(8 މާރިޗު 2018 އާ ގުޅޭ)
ކުރިމަތީ ހުރި ބިއްލޫރި ކޮފީމޭޒަށް ދެފައި އަރުވާލައިގެން އަރްސަލް އިންތަން ނިމްރާއަށް ފެނުނެވެ. ކުރިން އަޅައިގެން ހުރި އޮފީސް ހެދުން ބަދަލުކޮއް ކާކީ ކުލައިގެ ސޯޓަކާއި ފެހިކުލައިގެ ޓީޝާޓެއްގައި އަރްސަލް އިނެވެ. ނިމްރާ ފެނުމާއެކު އޭނާގެ މުޅި ޠަބީޢަތް ބަދަލުވެގެން ދިޔަކަން އެ ހަށިގަނޑުން ފެނިގެންދިޔައެވެ. މީހާ ހަރުކަށިވެލުމާއެކު ކޮފީ މޭޒުމަތިން ދެފައި ނަގައި ސޯފާގައި ހަށިގަނޑު ތެދުކޮއްލިއެވެ.
"ކިހިނެއްވީ؟" ކުރަން އައި ކަންތައް ވެސް ހަނދާންނެތިފައި ހުރި މީހަކު ފަދައިން ނިމްރާ ހުއްޓާ ކަންފަތުގައި ޖެހުނީ އޭނާ ގައިގާ ހުންނަ ހުރިހާ ލޯލިތަކެއް ވެސް ސަމާލުކަމަށް އަންނަ ނުރުހުންތެރި ހަރުކަށި އަޑެވެ. އާންމުކޮށް އިވޭ ފިރިހެން އަޑުތަކާއި އެ އަޑު ތަފާތެވެ. އަރްސަލްގެ އަޑު ހީވަނީ ފަޅައިގެން ގޮސްފައި ހުންނަ އަޑެއްހެންނެވެ. އެހެންނަމަވެސް ބަރުކަމެއް އަޑުގައި އެކުލެވިފައި ވެއެވެ. އެ އަޑު އިވުމުން ނިމްރާގެ ހަނދާން އައީ ބޮލީވުޑްގެ ފިލްމު ސްޓާރެއްކަމަށްވާ ފަރްހާން އަކްތަރުގެ އަޑު ހުންނަ ގޮތެވެ. އަރްސަލްގެ އަޑުގައިވަނީ އެފަދަ ޖާދުވީ ގޮތެކެވެ. މި ނޫނީ އަރްސަލްގެ އަޑާ މެދު ވެސް ނިމްރާއަށް ވިސްނާލެވިފައެއް ނެތެވެ. ހާސްކަމުގެ ތެރެއިން ވެސް ފަރުހާން އަކްތަރުގެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން ނިމްރާ ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ނަމަވެސް އެ ހިނިތުން ތުންފަތާ ހަމައަށް ނުފޯރަނީސް ތެޅިގަނެވުނީ ގައިގާ އެއްޗެއް އައިސް ޖެހުނީމައެވެ. ބަލާލިއިރު ފައިބުޑަށް ވެއްޓިފައި އޮތް ކަރުދާސް ބޯޅަ ނިމްރާ ދުށްޓެވެ. އިސްއުފުލާލިއިރު އޭނާއާ ދިމާއަށް ދެވަނަ ކަރުދާސްބޯޅައެއްގެ ހަމަލާ ދިނުމަށް އަރްސަލް އަތްމަޅާލަނީއެވެ.
"ބެޓްޝީޓު" އަރްސަލްގެ އަތުގައި އޮތް ބޯޅަ އެއްލުމުގެ ކުރީން އަވަހަށް ނިމްރާ ބުނެލިއެވެ.
"އަނގަމައްޗަށް ނަގައިން ހުންނާނީކީ ނޫން... އާދޭ..." ސޯފާއިން ތެދުވެގެން ނިމްރާގެ ގާތުން އަޅާފައި އަރްސަލް އެތެރެއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ހުރެ ނިމްރާއައެވެ. އަރްސަލް ކޮޓަރިއަށް ވަނުމުން އޭނާގެ ފަހަތުން ނިމްރާ ވެސް ވަނެވެ. އަރްސަލް ކުއްލިއަކަށް ނިމްރާގެ ކޮނޑުގައި އަޅާ ފަހަތަށް ކޮއްޕާލިއެވެ. ވީގޮތެއް ނޭނގުމުން ނިމްރާއަށް ވަގުތުން އަރްސަލްއަށް ބަލާލެވުނެވެ. ކޮއްޕާލި ގޮނޑުގައި އަނެއްއަތުން ނިމްރާއަށް ފިރުމާލެވުނެވެ.
