ހޮލީވުޑް

އަ ރިންކަލް އިން ޓައިމް: ހޮލީވުޑަށް އަނެއްކާވެސް އިންގިލާބެއް

"އަ ރިންކަލް އިން ޓައިމް" ވަނީ މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފަށާފަ އެވެ. ފުރަތަމަ ދުވަހު އެ ފިލްމު ވަނީ ޑިޒްނީގެ މިހާރު އެންމެ ވިޔަފާރީ ރަނގަޅު ފިލްމު "ބްލެކް ޕެންތާ" އަށްވުރެ މަތިން އާމްދަނީ ހޯދާފަ އެވެ. ބްލެކް ޕެންތާއަށް ހުކުރު ދުވަހު ނުވަ މިލިއަން ޑޮލަރު ލިބުނުއިރު، އަ ވްރިންކަލް އިން ޓައިމް އަށް ލިބުނީ 13 މިލިއަން ޑޮލަރެވެ.

އެ ދެ ފިލްމުގެ ބަޖެޓަށް ބަލާނަމަ ބްލެކް ޕެންތާއަކީ އަ ރިންކަލް އިން ޓައިމްއަށްވުރެ ބޮޑު ބަޖެޓަކުން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ބްލެކް ޕެންތާ، 200 މިލިއަންގެ ޑޮލަރުގެ ބަޖެޓަކުން ތައްޔާރުކުރިިއިރު، އަ ވްރިންކަލް އިން ޓައިމް ތައްޔާރުކުރީ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. ބަޖެޓަށް ބަލާފައި ހަގީގަތުގައި އެ ދެ ފިލްމު އަޅާ ނުކިޔުނު ނަމަވެސް، ދެ ފިލްމުގައި ވެސް ހޮލީވުޑް ފިލްމުތަކަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިވެ އެވެ.

އެ ދެ ފިލްމުގެ ކާސްޓުގައި އެމެރިކާގެ ކަޅު ނަސްލުގެ ގިނަ އެކްޓަރުންތަކެއް ލީޑުން ފެނިގެންދިއުމާއި، ދެ ފިލްމު ޑައިރެކްޓުކޮށްފައި ވެސް ވަނީ ކަޅު ނަސްލުގެ ދެ ޑައިރެކްޓަރުންނެވެ. އެ ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދަނީ ސްޓޯމް ރީޑް، އޮޕްރާ ވިންފްރީ، ރީސް ވިދަސްޕޫން އަދި މިންޑީ ކޭލިންގް އެވެ.

ބްލެކް ޕެންތާއަކީ އެންމެ ފުރަތަމަ ކަޅު ނަސްލުގެ ސުޕަހީރޯ ފިލްމަށްވާއިރު، އެ ފިލްމަކީ މިހާތަނަށް ކަޅު ނަސްލުގެ މީހަކު ޑައިރެކްޓްކުރި ފިލްމަކަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ.

އަ ވްރިންކަލް އިން ޓައިމްއަށް ބާލައިރު، އެ ފިލްމުގެ ޑައިރެކްޓަރު އަވާ ޑުވާނޭއަކީ މިހާތަނަށް ހޮލީވުޑްގައި 100 މިލިއަން ޑޮލަރުގެ ބަޖެޓެއްގެ ފިލްމެއް ޑައިރެކްޓުކުރަން ފުރުސަތު ލިބުނު ހަމައެކަނި ކަޅު ނަސްލުގެ އަންހެން ޑައިރެކްޓަރެވެ. ކަޅު ނަސްލުގެ އަންހެން ޑައިރެކްޓަރަކަށް ހޮލީވުޑްގައި މިހާ ބޮޑު ބަޖެޓެއްގެ ފިލްމެއް ޑައިރެކްޓުކުރަން ފުރުސަތެއް ލިބުމަކީ ނާދިރު ކަމެކެވެ.

