ރައްޔިތުންގެ މަޖިލިސް

އެންޓި ޑިފެކްޝަން ގަވައިދު އީސީން ހަދާތީ ކަންބޮޑުވޭ: މެންބަރުން

އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގަވައިދުތައް ހެދުމުގެ ބާރު އިލެކްޝަން ކޮމިޝަން (އީސީ) އަށް ދޭ ގޮތަށް އެ ބިލުގައި އޮތް މާއްދާއާ މެދު ޕީޕީއެމްގެ މެންބަރުން ގިނަ ކަންބޮޑުވުން ފާޅުކޮށް، އެ މާއްދާ އުނި ކުރަން ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީއަކުން ވަކިވުން ނޫނީ ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލު ކުރާ މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ އެންޓި ޑިފެކްޝަން ބިލާ ބެހޭ ގޮތުން މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ވާހަކަދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އެ ބިލުގެ ގަވައިދުތައް ހެދުމުގެ ބާރު އީސިއަށް ދޫކޮށްލާފައި އޮތުމަކީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން ބައި އިލެކްޝަން ބޭއްވުމުގެ މަސައްކަތްތައް އެ ކޮމިޝަނުން ކުރިޔަސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމެއްގައި ގަވައިދު ހެދުމުގެ ބާރު އީސީއަށް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

"އީސީއަށް އެ ބާރުތައް ގޮސްފި ނަމަ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މެންބަރުންގެ ހައްގުތައް ނިގުޅައިގެން ދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ، އެހެންވެ އަޅުގަނޑު އުންމީދު ކުރަން ކޮމިޓީ މަރުހަލާގައި މިކަންކަން ރަނގަޅު ކުރެވޭނެ ކަމަށް،" ޖަމީލު ވިދާޅުވި އެވެ.

ޖަމީލުގެ އިތުރުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވެސް ވަނީ ރައްޔިތުން ހޮވާފައި ތިބި މަގާމަކާ މެދު ވާހަކަދެއްކުމަށް އީސީ އޮންނާނީ ކޮން ބާރެއްތޯ ސުވާލު އުފައްދައިފަ އެވެ. އަދި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވެސް ވިދާޅުވީ މަޖިލީސް މެންބަރުންގެ މައްޗައް ފިޔަވަޅު އެޅުން ނުވަތަ އެކަމާބެހޭ ގަވައިދު ހެދުމުގެ ބާރެއް އީސީ އަކަށް ނުދެވޭނެ ކަމަށާއި އަދި އެކަން ކުރަން އެއްބަސްވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެއީ ހަމަޖެހޭ އުސޫލެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ 5000 ރައްޔިތުން ހޮވާފައި ތިބި ބައެއް، އަޅުގަނޑުމެންގެ މައްޗައް ބާރު ފޯރުވަން އީސީއަކަށް އުސޫލުތަކެއް ނުހެދޭނެ، އެ ކަމަކަށް އަޅުގަނޑު ތާއީދެއް ނުކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ބައެއް އެހެން މެންބަރުން ވެސް އެ މާއްދާއާ މެދު ހުރި ކަންބޮޑުވުންތައް ފާޅު ކުރެއްވި އެވެ. އެހެންކަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މާއްދާ ބިލުން އުނިކުރަން މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެންޓި ޑިފެކްޝަން ބިލުގެ ގަވައިދުތައް ހެދުން އީސީއާ ހަވާލު ކުރުމާމެދު މެންބަރުން ދެކޮޅު ހައްދަވާއިރު، އެ ބިލު ހުށަހެޅި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އެންޓި ޑިފެކްޝަން ބިލާމެދު މެންބަރުންގެ ކަންބޮޑުވުން ހުރި ނަމަ އެކަންކަމަށް ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނާނެ ކަމަށެވެ. އަދި ބިލު ފާސް ކުރާނީ އެ ހުރިހާ މެންބަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ފަހުގައި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.