ހޮލީވުޑް

ބޮކްސް އޮފީހުގައި "ބްލެކް ޕެންތާ"އަަށް އެއް ބިލިއަން

މާވެލްގެ ސުޕަހީރޯ ފިލްމު "ބްލެކް ޕެންތާ" ބޮޑު ރެކޯޑެއް އަނެއްކާވެސް ގާއިމްކޮށްފި އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދައްކައިގެން އެ ފިލްމު މިހާރު ވަނީ އެއް ބިލިއަން ޑޮލަރު ހޯދާފަ އެވެ. އެ ފިލްމު އެއް ބިލިއަން ޑޮލަރު ހޯދީ ފިލްމު ރިލީޒްކުރިތާ 26 ދުވަހުގެ ތެރޭގަ އެވެ.

ރިއާން ކޫގްލާ ޑައިރެކްޓުކޮށްފައިވާ މި ފިލްމަކީ އެއް ބިލިއަން މާކްއަށް އެރި 33 ވަނަ ފިލްމެވެ. އެއް ބިލިއަން މާކްއަށް އެރި ޑިޒްނީގެ 16 ވަނަ ފިލްމަށް މި ފިލްމުވާއިރު މި ފިލްމަކީ މާވެލްގެ މި ރެކޯޑު ގާއިމްކުރި ފަސް ވަނަ ފިލްމެވެ. މި ކާމިޔާބީއާއެކު މި ފިލްމު މިހާރު ވަނީ "އެވެންޖާސް: އޭޖް އޮފް އަލްޓްރޯން" އާއި "އަޔަން މޭން 3" އަދި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އާއި އެއް ރޭންކަކަށް އަރާފަ އެވެ.

އެމެރިކާގެ ބޮކްސް އޮފީހަށް ބަލާއިރު، 521 މިލިއަން ޑޮލަރު ހޯދާ އެންމެ ވިޔަފާރީ ރަނގަޅު ނުވަ ވަނަ ފިލްމުގެ މަގާމު ވަނީ ދިފާއުކޮށްފަ އެވެ. ކުރިއަށް އޮތް ހަފުތާ ބަންދުގައި އެމެރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް 40 މިލިއަން ޑޮލަރު އިތުރަށް ލިބޭނެ ކަމަށް ބެލެވޭއިރު، އެ އަދަދަށް ވިޔާފާރި ވެއްޖެނަމަ މި ފިލްމު ވެގެންދާނީ ދެ ވަނަ އަށް އެންމެ ވިޔަފާރީ ރަނގަޅު ސުޕްހީރޯ ފިލްމަށެވެ. މިހާރު އެ މަގާމުގައި އޮތީ "ދަ ޑާކް ނައިޓްސް" އެވެ.

ހަމައެއާއެކު އެ އަދަދަށް ވިޔަފާރި ވެއްޖެނަމަ މި ފިލްމުގެ ވެގެންދާނީ "ދަ އެވެންޖާސް" ފަހަތަށް ޖައްސާލުމަށްފަހު ހަތަރު ހަފުތާ ތެރޭގައި އެންމެ ވިޔަފާރީ ރަނގަޅު ތިން ވަނަ ފިލްމަށެވެ. ހަތަރު ހަފުތާ ތެރޭ އެންމެ ރަނގަޅު ވިޔަފާރީ ކޮށްގެން އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ "އެވޭޓާ" އަދި "ސްޓާ ވޯޒް: ދަ ފޯސް އަވޭކެންސް" އެވެ.

ބައިނަލްއަގުވާމީ ބޮކްސް އޮފީހުގައި މި ފިލްމަށް މިހާތަނަށް ލިބިފައިވަނީ 500 މިލިއަން ޑޮލަރެވެ. ޗައިނާގައި މި ފިލްމު މިހާރު އަޅުވާފައިވާއިރު ފުރަތަމަ ދުވަހު އެކަނިވެސް 20 މިލިއަން ޑޮލަރު ހޯދާފައިވެ އެވެ.

ބްލެކް ޕެންޗާގެ - ދަ ވުމަން އޮފް ވަކަންޑާ އިންޓަވިއު.

ކްރިޓިކުން ބޮޑު ތައުރީފެއް އޮއްސާލި މި ފިލްމަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކުރި ފިލްމެކެވެ. މި ފިލްމަކީ އެމެރިކާގެ ކަޅު ނަސްލުގެ މީހުން ހިމެނޭ ގޮތަށް ފުރަތަމަ ފަހަރަށް މާވެލް އިން ގެނެސްދޭ ސުޕަހީރޯ ފިލްމަށްވުމާއެކު ފިލްމުގެ މަގުބޫލުކަން އިތުރަށް ބޮޑުވެގެން ގޮސްފައިވެ އެވެ.

މި ކާމީޔާބީތަކާއެކު މި ފިލްމަށް ސާފު ފައިދާގެ ގޮތުގައި މިހާރު 800 މިލިއަން ޑޮލަރުގެ ބޮޑު އާންމަދަނީއެއް ވަނީ ލިބިފަ އެވެ.

މީގެ އިތުރުން މި ފިލްމަކީ މިހާތަނަށް އެމެރިކާގެ ކަޅު ނަސްލުގެ މީހަކު ޑައިރެކްޓުކުރި ފިލްމަކަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި އެންމެ ބޮޑު އާމްދަނީ ލިބުނު ފިލްމުވެސް މެއެވެ. މި ފިލްމު ޑައިރެކްޓް ކުރީ ރިއާން ކޫގްލާ އެވެ. މީގެ ކުރިން މި ޝަރަފު އޮތީ "ފޭޓް އޮފް ދި ފިއުރިއަސް" ގެ ޑައިރެކްޓަރު، އެފް ގެރީ ގެރީ އަތުގަ އެވެ. މިދިޔަ އަހަރު އޭޕްރީލް މަހު ރިލީޒްކުރި އެ ފިލްމަށް ތިން ދުވަސް ތެރޭގައި 98 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

މި ފިލްމު ލީޑުން ފެނިގެންދަނީ ޗެޑްވިކް ބޯސްމެން އާއި މައިކަލް ބީ ޖޯޑަން އާއި ލުޕިތާ ޔޯންގޯ އާއި މާޓިން ފްރީމެން އަދި ޑެނިއެލް ކަލުއްޔާ އެވެ. ފިލްމުގެ ލީޑުން ފެނިގެންދާ "ބްލެކް ޕެންތާ" ގެ ކެރެކްޓާ ޓީ ޗާލާ، މާވެލްގެ ބެލުންތެރިންނަށް އެންމެ ފުރަތަމަ ތައާރަފްވީ "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" އިންނެވެ. ކުރިއަށް އޮތް މާވެސްގެ ފިލްމު "އެވެންޖާސް އިންފިނިޓީ ވޯ" ގައިވެސް އޭނާ ފެނިގެންދާނެ އެވެ.