"މި ކޮޓަރިއަށް ވަންނާށޭ ބުނީ ކާކުތަ؟" އަރްސަލް ބާރަށް ބުނެލިއެވެ.
"އަން...ނާށޭ... ބުނީ...މަ" ހައިރާންކަމުގެ ތެރޭ ހުރެ ނިމްރާ ބުންޏެވެ. އަރްސަލް ލޯ އަޅާލަމުން ނިމްރާގެ ތުންފަތަށް ބަލާލުމާއެކު ނިމްރާ އަވަސްއަވަހަށް އަނގަ ލައްޕާލިއެވެ. އަރްސަލްގެ އެ ބަލާލުމުން ހީވީ އޭނާގެ ލޮލުން އެކަނި ހަމަލާދީ ނިމްރާގެ އަނގަ ބަންދުކޮއްލަ ފާނޭ ހެނެވެ. އިތުރު އެއްޗެއް ނުބުނެ އަރްސަލް ކޮޓަރިއަށް ވަދެގެން ދިޔައީއެވެ.
އެއްކޮށް ނުލެއްޕި ހުރި ދޮރުގެ ދޭތެރެއިން ލުއިލުއި މީރު ވަހެއް ކޮޓަރި ތެރެއިން ނުކުންނަމުން ދިޔައެވެ. ނިމްރާ ދެތިން ފަހަރު ނޭފަތް ދަމާލިއެވެ. ހަށިގަނޑަށް އަރާމު ލިބޭފަދަ ލުއިލުއި މީރު ވަހެކެވެ. އެއީ ކޮންވަހެއްބާއޭ ނިމްރާގެ އަމިއްލަ ހިތާ ސުވާލުކޮއްލެވުނެވެ. ސިކުނޑީގެ ވަރުބަލިކަން ފިލުވާލަ ދޭފަދަ ގޮތެއް އެ ވަހުގައި ހުއްޓެވެ.
"އިޓްސް ފްލޯރިކް... ނޯ... ވުޑީ... ނޯ ނޯ... މަސްކިއުލިންގ... ނޯ އިޓްސް ފްލޯރިކް... މޯ ފެމިނިންގ... ސުވީޓް އެންޑް މަސްކިއުލިންގ..." ދެ ލޯ މަރާލެވުމާއެކު ނިމްރާއަށް ދޮރުގެ ހުޅުވިފައި ހުރި ތަންކޮޅާ ދިމާއަށް ބޯދިއްކޮށްލެވުނެވެ. އޭރު އޭނާގެ ހިތާއި ސިކުނޑި އަރާރުންވަމުން ދިޔައީ އެ ދުވާ ވަހާ މެދުއެވެ. އެ ވަހުގެ އަސްލު ގުޅިފައިވަނީ ކޯޗަކާމެދު ކަމެވެ. ކޮޓަރީތެރެ ހުރީ ވަރަށް ފިނިކޮށްފައިކަން ދޮރުގެ ދޭތެރެއިން އަންނަ ގަނޑުފެންހާ ފިނި ވައިން އެނގެއެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން މަޑުމަޑުން ކެނޑެމުން ދިޔަ ކަހަލައެވެ. ފުންނޭވާއެއް އެތެރެއަށް ދަމާލުމާއެކު މަޑުމަޑުން ނިމްރާ ބޭރުކޮއްލައެވެ. ކުއްލިއަކަށް މޫނުގެ ތަންކޮޅަކަށް ފިނިވުމުގެ ބަދަލުގައި މުޅި ހަށިގަނޑަށް ފިނީގެ އަސަރު ކުރިކަން ނިމްރާއަށް އިހުސާސް ކުރެވުނެވެ. އެ ހިތްގައިމު ކަމުގެ ތެރެއިން ނިމްރާ ސަމާލުކަމަށް ގެނުވީ ކަރުކެހިލި އަޑެވެ. ދެ ލޯ ހުޅުވާލުމާއެކު ކައްޓެއްހެން ހަށިގަނޑު ސީދާ ކޮއްލަމުން އަރްސަލްއަށް ނިމްރާ ބަލާލިއެވެ. ދޮރުމަތީ އަރްސަލް ހުރީ ފަކުރުގަނެފައި ހުރި މީހަކު ހުންނާނޭ ފަދަ ގޮތެއް އަނގަޔަށް ހަދައިގެންނެވެ. އެއާއެކު ނިމްރާގެ ނަޒަރު އެހެން ދިމާއަކަށް އޭނާ އަމާޒުކޮއްލިއެވެ.
