ހަބަރު

"ހަވީރު"ގެ މުވައްޒަފުންނަށް ކުރި އަމުރު ގޯސް: ހިއްސާދާރުން

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރަކީ ގާނޫނާ ހިލާފު އަމުރެއް ކަމަށް ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައާ ހުރިހާ ހިއްސާދާރުން އެއްބަސްވެއްޖެ އެވެ.

ހަވީރުގައި މަސައްކަތްކުރި މުވައްޒަފުން "މިހާރު" ނޫހުގައި މަސައްކަތްކުރަމުންދާއިރު، ދެ އަހަރުވަންދެން އެ މުވައްޒަފުން "ހަވީރު" ނޫން އެހެން ނޫހެއްގައި މަސައްކަތްކުރާނަމަ ފިޔަވަޅު އަޅަން ސިވިލް ކޯޓުން ހޯމް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. ހޯމް މިނިސްޓްރީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ބުނެފައިވަނީ އަމުރު އެގޮތަށް އޮތްނަމަވެސް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ.

އެ މައްސަލަ މުވައްޒަފުން ވެސް ވަނީ ހައިކޯޓުގައި އިސްތިއުފާނުކޮށްފަ އެވެ. މިއަދު ކުރިއަށް ދިޔައީ ދައުލަތުން އިސްތިއުނާފުކޮށްފައިވާ މައްސަލަ އެވެ. ދައުލަތުން ދައުވާކުރީ ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުންނަށެވެ. އަދި އެދިފައިވަނީ ސިވިލް ކޯޓުން މުވައްޒަފުންނަށް ކޮށްފައިވާ އަމުރު ބާތިލުކޮށްދިނުމަށެވެ. ޝަރީއަތުން މީގެކުރިން ވަނީ ހަވީރު ނޫހުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޑރ. ޒާހިރު ހުސެއިން މައްސަލާގެ ތެރެއަށް ވެއްދުމަށް ނިންމާފަ އެވެ. އެހެންވެ މިއަދުގެ އަޑުއެހުމަށް ޒާހިރުގެ ވަކީލުން ހާޒިރުވި އެވެ.

ބަންޑާރަ ނައިބުގެ ވަކީލް ވަނީ ސިވިލް ކޯޓުގެ އަމުރު ބާތިލުކުރަންޖެހޭ ސަބަބުތައް ހުލާސާ ގޮތެއްގައި މިއަދުގެ އަޑުއެހުމުގައި ވިދާޅުވެ ދެއްވާފަ އެވެ. އެގޮތުން ފުރަތަމަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ނޫސް މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާމެދު ވަކި ތަނެއްގައި މަސައްކަތްކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނު އަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީއަށް ނުވަތަ ސަރުކާރުގެ އެހެން ވުޒާރާއަކަށް ވެސް ލިބިފައިނުވުމެވެ. ދެވަނަ ސަބަބަކީ، ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒުކުރެވޭނެ ނިންމުމަކަށްނުވުމެވެ.

ތިންވަނަ ސަބަބަކީ، ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު އިހުތިޔާރުކުރާ ވަޒީފާއެއް އަދާުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާތީ އެވެ. ހަތަރުވަނަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ސިވިލް ކޯޓަށް ތިން ހިއްސާދާރުން ހުށަހަޅާފައިވާ މައްސަލާގައި ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅައިދިނުމަށް އެދިފައިނުވުމެވެ. ފަސްވަނަ ސަބަބަކީ، ހަވީރުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އެފަރާތްތަކުގެ އަސާސީ ހައްގުތައް ހިފެހެއްޓިގެންދާފަދަ އަމުރެއް ކުރިއިރު، އެ މުވައްޒަފުންގެ ބަހެއް ހޯދާފައިނުވުމެވެ.

ފަހު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓު ހުކުމުގައި މިބައި ރައްދުވާ ފަރާތްތަުގެ ތެރޭގައި 3 ފެބުރުއަރީ 2016 އިން ފެށިގެން ހަވީރުގައި ވަޒީފާއަދާކޮށްފައިވާ އެންމެހައި މުވައްޒަފުން ހިމެނޭއިރު، އެކިއެކި މުއްދަތުގައި އެކިއެކި ހައިސިއްޔަތުތަކުން އެކިއެކި ފެންވަރުގެ އަދި އެކިއެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ހިމެނޭއިރު އެއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވުމެވެ.

