ކުޅިވަރު

22 އަަހަރު ކުރި މަސައްކަތް ދެންވެސް ކުރެވޭނެ

އާސެނަލްގައި 22 އަހަރު ވަންދެން އޭނާ މަސައްކަތް ކުރީ އުނދަގޫ ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިއުމަށް ކަމަށާއި އެ މަސައްކަތް ދެންވެސް ކުރެވޭނެ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ރޭ ވަޓްފޯޑްއާ ދެކޮޅަށް 3-0 ން މެޗު ކާމިޔާބު ކުރުމަށްފަހު ވެންގާ ބުނީ، އާސެނަލް އުނދަގޫ ހާލަތެއްގައި އޮތް ވަގުތު ތަކެއް ހިނގައްޖެ ކަމަށާއި ރޭގެ މެޗަކީ އެކަމުން އަރައިގަންނަން ލިބުނު މޮޅެއް ކަމަށެވެ. ޑޮމެސްޓިކް މުބާރާތްތަކުގައި، ރޭގެ މެޗާ ހަމަޔަށް، އާސެނަލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

"ހާލަތު ރަނގަޅު ކުރުމަށްޓަކައި އަދިވެސް އަހަރެން ކުރަން ޖެހޭ މަސައްކަތް އެބަހުރި، ނަމަވެސް ޖުމުލަކޮށް ބަލާއިރު އަހަރެމެން ރަނގަޅު،" ރޭގެ މެޗަށް ފަހު ވާހަކަ ދައްކަމުން ވެންގާ ބުންޏެވެ. "މި ނަތީޖާއަކީ އަހަރެމެންގެ ތެރޭގައި އޮތް ނެގެޓިވް ހާލަތުން އަރައިގަތަމުމަށް ލިބުނު މޮޅެއް، ވަރަށް ބައިވަރު ނެގެޓިވް ކަންކަން ކުރިމަތިވޭ، އެއީ އިންގްލެންޑްގައި ވާރޭ ވެހުން ހައި ފަސޭހަ ކަމެއް."

"އެކަންތައްތައް ކުރިމަތި ވިޔަސް އަހަރެން މިހުރީ އަހަރެންގެ މަސައްކަތަށް ފޯކަސް ކޮށްގެން، މި ވޭތުވެދިޔަ 22 އަހަރުވެސް އަހަރެން ވާނީ އެކަން ސާބިތު ކޮށްދީފައި، ދެންވެސް އަހަންނަށް އެކަން ކުރެވޭނެ."

ރޭގެ މެޗުގައި، އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޝޮރްދާން މުސްތަފީ އެވެ. މެޗު ފެށިގެން އަށް ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ މެސްޓް އޮޒިލް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އާސެނަލްގެ ދެ ވަނަ ލަނޑު 59 ވަނަ މިނެޓްގައި ހެންރިކް މިހިތާރިޔަން ދިން ފުރުސަތަކުން ކާމިޔާބު ކުރީ ޕިއާރޭ އެމްރިކް އޮބާމަޔަންގް އެވެ. ތިން ވަނަ ލަނޑު 77 ވަނަ މިނެޓްގައި އޮބާމަޔަންގް ދިން ފުރުސަތަކުން ލަނޑު ކާމިޔާބު ކުރީ މިހިތާރިޔަން އެވެ.

މެޗުގައި، ވަޓްފޯޑް އަށް ވަނީ ޕެނަލްޓީއެއް ލިބިގެން ގޮސްފަ އެވެ. މެޗުގެ 62 ވަނަ މިނެޓްގައި ޓްރޮއީ ޑީނީ ފޮނުވާލި ޕެނަލްޓީ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް ދިފާއު ކުރި އެވެ. ރޭގެ މަޗަކީ ޕްރިމިއާ ލީގްގައި ޗެކް އޭނާގެ ގޯލަށް ލަނޑެއް ވަނަ ނުދީ ފުރިހަމަ ކުރި 200 ވަނަ މެޗެވެ.

ވެންގާ ބުނީ މިދިޔަ ހަފުތާތަކުގައި ޗެކް އަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވި ކަމަށެވެ. ޕެނަލްޓީ ދިފާއު ކުރުމުން ވެންގާ ސިފަ ކުރީ ސަޕޯޓަރުންގެ "އަލިފާނުން" ޗެކް ސަލާމަތްވި ކަހަލަ ކަމެއްގެ ގޮތަށެވެ. އޭނާ ބުނީ ސަޕޯޓަރުން ޓީމުގެ ކުޅުންތެރިންނާއެކު ތިބެން ޖެހޭނެ ކަމަށެވެ.