"އަން..." އަރްސަލް ބުނެލި އަޑު އިވުނެވެ. އޭނާގެ މޫނަށް ބެލުމުގެ ބަދަލުގައި އަރްސަލް ދެއަތުން ހިފަހައްޓާލައިގެން ހުރި ބެޑްޝީޓު ސެޓުގައި ނިމްރާ ހިފިއެވެ. އެއާއެކު އަރްސަލް އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ. މިފަހަރު އެތެރެއަށް ވަދެފައި ފަހަތުން ދޮރުލައްޕާލިއެވެ. ދޮރާ ދިމާއަށް ބަލާލާފައި ނިމްރާ ހިނގައިގަތީ އޭނާ ހުރުމަށް ހަމަޖެހިފައިވާ ކޮޓަރިއާ ދިމާއަށެވެ.
"ކްރީޕް... ވިއާޑޯ... ފްރީކިޝް..." އެނބުރި އައިސް އަލަމާރި ތެރެ ހާވަމުން އަރްސަލް އަމިއްލަ ހިތާ ވާހަކަދެއްކީ ނިމްރާ ހުރި ގޮތް ފެނުމުން އެކަމާ ގުޅުވާ ލާފައެވެ. އަލަމާރިތެރެއިން އޭނާ ހޯދަން ބޭނުންވި އެއްޗެއް ނުފެނުމުން ޖީބުގައި އޮތް ފޯނު ނަގާ މީހަކަށް ގުޅިއެވެ. ފޯނު ކޯލު ނިންމާލާފައި ކޮޓަރީގެ ދޮރުހުޅުވާލި އިރު ނިމްރާ ފެންނަން ނެތުމުން ހޯދާލިއެވެ. ފެންނަ ހިސާބުގައި ނެތުމުން ކޮޓަރީގައިކަން ނިމްރާވީ ނިންމާ އަރްސަލް އައިސް ކުރީން އިން ސޯފާގައި އިށީނެވެ. އެހެން އިންނަތާ ގިނައިރެއްނުވެ އެޕާޓްމެންޓުގެ ދޮރު ހުޅުވާލިކަން އެނގި އަރްސަލް ވަގުތުން ތެދުވިއެވެ.
"ކަލާމް އެބަހުރި... ކީއްކުރާ ބާލީސްތަކެއް" އެތެރެއަށް ވަން ރާދިން އަހާލިއެވެ. އަރައިގެން ހުރި ބޫޓު ބާލާފައި ކާމޭޒު ކައިރިއަށް އައިސް މޭޒު މަތީ ލެޕްޓޮޕް ދަބަސް ބަހައްޓާ ފެންފޮދެއް ބޯން ރާދިން އުޅުނެވެ.
"އެތެރޭގައި ހުރި ކޮޓަރިއަށް..." އަރްސަލް ފަރުވާކުޑަ ގޮތަކަށް ރާދިންއަށް ޖަވާބު ދެމުން އައިސް ދޮރު ކައިރީ މަޑުކޮއްލިއެވެ. އޭރު ބިދޭސީ ފިރިހެނަކު ދެ ބާލީސް ކިހިލީ ޖަހާލައިގެން އަނެއް އަތުން ފޮތި ދަބަހެއް ހިފަހައްޓާލައިގެން ހުއްޓެވެ. އަރްސަލް އޭނާއަށް އެތެރެއަށް އައުމަށް އިޝާރާތްކޮއްލަމުން އެތެރެއަށް ހިނގައިގަތެވެ.
"ވަދޭ" ދޮރުގައި ޓަކި ޖަހާލި އަޑާއެކު ތަންމަތި އަޅަން އުޅުނު ނިމްރާ ހިންދެމިލަމުން ބުނެލިއެވެ. އެއާއެކު ދޮރުހުޅުވާލާ އެތެރެއަށް ވަންތަން ފެނުނީ އަރްސަލްއެވެ. އޭނާ އަތުން ކޮއްލި އިޝާރާތަކާއެކު ބިދޭސީ ފިރިހެނަކު ކޮޓަރިއަށް ވަދެ އޭނާގެ އަތުގައި ހުރި ސާމާނުތައް ތަޅުން މަތީ ބެހެއްޓިއެވެ.
