ވިކްޓަރީ

ޓީސީއާ ދެކޮޅަށް ވިކްޓަރީގެ ފުރަތަމަ މޮޅު

ފުރަތަމަ ޑިވިޝަންގައި ޓީސީ ވާދަ ކުރަން ފެށި ފަހުން، ރެއާ ހަމަޔަށް ޓީސީގެ މައްޗަށް ވިކްޓަރީއަށް މޮޅެއް ހޯދިފަ އެއް ނުވެ އެވެ. މިރޭ ޓީސީގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ވިކްޓަރީ ވަނީ ޓީސީގެ މައްޗަށް ފުރަތަމަ މޮޅު ހޯދާފަ އެވެ.

ޓީސީގެ ގޯލް ހުޅުވާކަށް ވިކްޓަރީ މާ ގިނަ ވަގުތެއް ނުނެގި އެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓްގައި ވިކްޓަރީގެ ސްޕެއިންގެ ފޯވަޑް އޭންޖަލް މުނޯޒް ވިކްޓަރީއަށް ލީޑް ނަގައިދިނެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ، އެ ލަނޑު ވަނީ ކުޅުންތެރިން މާ ބޮޑަށް ފަސޭހަ ކޮށްލައިގެން ތިބުމުން ކަމަށެވެ.

"މީގެ އެންމެ ބޮޑު އެއް ސަބަބަކީ، މި މެޗުތަކަށް ތަންކޮޅެއް ފަސޭހަ ކޮށް ނަގައިގެން ބައެއް ޖޫނިއާ ޕްލޭއާސް މެޗަށް ރެޑީ ނުވަނީ،" މެޗަށް ފަހު ވާހަކަ ދައްކަމުން ކަންބޮޑުވުމާއެކު ނިޒާމް ބުންޏެވެ. "ދުވަހަކުވެސް ޓީސީގައި އަދި މިނޫނިއްޔަކާއެއް ނެތް އަދި ކޯޗިން ކެރިއާގައިވެސް ދިމާވީ ކަމެއް ނޫން މިއީކީ މިގޮތަށް ފަސޭހަކޮށް ކުޅުންތެރިން ރެޑީ ނުވެ އައިސް ތިބުން އެއީ."

ނިޒާމް ބުނީ އެހެން ދިމާވުމުގައި، ވިކްޓަރީ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް ބަލި ވެފައި އޮތުމުން ފަސޭހަ ކޮށްލައިގެން ކުޅެވިދާނެ ކަމަށް ކުޅުންތެރިންނަށް ވިސްނިފައި އޮވެދާނެ ކަމަށެވެ.

ވިކްޓަރީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ޕެޑްރޯ އެންރީކޭ އެވެ. އޭނާ ލަނޑު ޖެހީ ޓީސީގެ ހާފުގެ ތެރެއަށް ބޯޅަ ހިފައިގެން ވަން ގޮތަށް، ވިކްޓަރީގެ މުނޯޒް ނަގައިދިން ބޯޅަ އިންނެވެ. އެ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ޕެޑްރޯ ލަނޑު ޖެހީ ޓީސީގެ ދެ ޑިފެންޑަރުންވެސް ކައިރިން ނައްޓާލުމަށް ފަހު އެވެ.

މެޗުގެ ފަހު ވަގުތު ޕެޑްރޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފަ އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ޓީސީއަށް ލިބުނު ހިލޭ ޖެހުމެއްގައި ބޯޅަ ދޭން ލަސް ކުރުމުން ޓީސީ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު އާ ދެމެދު ހިނގި ކުރިމަތި ލުމެއްގަ އެވެ.

މި މެޗުގައިވެސް ޓީސީ ވަނީ މެޗުގެ ފުރަތަމަ ހާފުގައި ބަދަލު ގެނެސްފަ އެވެ. އެންމެ ފަހުން ގްރީން ސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުގައިވެސް، ޓީސީގެ ކޯޗް ނިޒާމް ވަނީ ފުރަތަމަ ހާފުގައި ދެ ބަދަލު ގެނެސްފަ އެވެ.

ދެ ވަނަ ހާފުގައި، މުޅިން ހެން ކުޅުނީ ޓީސީ އެވެ. އެ ޓީމުގެ ތަފާތަކަށް ވީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިޝާން އިބްރާހިމް (ސައްޓު) އެވެ. އޭނާ ކުޅެން އެރި ގޮތަށް ޓީސީ އަށް ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނެވެ. ވިކްޓަރީގެ ހާފުގެ ތެރެއިން ލިބުނު ހިލޭ ޖެހުން، ޓީސީގެ އަނޮޓޮލީ ދިނީ އޭރިއާ ދިމާލުން އެރި، ސައްޓު އަށެވެ. އޭރިއާ ތެރެއަށް ވެދެ ވިކްޓަރީގެ ޑިފެންޑަރެއް ގާތުން ނައްޓާލުމަށް ފަހު އޭނާ ބޯޅަ ހުރަސް ކުރީ ގޯލް އޭރިއާގެ ތެރެއަށެވެ. އެ ބޯޅަ ވެއްޓިގެން ފައި ފޮނުވާލީ ޓީސީގެ އިބްރާހިމް މަހްދީ ހުސައިން (ހަބޭސް އިއްބެ) އެވެ. އޭނާ ފޮނުވާލި ބޯޅަ ވިކްޓަރިގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) ދިފާއު ކުރުމުން ބޯޅަ ދިޔައީ ގޯލްގެ ރޮނގު މަތިން ގޯލްގެ ދަނޑިއާ ދިމާލަށެވެ. ގޯލް ރޮނގު މަތީގައި ހުރެ ވިލިއަމްސް ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާ ލާފަ އެވެ.

މެޗުގައި ޓީސީއަށް ވިކްޓަރީގެ ޕެނަލްޓީ އޭރިއާ ބޭރުން ދެ ފަހަރެއްގެ މަތިން ލިބުނު ހިލޭޖެހުންތަކުގައި އަނަޓޮލީ ވަނީ ވިކްޓަރީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ފުރަތަމަ ލިބުނު ހިލޭ ޖެހުން ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. ފަހުން ފިނުވާލި ޖެހުން ގޯލްގެ މަތީ ކަނަށް ވަންނާން ދަނިކޮށް ވިކްޓަރީގެ ކީޕަރު ކުޑަ އިމްރާން ޕަންޗުކޮށް ކޯނަރަކަށް ބޭރު ކޮށްލީ އެވެ.

އޭރިއާ ބޭރުން ލިބޭ ބޯޅަ ތަކުގައި އޭރިއާގެ ބޭރުން ގޯލަށް ފޮނުވާލާ، ހަބޭސް އިއްބެ ވަނީ ވިކްޓަރީގެ އޭރިއާ ބޭރުން ފުރުސަތެއް ލިބިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ހުރަސް ދަނޑި އަށެވެ.