މިއީ ޑިޒްނީން މިވާހަކަ ފިލްމަށް ގެނެސްދޭ ދެ ވަނަ ފަހަރު

ވްރިންކަލް އިން ޓައިމްއަކީ 1962 ވަނަ އަހަރު ނިކުތް އެވޯޑް ހޯދާފައިވާ، ކުޑަކުދިންގެ ފެންޓަސީ ވާހަކައެއް އަސްލެއް ކަމަށް ބަލައިގެން ވޯލްޓް ޑިޒްނީ ޕިކްޗާސް އިން ގެނެސްދޭ ފިލްމެކެވެ. އެ ފިލްމުގެ ސްކްރީން ރައިޓާ ޖެނިފާ ލީ އެ ވާހަކައަށް ލޯބި ޖެހުނީ އޭނާ އުމުރުން 14 އަހަރުގައި އޭނާ އެ ވާހަކަ ކީ ހިސާބުންނެވެ.

އެ ފިލްމުގެ ސްކްރީންޕްލޭ ލިޔުމަށް ޖެނިފާއަށް ފުރުސަތު ލިބުނީ، އޭނާ މަސައްކަތްކުރާ ޑިޒްނީގެ އެނިމޭޝަން ޑިޕާޓްމަންޓުން އެ ވާހަކަ ފިލްމެއްގެ ގޮތަށް ގެނެސްދިނުމަށް ރައިޓަރެއް ހޯދަމުން ދަނިކޮށް އޭނާއަށް އެކަން އެނގުމުން އަމިއްލައަށް އެކަން ކުރުމަށް އިސްނެގި ހިސާބުންނެވެ. ޖެނިފާ އެ ފިލްމުގެ ޕްރޮޑިއުސަރު ޖިމް ވައިޓޭކާ އަދި ކެތްރީން ހޭންޑް އާއި ބައްދަލުކޮށް ފިލްމުގެ ސްކްރީންޕްލޭ ލިޔުމަށް އެއްބަސްވި އެވެ.

ޖެނިފާ ވަނީ މީގެ ކުރިން ޑިޒްނީގެ އެނިމޭޓެޑް ފިލްމު "ފްރޯޒެން" ގެ ސްކްރީންޕްލޭ ލިޔެ އަދި އެ ފިލްމުގެ ކޯ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ. ފްރޯޒެންއަށް ވަނީ 2013 ވަނަ އޮސްކާގައި އެންމެ މޮޅު އެނިމޭޓެޑް ފިލްމުގެ އެވޯޑުވެސް ލިބިފަ އެވެ. ޖެނިފާ ވަނީ "ޒޫޓޯޕިއާ" ގެ ސްކްރީންޕްލޭ ތައްޔާރުކުރުމުގައި ވެސް އެހީވެފަ އެވެ. އޭނާ މިހާރު ދަނީ ފްރޯޒެންގެ ސީކްއެލް ފިލްމުގެ ސްކްރީންޕްލޭ ލިޔަމުންނެވެ.

ވްރިންކަލް އިން ޓައިމްގެ އޮފިޝަލް ޓްރެއިލާ.

މީގެ ކުރިން 2003 ގައި އެ ވާހަކައަށް ކުރު ފިލްމެއް ތައްޔާރުކޮށްގެން ވެސް ޑިޒްނީ އިން ގެނެސްދީފައިވެ އެވެ. ނަމަވެސް ކުޑަ ބަޖެޓަކުން ތައްޔާރުކުރި ދެ ގަޑިއިރުގެ އެ ފިލްމަށް އެހާ ބޮޑު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އެ ފިލްމު ދެއްކީ އޭބީސީ ނެޓްވޯކްގެ ޗެނަލްތަކުންނެވެ.

މިއަހަރު އެ ފިލްމު ޑިޒްނީ އިން ރިލީޒްކުރީ ބޮޑު ފިލްމެއްގެ ގޮތަށް 100 މިލިއަން ޑޮލަރުގެ ބޮޑު ބަޖެޓަކުން ތައްޔާރުކޮށްގެންނެވެ. އެ ފިލްމުގެ ލީޑު ކެރެކްޓާ، މެގްގެ ރޯލުން ފެނިގެންދަނީ ހަތަރު އަހަރުގެ ބަތަލާ ސްޓޯމް ރީޑް އެވެ. އެ ފިލްމުގައި ފެނިގެންދަނީ ހިޔާލީ ދުނިޔެއެއްގައި މެގް އޭނާގެ ގެއްލިފައިވާ ބައްޕަ ހޯދުމަށް ކުރާ މަސައްކަތެވެ.