"ދެން ދިޔަސް އެންމެ ރަނގަޅު" އަރްސަލްގެ ބުނުމަށް ކަލާމް ބޯޖަހާލާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. އެއާއެކު އަރްސަލްގެ ނަޒަރު ނިމްރާއާ އަމާޒުވެގެންދިޔައެވެ. އެ ހުރިހާ އިރު އޭނާގެ ހަރަކާތްތަކަށް ބަލަން ނިމްރާ ހުރީއެވެ. އޭނާއަށް ވެސް ކޮޓަރިތެރެއަށް ވެއްދި އެއްޗެހި ފެނުނެވެ. އަދި އެއީ އޭނާއަށް ގެނެސްދިން އެއްޗެހިކަން ވެސް ނިމްރާއަށް އެނގެއެވެ. އަރްސަލް ބަލަން ހުރި ގޮތުން ހީވަނީ އޭނާ އެއްޗެކޭ ބުނަން އުޅޭ ހެންނެވެ. ނިމްރާ ކުރަން ހުރި މަސައްކަތަށް އެނބުރި ނުގޮސް ހުރީ އެހެންވެއެވެ.
"ތިކަން ކޮއްފައި އާދޭ" އިރުކޮޅަކު ނިމްރާއާ ދިމާއަށް ބަލަން ހުރުމަށްފަހު އަރްސަލް ބުނެލިއެވެ. އަދި ނިކަން އަވަހަށް ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި އަރްސަލް ދިއުމުން ނިމްރާ މަޑުމަޑުން އައިސް ދޮރު ލައްޕާލިއެވެ.
ހަލުވިކޮށް ސިޓިންރޫމަށް އަރްސަލް ނުކުތް އިރު ކާމޭޒު ކައިރީ އެއްބައި ބޮއެފައި ހުރި ފެންތަށި ހިފައިގެން ރާދިން ހުއްޓެވެ. ހީވީ އަރްސަލް އެނބުރި އަންނަން ދެން މަޑުކޮށްގެން ހުރީ ހެންނެވެ.
"މެއިޑު ގެންނަން ވެގެންތަ ރެޑީ ކުރަނީ" ރާދިން އަހާލިއެވެ.
"ޝީ އިޒް އޯލް ރެޑީ ހިއާ" އުސްކޮށް ހުރި ކައުންޓަރުގެ ކައިރީ ހުރި ދެ ސްޓޫލްއިން ކުރެ އެއް ސްޓޫލްގައި އިށީންނަމުން އަރްސަލް ބުނެލިއެވެ.
"ވަޓް؟" ޤަބޫލުކުރަން އުނދަގޫވެފައި ހުރި ރާދިންއަށް ކާމޭޒު މަތީ ފެންތަށި ބަހައްޓާލެވުނީ ތަންކޮޅެއް ބާރަށެވެ.
"އަރްސަލް!... ކޮންއިރަކުން އަހަރެން ގާތުގައި ބުނަން ތި މަޑުކުރަނީ؟" ރާދިން ހުރީ އަޖައިބުވެފައެވެ. އަރްސަލް ކުރަން އެ އުޅެނީ ކީއްކަމެއް ކުޑަކޮށް ވެސް ރާދިންއަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ.
"ގޭގައި ނުބެހެއްޓިޔަސް މަސައްކަތް ކުރާނޭ މީހަކު ލިބިދާނެ... ރޫމްތައް ސާފުކުރާ މީހުންގެ ތެރެއިން ސްޓާފަކު ގެންނަންވީނު. އެވެސް އަހަރެމެންގެ މުވަޒައްފުންނެއްނު... ގެސްޓް ރޫމްތައް ސާފުކުރާއިރު މިބައި ވެސް ސާފުކުރަން އެ މީހުންނަށް އުނދަގުލެއްނުވާނެ. މި މަސް ނިމެންވާއިރަށް ތިރީގައި އެ ހަދާ ރެސްޓޯރެންޓް ނިމޭނެ. އެވެސް އަހަރެމެންގެ ތަނެއްނު... ކައްކާ މީހަކު ނުހޯދިޔަސް އެ ތަނުން އަހަރެމެންނަށް ހުރިހާ ވަގުތަކު ކާން ހުންނާނެ... ދެން... އަހަންނަކަށް... ނުވިސްނޭ މެއިޑެއް ހޯދަން އަރްސަލް ތިއުޅޭ ބޭނުމެއް" ރާދިން ހުރިހާ ވާހަކައެއް ދެއްކީ އަރްސަލްގެ ހަޤީޤީ ބޭނުން އޮޅުން ފިލުވާށެވެ.
