ބޮލީވުޑް

"ޕެޑްމޭން" ފަހަތަށް ޖައްސާލައިފި

ޑައިރެކްޓާ ލަވް ރަންޖަންގެ އާ ފިލްމު "ސޯނޫ ކޭ ޓިއްޓޫ ކީ ސްވީޓީ" ބޮޑު އާމްދަނީއެއް ހޯދާ މި އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ހޯދައިފި އެވެ. އެ މަގާމު ކުރިން އޮތީ އަކްޝޭ ކުމާރުގެ ފިލްމު "ޕެޑްމޭން" އެވެ.

ބްރޯމޭންސް އަދި ރޮމޭންސް ހިމެނޭ އެ ފިލްމު ރިލީޒްކުރިތާ 16 ދުވަސް ތެރޭގައި އިންޑިއާގެ ބޮކްސް އޮފީހުގައި މިހާރު ވަނީ 82 ކަރޯޑު ރުޕީސްއަށް ވުރެ ބޮޑު އާންމުދަނީއެއް ލިބިފަ އެވެ. އަކްޝޭގެ ޕެޑްމޭން ރިލީޒްކުރިތާ މިހާރު މަހެއްވެފައިވާއިރު އެ ފިލްމަަށް މިހާތަނަށް ލިބިފައި ވަނީ 81 ކަރޯޑު ރުޕީސްގެ އާންމުދަނީ އެކެވެ.

މިއަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް މިހާތަނަށް ހޯދާފައި ވަނީ ސަންޖޭ ލީލާ ބަންސާލީގެ ޕަދްމާވަތް އެވެ. އެ ފިލްމަަށް މިހާރު 290 ކަރޯޑު ރުޕީސްއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

މިއަހަރު ނިކުތް ފިލްމުތަކުގެ ތެރެއިން ޕަދްމާވަތް އަށްފަހު އެންމެ ބޮޑު އޯޕެނިންއެއް ލިބިފައިވެސް ވަނީ ސޯނޫ ކޭ ޓިއްޓޫ ކީ ސްވީޓީ އަށެވެ. ކަރްތިކް އަރްޔަން އާއި ނުޝްރަތު ބަރޫޗާ އަދި ސަނީ ނިޖާރު ލީޑުން ފެނިގެންދާ މި ފިލްމަށް ރިވިއުކުރާ ފަރާތްތަކުގެ ތަރުހީބު ވެސް ލިބިފައިވެ އެވެ.

ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީގެ ޓްރެއިލާ.

ލަވް ރަޖަން ޑައިރެކްޓް ކޮށްފައިވާ ޒުވާން އުމުރު ފުރައިގެ ކުދިންތަކެއްގެ ލޯބި ދައްކުވައިދޭ މި ފިލްމަކީ 40 ކަރޯޑް ރުޕީސްގެ ބަޖެޓަކުން ތައްޔާރު ކޮށްފައިވާ ފިލްމެކެވެ. ސާފު ފައިދާގެ ގޮތުގައިވެސް މި ފިލްމަށް މިހާރު 40 ކަރޯޑު ރުޕީސް ލިބިފައިވެ އެވެ.

ބޮޑު ބަޖެޓަކުން ތައްޔާރު ކޮށްފައިވާ ގިނަ ފިލްމުތަކެއް ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރިލީޒް ކޮށްފައިވީ ނަމަވެސް ސޯނޫ ކޭ ޓިއްޓޫ ކީ ސްވީޓީގެ ވިޔަފާރީ ބޮކްސް އޮފީހުގައި ރަނގަޅެވެ. ނަމަވެސް ޕެޑްމޭންއަށް ވިޔަފާރީ މަތީގައި ހިފަހައްޓާލެވެނޭ ގޮތް ވަނީ ނުވެފަ އެވެ.

މިހާރު އިންޑިއާގެ ބޮކްސް އެންމެ ބާރު މިނުގައި ވިޔަފާރީ ކުރިއަރަމުން އަންނަނީ އަނުޝްކާ ޝަރްމާގެ "ޕަރީ" އެވެ.