އިސްލާމިކް ބޭންކް

ބޭނުން ނުކުރާ އެކައުންޓްތައް ބޭނުންނަމަ އެދެން އެމްއައިބީން އަންގައިފި

Mar 11, 2018

ފަސް އަހަރު ވަންދެން ފައިސާގެ އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާ އެކައުންޓްތައް މެދުވެރިކޮށް އަލުން މުއާމަލާތް ކުރަން ބޭނުންނަމަ އެކަން ވީހާވެސް އަވަހަށް ހުށަހަޅަން މޯލްޑިވްސް އިސްލާމިކް ބޭންކުން އެދެފި އެވެ.

އެމްއައިބީގެ އެންގުމެއްގައި މިއަދު ބުނީ، ޑޯމަންޓް އެކައުންޓް ނުވަތަ މުއާމަލާތް ކުރަމުން ނުދާ އެކައުންޓްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެކަން ސިޓީއަކުން އަންގާފައިވާ ކަމަށާއި އެ އެކައުންޓްތައް އުވާލުމުގެ ކުރިން އެކްޓިވޭޓްކުރަން ބޭނުން ނަމަ އެކަމަށް އެދި ހުށަހެޅުމަށެވެ.

ފަސް އަހަރު ވަންދެން އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމަލާތެއް ކޮށްފައިނުވާ އެ އެކައުންޓެއް ނަަމަ އެއީ ޑޯމަންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅަ އެވެ. އަދި ކައުންޓްތައް ޑޯމަންޓް ކުރާކަން ވެރިފަރާތްތަކަށް އެންގުމަށްފަހު 60 ދުވަސް ހަމަވުމުން އެ އެކައުންޓްތަކުގައި ހުންނަ ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށްފަހު އެކައުންޓް ބަންދުކުރުމަށް ޖެހެ އެވެ.