ކުޅިވަރު

ކޭންގެ އަނިޔާ ޓޮޓެންހަމާއި ގައުމީޓީމަށް ހާސްކަން

ޓޮޓެންހަމް ހޮސްޕާ އާއި އިންގެލެންޑްގެ ސްޓައިކަރު ހެރީ ކޭން އަނިޔާވެ، ކުލަބަށާއި ގައުމީ ޓީމަށް ހާސްކަން ކުރިމަތި ވެއްޖެ އެވެ.

ކޭން އަނިޔާވީ، ރޭ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި، ބޯންމައުތުގެ ކީޕަރު އެސަމީރު ބެގޮވިޗް އާ ދެމެދު ހިނގި ޗެލެންޖުގަ އެވެ. އޭގެ ފަހުން ކޭންގެ ބަދަލުގައި ކުޅެން އެރީ އެރިކް ލަމޭލާ އެވެ.

މެޗުގެ 30 ވަނަ މިނެޓްގައި ގެނައި އެ ބަދަލަށް ފަހު ކޭން ބެންޗަށް ނުދެ އެވެ. އޭނާ ސީދާ ދިޔައީ ޗޭންޖިން ރޫމަށެވެ. ކޭންގެ ކަނާތު ފައިގެ ކުޑަ ހުޅަށް ލިބުނު އެ އަނިޔާގެ ތަފްސީލު ދެނެގަތުމަށް މިއަދު ސްކޭން ކުރާނެ އެވެ.

"އަހަރެން އުންމިދު ކުރަނީ މާ ބޮޑު އަނިޔާއަކަށް ނުވާނެ ކަމަށް،" ޓޮޓެންހަމްގެ ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބުންޏެވެ. "އަހަރެމެން މި ތިބީ ވަރަށް ކަންބޮޑު ވެފައި، ނަމަވެސް ސްކޭންގެ ނަތީޖާއަށް މަޑު ކުރަން ޖެހޭ."

އަންނަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގައި ސްޕާސް ނިކުންނާނީ ސްވަންސީއާ ސިޓީއާ ދެކޮޅަށެވެ. އަދި ޖެހިގެން އަންނަ ހަފުތާގައި އިންގްލެންޑުން ވަނީ އެކުވެރިކަމުގެ ދެ މެޗު ހޮލެންޑާއި އިޓަލީއާ ދެކޮޅަށް ކުޅެން ހަމަޖައްސާފަ އެވެ.

ޕޮޗެޓީނޯ ބުނީ، ކޭންގެ ކަނާތު ކަކުލަށް މީގެކުރިންވެސް އަނިޔާ ވެފައިވާ ކަމަށެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ އިނގިރޭސި ގައުމީ ޓީމުގެ ފޯވަޑް ޑެލީ އަލީގެ އުކުޅުވަޅަށް ކުރިމަތިވިވި އަނިޔާއާ ގުޅިގެން އޭނާ ވެސް ވަނީ ބަދަލު ކޮށްފަ އެވެ. ޕޮޗެޓީނޯ ބުނީ އަލީގެ އަނިޔާ ސީރިއަސް ނޫން ކަމަށެވެ.