކުރުމުން، ނިޒާމްގެ ފޭސްބުކް ޕޯސްޓަކަށް ކިސް ކޮށްފައިވާ ކޮމެންޓެއްގައި ނިޒާމް އަށް ވަރަށް ބޮޑަށް ތައުރީފްކޮށް މަރުހަބާ ކިޔާފައި ވެއެވެ. އެ ކޮމެންޓަށް ރިޕްލައި ކުރުމުގެ ގޮތުން ކިސް އަށް ނިޒާމް މުހާތަބު ކޮށްފައި ވަނީ "މާސްޓާ" ގެ ނަމުންނެވެ.
މިރޭގެ މެޗުގެ ޕްރީ މެޗު ޕްރެސް ކޮށްފަރެންސްގައި، ކިސް ވަނީ، ޓީސީގައި ނިޒާމު ކޮށްފައިވާ މަސައްކަތަށް ތައުރީފް ކޮށްފަ އެވެ.
"ނިޒާމް ވަނީ ޓީސީގައި ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފަ،" އޭނާގެ ކުރީގެ ކުޅުންތެރިޔާއަށް ތައުރީފް ކުރުމުން ކިސް ބުންޏެވެ. "މިއަދު އަހަންނާ ދެކޮޅަށް ނިކުންނަނީ އަހަރެންގެ ކުޅުންތެރިޔެއް، ނަމަވެސް އަހަރެމެންނަކީ ހަމަ އެކަނި ވާދަވެރި ދެ ޓީމެއްގެ ދެ ކޯޗުން، އެ ވާދަވެރިކަން އޮންނާނީ ހަމައެކަނި ދަނޑުގައި."
"ޓީސީ ޓީމު ކުޅެމުން ދަނީ ވަރަށް ހަލުވި ގޭމެއް، އަދި ވަރަށް ރީތި ގޭމެއްވެސް ކުޅޭ،"
ރޭ 'އަވަސް' އާ ވާހަކަ ދައްކަމުން ނިޒާމް ބުނީ، ފުޓްބޯޅައިގެ ތެރެއިން "ލައިފެއް" ބައްޓަން ކުރުމުގައި އޭނާ އަށް އެންމެ ބޮޑު އެހީތެރި ކަމެއް ލިބުނީ ކިސްގެ ފަރާތުން ކަމަށެވެ.
"ކޯޗު އެބުނީ ވަރަށް ބޮޑު ތެދެއް، ފުޓްބޯޅައިގައި އަޅުގަނޑަށް ލައިފެއް ހޯދައިދިނީ ކިސް،" އަދި ކޯޗުމަކަށް ނިކުތް ފަހުންވެސް ކޯޗު [ކިސް] ގެ އިރުޝާދުތައް އަޅުގަނޑު ބޭނުން ހިފަން،" ގޭމް ޕްލޭނިންއާއި ޓެކްޓިކްސް ރޭވުމުގެ ކަންކަން އަޅުގަނޑަށް ދަސްވީ ކޯޗުގެ ކައިރިން."
ނިޒާމް ވެސް ބުނީ ވާދަވެރިކަން އޮންނާނީ ހަމަ އެކަނި މެޗުގައި ކަމަށާއި، އޭނާ އަކީ ކިސްއާ ވާދަ ކުރެވޭނެ ފެންވަރުގެ މީހެއް ނޫން ކަމަށެވެ.
"އަޅުގަނޑު ކިތަންމެ އަހަރަކު މަސައްކަތް ކުރި ނަމަވެސް ކޯޗަކާ ވާދައެއް ނުކުރެވޭނެ، އެކަން ގަބޫލެއް ވެސް ނުކުރަން."
ކިސް ބުނީ، އޭނާގެ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ޑިފެންސްގެ މައްސަލަ ކަމަށެވެ. އަދިވެސް އެކަމަށް ހައްލެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ. ނމަވެސް ޓީސީގެ ހަލުވި ސްޓްރައިކިން ފޯސް ހުއްޓުވަން އޭނާ ފިޔަވަޅު ތަކެއް އަޅާނެ ކަމަށެވެ.