އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައި އެޕްލިކޭޝަން ހަދައިގެން ވިއްކުން ފަދަ ބޮޑެތި ތުހުމަތުތަކެއް އެ ކޮމިޝަންގެ ނައިބުރައީސް އަލީ ނަޝާތު އާއި ކޮމިޝަންގެ މެންބަރު މުހައްމަދު އާސިފް އަދި ޑރ. މުހައްމަދު ޒާހިރުގެ މައްޗަށް ކޮށްފި އެވެ.
މި ތުހުމަތުތައް ކޮށްފައިވަނީ އެ ބޭފުޅުން އީސީގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގަ އެވެ.
ކޮމިޓީ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުން އީސީގެ ޑޭޓާބޭސް އިން މައުލޫމާތު ނަގައިގެން ނަޝާތު އެޕްލިކޭޝަންތައް ހަދައި ވިއްކާފައިވެ އެވެ. އެ އެޕްލިކޭޝަންގެ އެކްސެސް ސިޔާސީ ބައެއް ޕާޓީތަކަށް ދީފައިވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން ކޮމިޝަނަށް ކޮމްޕިއުޓަރު ސިސްޓަމްތަކެއް ހޯދާފައިވަނީ ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށެވެ. ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން އެ މެންބަރުންނާ ގުޅުން އޮންނަ ވިޔަފާރިކުރާ ފަރާތެއްގެ ކުންފުނިން އީސީއަށް ބައެއް އެއްޗެހި ހޯދާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އީސީގެ ނައިބު ރައީސް އެ ކޮމިޝަންގެ މުވައްޒަފުންނާ މުއާމަލާތް ކުރުމުގައި އިހުތިރާމް ކުޑަކޮށް އަދި ބޭއަދަބީ ބަހުން މުއާމަލާތް ކުރާ ކަމަށާއި ބައެއް މުވައްޒަފުންނާ ލޯބީގެ ގޮތުން ނަޝާތު ގުޅުން ބާއްވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ކޮމިޝަންގެ މެންބަރުކަމުގައި ހުންނަވައިގެން އެ ބޭފުޅުން ވާހަކަ ދައްކަވާއިރު ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަަށް ވިދާޅުވާ ކަމަށާއި ފައިސާއަށްޓަކައި ވޯޓު ވިއްކާނެކަމުގެ ވާހަކަ ދައްކަވައި އެ ކަންކަމަކީ މައްސަލައެއް ނޫން ކަމަށް އެ މެންބަރުން ވިދާޅުވާ ކަމަށް ރިޕޯޓްގައިވެ އެވެ.
ކޮމިޓީ ރިޕޯޓްގައިވާ ތުހުމަތުކޮށްފައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއް އުފައްދަން ސޮއިކުރި މެންބަރުންގެ ލިސްޓެއް އޭރު ރައީސް އޮފީހުގެ އިސް ބޭފުޅަކަށް ފޮނުއްވައި އެ ޕާޓީ އުފެއްދުމަށް ހުރަސްއެޅުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގޮސްފައިވެ އެވެ.
ކޮމިޝަންގައި ނަޝާތު ހިންގާ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ބިރު ދައްކާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ރިޕޯޓްގައިވާ ގޮތުން ގަސްދުގައި ވަކި ސިޔާސީ ޕާޓީއެއް އުވާލުމަށް ވަގު ފޯމު ހެދުމުގައި އަމަލީ ގޮތުން މަސައްކަތްކޮށް އެ ޕާޓީއަށް 3،000 މެންބަރުން ހަމަވިޔަ ނުދޭން ނަޝާތު އާއި އާސިފް އަދި ޒާހިރު މަސައްކަތްކޮށްފައިވެ އެވެ. އަދި އެ މެންބަރުން އެދޭ ގޮތަށް އަމަލުނުކޮށްފި ނަމަ ވަޒީފާއިން ވަކިކުރާނެ ކަމަށް ވިދާޅުވެ، ބިޑް ކޮމެޓީ މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ކޮމިޓީ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުން އީސީގެ ބައެއް މެންބަރުންނާ ގުޅިގެން އެ ކޮމިޝަންގެ ރައީސްއާ ދެކޮޅަށް ސެކެޓްރީ ޖެނެރަލްގެ މަގާމަށް އެކަށީގެންނުވާ ފަރާތެއް އައްޔަންކުރުމަށް ނުފޫޒު ފޯރުވާފައިވެ އެވެ.