ޓެކްނޯލޮޖީ

އެޕަލްގެ އަގުހެޔޮ މެކްބުކް ކިހިނެއްވާނެ؟

އެޕަލް އިން އެ ކުންފުނީގެ ލެޕްޓޮޕް ސީރީޒްގައި ހިމެނޭ "މެކްބުކް އެއާ" ގެ އަގުހެޔޮ ލެޕްޓޮޕެއް ނެރުމަށް ތައްޔާރުވަމުން އަންނަކަމަށް އެޕަލްގެ އެނަލިސްޓުން ބުނެފި އެވެ.

ކޭޖީއައި ސެކުރިޓީސް ކުންފުނީގައި މަސައްކަތް ކުރާ އެޕަލްގެ އެނަލިސްޓެއް ކަމަށްވާ މިންގްޗީ ކޫއޯ ރިޕޯޓުކުރި ގޮތުގައި އެޕަލް އިން މެކްބުކް އެއާގެ އަގު ހެޔޮ މޮޑެލްއެއް ނެރޭނީ މިއަހަރު މެދުތެރޭގަ އެވެ. އޭނާ ބުނީ އެޕަލް އިން ނެރޭ މެކްބުކް އެއާގެ އެ މޮޑެލްގެ ދިގު މިނުގައި ހުންނަނީ 13 އިންޗި ކަމަށެވެ.

މެކްބުކް އެއާއަށް މިހާރު 10 އަހަރުވެފައިވާއިރު، މިދިޔަ އަހަރުތަކުގެ ތެރޭގައި އެ ލެޕްޓޮޕަށް ގިނަ ބަދަލުތަކެއް އައިސްފައިވެ އެވެ. އެންމެ ފަހުން އެޕަލް އިން މެކްބުކް އެއާއަށް ގެނައި ބަދަލުތަކުގެ ތެރޭގައި އޭގެ އިންޓެލް ޕްރޮސެސާ ވަނީ 1.8 ގިގާހާޓްސް ގެ ޕްރޮސެސާއަކަށް ބަދަލުކޮށްފަ އެވެ.

މެކްބުކް އެއާގެ އަގު މިހާރު އުޅެނީ 999 ޑޮލަރަށްވުރެން މަތީގަ އެވެ. އެޕަލްގެ އެހެން ދެ ޕްރޮޑަކްޓެއް ކަމަށްވާ އެއާޕޮޑްސް އާއި ހޯމްޕޮޑްއަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.