"ރާދުގެ ކަންކަން ކުރާކަށް އޭނާއަކަށް ނުޖައްސާނަމޭ. އެ ނިމުނީނު... އޭނާ ކުރާނީ އަހަރެން ބުނާ ކަންތައްތައް. އޭނާއަށް ޕޭ ކުރާނީ އަހަރެންގެ އަމިއްލަ ޖީބުން... ކޮމްޕެނީގެ ފައިސާއަކުންނޫން. މިކަމުގައި އަހަންނާއި ރާދު އެއްބައިވުން މުހިންމެއްނޫނޭ" އަރްސަލްއަށް ކުޑަކޮށް ވެސް އޭނާގެ އެ ނިންމުގައި ރާދިންގެ ޚިޔާލު މުހިންމު ނޫންކަން އެނގެއެވެ. ޚުދު ރާދިންއަށް ވެސް ގަބުވެފައި ހުރެވުނީއެވެ. ބުނާނޭ އެއްޗެއް ނޭނގިފައެވެ.
އެންމެ ފަހު ބާލީހަށް ނިމްރާ އުރަ ލައްވާލުމާއެކު އެ ބާލީސް މޫނުގައި އަޅާ ހިފަހައްޓާލިއެވެ. އަރްސަލްގެ ކޮޓަރިތެރެއިން ދުވި ލުއިލުއި މީރު ވަސް އެ ބެޑުޝީޓު ސެޓުގައި ހަރުލާފައި ހުއްޓެވެ. ވަރުބަލިވެފައި ހުރިކަން ނިމްރާއަށް އިހުސާސް ކުރެވުނެވެ. އެވަގުތު އޭނާ ބޭނުންވީ އެ ލުއިލުއި މީރު ވަހުގެ ތެރެއަށް ހަށިގަނޑު ދޫކޮއްލައިގެން ދެ ލޯ މަރާލައިގެން އޮންނާށެވެ. އެހެންނަމަވެސް އަރްސަލްގެ އެންގުން ހަނދާނުގައި ހަރުލާފައި ހުރުމުން މޫނާއި ބާލީސް ދުރުކޮއްލާ އެނދުގައި ދެން އޮތް ބާލީހާ ޖެހިގެން ރީތިކޮއް ބާއްވާލިއެވެ. އަދި ގުދުވެގެން އުޅެން ޖެހުމުގެ ސަބަބުން ހޭވިފައި ހުރި އިސްތަށިގަނޑު އަތުން ރަނގަޅުކޮއްލާފައި ކޮޓަރި ނުކުތެވެ.
ސިޓިންރޫމާއި ބަދިގެ ފެންނަ ހިސާބަށް ނިމްރާއަށް ނުކުމެވުމާއެކު އޭނާއަށް އަރްސަލް ފެނުނެވެ. ހަމައެހިނދު ކާމޭޒު ދޮށުގައި ހުރި ރާދިން ވެސް ފެނުނެވެ.
"ވަޓް ދަ.... އަރްސަލް" ކުއްލި ސިހުމާއެކު ރާދިންގެ އަނގައިން ނުކުންނަން އުޅުނު ބަސްތައް ވަކި ހިސާބަކުން އޭނާ ދިރުވާލާފައި އަރްސަލްއަށް ގޮވާލީ ތަންކޮޅެއް ބާރަށެވެ. އޭނާއަށް އަރްސަލް ގެނައި މެއިޑަކީ ނިމްރާކަށް އެނގުނީއެވެ.
"މީ މެއިޑް" ރާދިންއަށް ވީގޮތް އަރްސަލްއަށް ފާހަގަ ނުވާ ކަހަލައެވެ. އެއްވެސް އަސަރެއްނެތް ފަދަ ގޮތަކަށް ރާދިންއަށް ނިމްރާ ދައްކާލަމުން އަރްސަލް ބުނެލިއެވެ. އެހިނދު އެތަނުގައި ރާދިން މަޑެއް ނުކުރިއެވެ. މޭޒު މަތީ ބޭއްވި ލެޕްޓޮޕް ދަބަސް ނަގަމުން ހަލުވިކޮށް އޭނާ ހިނގައިގަތީއެވެ. ނިމްރާގެ ގާތުން ނެއްޓި އެތެރެއަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕި އަޑު ނިމްރާއާއި އަރްސަލްއަށް ވެސް އިވުނެވެ.