މިކަންކަމާ ގުޅޭ ގޮތުން ޒާހިރުގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވީ، މުވައްޒަފުންގެ މައްޗަށް ކޮށްފައިވާ އަމުރަކީ އެ މައްސަލާގައި އެދިފައިވާ ކަމަކަށް ގެނައި ހައްލެއް ނޫން ކަމަށެވެ. އެހެންވެ ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ޒާހިރު ތާއިދުކުރައްވާ ކަމަށެވެ.

މައްސަލާގައި ދައުވާ ލިބޭ އަބްދުﷲ ފާރޫގު ހަސަނާއި އިބްރާހިމް ރަޝީދު މޫސާގެ ވަކީލް އަބްދުﷲ ނަސީރު ވިދާޅުވީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުން މައްސަލާގައި އެދުނު އެއްވެސް ކަމަކަށް ފަރުވާއެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ ބަންޑާރަ ނައިބުގެ ފަރާތުން ފާހަގަކުރާ ނުކުތާތަކަށް އެ ފަރާތުން ވެސް އެއްބަސްވާ ކަމަށެވެ. މުހައްމަދު ނައީމަކީ ވެސް ހަވީރު ނިއުސް އެޖެންސީގެ ހިއްސާދާރެކެވެ. އޭނާގެ ފަރާތުން ޝަރީއަތުގައި ތަމްސީލްކުރާ ވަކީލަކު ނުދެ އެވެ.

މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ ހުކުމް އިއްވުމަށެވެ.

މި މައްސަލާގެ އިތުރުން މިއަދު ވަނީ ހަވީރު މީޑިއާ ގުރޫޕްގެ ފަރާތުން ތިން ހިއްސާދާރުންނާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތް ވެސް ފަށާފަ އެވެ. އެ ދައުވާކޮށްފައިވާ ސަބަބެއްގެ ގޮތުގައި ހަވީރު މީޑިއާ ގުރޫޕްގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ތިން ހިއްސާދާރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުވާ ލިބޭ ފަރާތަކަށް އެ ކުންފުނި ނުވާއިރު ހުކުމްގައި އެ ކުންފުންޏަށް އަމުރުކޮށްފައިވާތީ ކަމަށެވެ. އެ ކުންފުންޏަކީ ހަވީރު ހުއްޓާލިއިރު އެ ނޫސް ހިންގަމުން ދިޔަ ކުންފުންޏެވެ. މުއިއްޒު އެދިވަޑައިގަތީ ހަވީރު މީޑިއާ ގުރޫޕަށް ރައްދުވާ ގޮތަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކޮށްދިނުމަށެވެ.

ފާރޫގާއި އިބްރާހިމް ރަޝީދުގެ ވަކީލް ނަސީރު ވިދާޅުވީ 2013 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހަވީރު ނިއުސް އެޖެންސީގައި އެ ދެ ބޭފުޅުންގެ ހިއްސާ ވެސް އޮންނަ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އޭގެ ފަހުން އެ ބޭފުޅުންނަށް އެނގުމެއް ނެތި ހަވީރު ނޫހުގެ ހުރިހާ މުދަލެއް ހަވީރު މީޑިއާ ގުރޫޕަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ހިއްސާދާރުންނަށް ނޭނގި ޒާހިރު ކުރައްވާފައިވާ އެ ނަގުދަކީ ބާތިލު ނަގުދެއް ކަމަށެވެ. އެހެންވެ، ހަވީރުގެ ހިއްސާއާ ގުޅޭ ގޮތުން ކުރި ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިއްވި ހުކުމަކީ ސައްހަ ހުކުމެއް ކަމަށް ކަނޑައަޅައިދޭން ނަސީރު ވަނީ އެދިވަޑައިގެންފަ އެވެ.

މި މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި ތަފްސީލީ ގޮތެއްގައި ދެ ފަރާތުން ވާހަކަ ދެއްކުން އޮންނާނެ އެވެ. ޝަރީއަތުން ވަނީ ހަވީރު މީޑިއާ ގުރޫޕްގެ އޮޑިޓް ރިޕޯޓް ހުށަހަޅަން ވެސް އަންގާފަ އެވެ.

ޒާހިރުގެ ފަރާތުން ތިން ހިއްސާދާރުންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލާގެ އަޑުއެހުމެއް ވެސް މިއަދަށް ތާވަލުކުރި އެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.