"މި ކަބަޑުތަކުގައި ހުންނާނެ އެކި ކަންކަމަށް ބޭނުންވާނޭ އެއްޗެހި. އަހަރެން ފަތިހު ހޭލާފައި ކޮފީ ބޯން ބޭނުންވާނެ... ހެނދުނު އޮފީހަށް ދިއުމުގެ ކުރީން ބްރެކްފަސްޓް ނަގާނަން... އާންމުކޮއް ކޮންޓިނެންޓަލްއެއް ނަގާނީ... ޖޫސް ހުންނަންވާނީ ފްރެޝްކޮއް. ފްރިޖުގަ ހުންނާނެ ފްރުޓްސް. މެންދުރާއި ހަވީރުގެ އިތުރުން ރޭގަނޑު ވެސް ކެއުން ހުންނަން ޖެހޭނީ ތައްޔާރުވެފައި. މެންދުރުގެ މެނޫގައި ކުޅި ދެ ބާވަތާއި ރައިސްގެ އިތުރުން ސެލެޑް ހުންނަންޖެހޭނެ. ރޭގަނޑު ކުޅި އެއްޗެއް އަހަރެން ނުކުނާނަން... ހުރިހާ އިރެއްގެ ކެއުން ވެސް ހުންނަން ޖެހޭނީ ފްރެޝްކޮއް. ގޭތެރޭގެ އެއްވެސް ތާކުން ހިރަފުހުގެ އަސަރު ފެނިގެން ނުވާނެ. ކޮންމެ ދުވަހަކު ޝެލްފްތަކުގައި ހުރި ފޮތްތައް ނަގާ ސާފުކުރަން ޖެހޭނެ. އަހަރެންގެ ކޮޓަރިއަށް އަދި ރާދުގެ ކޮޓަރިއަށް ވެސް އަހަރެމެންގެ ހުއްދަ ނުލިބި ވަދެގެން ނުވާނެ. ކޮފީ މޭޒުމަތިން ފެންނަ އެއްވެސް ކަހަލަ ކަރުދާހެއް އެއްލާލަން ޖެހޭނީ އަހަންނަށް އެ ދައްކާފައި. އޭގެ އިތުރުން އަހަރެން ކޮފީއެއް ބޯން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ކޮފީ ހަދައިގެން ގެންނަން ޖެހޭނެ. އެހެންވީމަ އަހަރެން ގޮވާލަ ފާނެތީ އަޑުއިވޭ ހިސާބުގައި ހުންނާނީ... އެކަމަކު އަހަންނަށް ކަލޭ ފެނިގެންނުވާނެ... ކޮންމެ މަހަކު ދުއިސައްތަ ޑޮލަރު ކަލޭގެ މުސާރައިގެ ގޮތުގައި ދޭނަން. އާން! އަދި އެއްކަންތައް... ކައްކާނީ ދެ މީހުންނަށް ވާވަރަށް. އިތުރުވެގެން އުކާލަން ޖެހިގެން ނުވާނެ... ސާފު ވެއްޖެތަ؟" އަރްސަލް ދެއްކި ހުރިހާ ވާހަކައަކަށް ނިމްރާ ބޯޖަހާލީ އަޖައިބުވެފައި ހުރެއެވެ. އޭނާ އެބުނި ހުރިހާ ކަމެއް ނިމްރާ ކުރާނީ ކިހިނެއްކަމެއް ޚުދު ނިމްރާއަކަށް ވެސް ނޭނގެއެވެ.
"ސާފުވެއްޖެކަމަށްވާނަމަ މިރެއަށް ކާން ތައްޔާރުވެފައި ހުންނަން ޖެހޭނީ. ކަލޭ ގެނެސްފައި ތި ހުރީ މަސައްކަތްކުރަން... އެހެންވީމަ ޓީވީ ބެލުމުގައި ނޫނީ އެހެންވެސް ކަމެއްގައި ވަގުތު ބޭކާރުކުރާތަން އަހަންނަށް ފެނިގެން ނުވާނެ" އަރްސަލްގެ އަޑުގައި ހުރި ހަރުކަށިކަން ފިލައިގެން ނުދެއެވެ. އޭނާގެ ބެލުމުގައި ވެސް ވަނީ އެ ހަރުކަށިމާއި ނުރުހުމެވެ.
"ކޮފީ... ކޮފީ މެޝިނު ބޭނުންކުރާކަށް ނޭނގޭ..." ހާސްވެފައި ހުރި މީހަކު ފަދައިން ނިމްރާ ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ބަދިގޭގެ ބިއްދޮށުގައި ބަހައްޓާފައި ހުރި ކޮފީމެޝިނުން އަރްސަލްއަށް ދަތުރުކޮއްލިއެވެ. ދުވަހަކު ވެސް މެޝިނަކުން ކޮފީއެއް ނިމްރާ ނުހަދައެވެ. އެއީ ކިހިނެއް މަސައްކަތް ކުރާ އެއްޗެއްކަމެއް ކުޑަކޮށް ވެސް ނިމްރާއަކަށް ނޭނގެއެވެ. އޭނާ ކޮފީ ބޯން ފެށީ ރަޒިއްޔާ ގަނެއްފައި ހުންނަ ކޮފީ ޕެކެޓުތަކުންނެވެ. ޖޯޑަކަށް އެއިން ޕެކެޓެއް އަޅާލުމަށްފަހު ހޫނުފެން އަޅައި ގިރާލުމުން ކޮފީ ހެދުނީއެވެ.
"އާދޭ..." ޚިޔާލުތަކުގެ ތެރެއިން ނިމްރާގެ ސަމާލުކަމަށް އަރްސަލްގެ އަޑު އައެވެ. އަވަސް އަވަހަށް އަރްސަލްގެ ފަހަތުން އައިސް އޭނާއާއެކު ކޮފީ މެޝިން ކައިރީ މަޑުކޮއްލިއެވެ. މެޝިނަށް ކޮފީ އަޅާނޭ ގޮތާއި ކިރު ހޫނު ކުރާނޭ ގޮތާއި މެޝިނު ޖައްސާ ނިއްވާނޭ ގޮތް އަރްސަލް ކިޔައިދިނެވެ. ހުރިހާ ތަފްސީލެއް ނިމްރާ ހުރީ ކަނުލާ އަޑުއަހާށެވެ.
ނިމްރާއަށް ހުރިހާ ކަމެއް އޮޅުން ފިލުވާ ދީފައި ދެން އެންގީ ދެމީހުން ކާން އަންނަން ވާއިރަށް މޭޒުމަތި ތައްޔާރު ކުރުމަށެވެ. އެކަމާ ނިމްރާ އަވަސްވެލިއެވެ. ފޯނު ހިފައިގެން އަރްސަލް ހިނގައިގަތީ ނިމްރާއާ ދުރަށެވެ. ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަންޏަށް ނުކުމެ ހުރުމަށްފަހު އަރްސަލް އެނބުރި އައިސް ރާދިންގެ ކޮޓަރީގައި ޓަކި ދިނެވެ.
"ރާދު..." ރާދިންގެ ޚަބަރެއް ނުވުމުން ދޮރުފަތާ ކައިރިވެލާފައި އަރްސަލް ގޮވާލިއެވެ.
"ކިހިނެއްވީ؟" ރާދިން ބުނެލި އަޑު އިވުނެވެ. މަޑުކުރުމެއްނެތި އަރްސަލް ދޮރުހުޅުވާލާ ރާދިންގެ ކޮޓަރިތެރެއަށް ވަނެވެ. އޭރު އެނދުގައި ރާދިން އޮތެވެ. އެއްފަރާތުގައި ލެޕްޓޮޕް ހުޅުވާފައި ހުއްޓެވެ. ނަމަވެސް އޭނާ އޮތް ގޮތުން މަސައްކަތެއް ކުރަނީކީ ނޫންކަން އަރްސަލް ދެނެގަތެވެ.
"ހިނގާ ކާން... އިރުކޮޅަކުން ކާއެއްޗެހި އަންނާނެ" ރާދިންއަށް ބަލަހައްޓައިގެން އެނދު ކައިރީ އިރުކޮޅަކު ހުރުމަށްފަހު އަރްސަލް ބުނެލިއެވެ.
"އެ އަންހެންކުއްޖާ މިގެއަށް ގެނައުންތީ އަރްސަލް ހަދާ ބޮޑު ގޯހެއް... އަހަންނަކަށް ހިޔެއްނުވޭ އަރްސަލްއަށް ވެސް އެނގޭހެނެއް ތި ކުރެވޭ ކަންތައްތައް" ރާދިން ތެދުވެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.
"ޕްލީޒް ރާދު... އެންމެނާ ދެކޮޅު ހަދާ ޖަދަލުކުރިޔަސް ރާދުއާ ފައިޓް ކުރާކަށް އަހަރެން ބޭނުމެއްނޫން. ޕްލީޒް... މިވަގުތު އޭނާ އެ ހުރީ ހުންނަންޖެހޭ ތަނުގައި... އަހަރެންގެ ކުރިމަތީގަ... އަހަރެން އޭނާ ގަދަކަމުން ގެނައީކީނޫން. އޭނާ އައިސް އެ ހުރީ އޭނާގެ އަމިއްލަ ރުހުމުގައި. އަހަރެން ހަމައެކަނި ހުށަހެޅީ ޑީލްއެއް... އެ ޑީލްގައި ސީލް ޖެހީ އޭނާ... ސޯ ޕްލީޒް... އަހަރެން ހަމަޖެހިލައިގެން ވާހަކަދައްކާނޭ ކޮންމެވެސް މީހަކު އެޓްލީސްޓު ހުންނަން ބޭނުން... އެ މީހަކީ ރާދުކަން އެނގޭނެ" އިސްޖަހާލައިގެން ހުރެ އަރްސަލް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. އޭނާގެ ވާހަކައަށް ރާދިން ފުންނޭވާއެއް ދޫކޮއްލާފައި އެނދުން ތެދުވިއެވެ.
"އަހަންނަކަށް ނޭނގެ ތިކަމުގައި ދެން ބުނާނޭ އެއްޗެއް. އެކަމަކު ބުނަން... އަހަރެންގެ އަމިއްލަ ކަންތައްތައް އަހަންނަށް ކުރެވޭނެ. އޭނާ ގާތު އަހަރެންގެ އެއްވެސް ކަމެއް ކުރަން ބުނެގެންނުވާނެ" ރާދިން ތެދުވެގެން އައިސް ދަނޑީގައި އަޅުވާފައި އޮތް ޓީޝާޓު ނަގާ ބޮލަށް މަހަމުން ވާހަކަދެއްކިއެވެ.
"ނުބުނާނަން... އެކަމަކު... އޭނާއާ މެދު އަހަރެންގެ ޢަމަލުތައް ބަހައްޓާ ގޮތަށް ރާދު ނުވާނެ އެއްވެސް އެއްޗެއް ބުނެގެން" އަރްސަލް އަވަހަށް ބުނެލިއެވެ. ރާދިން އެކަމާ އެއްޗެއް ނުބުނި ނަމަވެސް އިރުކޮޅަކު ބަލަން ހުރެފައި ގޮތަކަށް ބޯހަލުވާލިއެވެ. އެވަރުން އަރްސަލް ޤަބޫލުކޮއްލީއެވެ.
"އޭނާ ކޮބާ؟" ކޮޓަރިން ނުކުތުމުގެ ކުރީން ރާދިން އަހާލިއެވެ.
"ތަށިތައް މޭޒުމައްޗަށް ނަގަން ބުނެފަ މި އައީ" އަރްސަލް ބުނެލިއެވެ.
"އޭނާ ކައިފިތަ؟" ދެން ވެސް ކޮޓަރިން ނުކުތުމުގެ ކުރީން ރާދިން ސުވާލުކުރީއެވެ.
"އޭނާއަށާއެއްކޮށް ކާން މި ގެންނަނީ... އޭނާއަށް އެނގޭނެ ކަންތައް ކުރަންވީ ގޮތް. ހުރިހާ ކަމެއް ކިޔައިދީފައި މި އައީ" ފަރުވާކުޑަގޮތަށް އަރްސަލް ބުނެލިއެވެ. އިތުރު ސުވާލެއް ރާދިން ކުރުމުގެ ކުރީން އަރްސަލް އެ ކޮޓަރިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ރާދިން ނުކުމެ ދޮރު ލައްޕާލިއެވެ.
ދެ ޒުވާނުންގެ އަޑާއެކު ކަބަޑުސެޓުގައި ބުޑުޖައްސާލައިގެން ހުރި ނިމްރާ އަވަހަށް ހަށިގަނޑު ސީދާކޮއްލިއެވެ. އަދި އެ މީހުންނާ ކުރިމަތިލުމަށް އެނބުރިލިއެވެ. ރާދިން ބަލާލި ނަމަވެސް އަރްސަލް ބަލައެއްނުލިއެވެ. ދެ ޒުވާނުން ގޮސް އިށީނީ ސޯފާގައެވެ. ނިމްރާއަށް އަނެއްކާ ވެސް ހުރި ތަނުގައި މަޑުކޮއްލެވުނީއެވެ. (ނުނިމޭ)