ކުޅިވަރު

ނަޕޯލީ އެއްވަރުވެ ޔުވެންޓަސް އެއްވަނަ އަށް

އިންޓަ މިލާންއާ ދެކޮޅަށް ނަޕޯލީ ކުޅުނު މެޗުގައި ނަތީޖާއެއް ނުނެރެވި، އަދި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ޗެމްޕިއަން ޔުވެންޓަސް އިޓަލިއަން ލީގްގެ ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

ރޭ މެޗުތަކުގެ ނަތީޖާގެ ކުރިން، ނަޕޯލީ އެއް ވަނައިގައި އޮތީ، އެއް ޕޮއިންޓްގެ ލީޑަކާ އެކު އެވެ. އުޑިނޭޒީއާ ދެކޮޅަށް ރާއްޖޭގަޑިން ރޭ އިރާކޮޅު ކުޅުނު މެޗުގައި އެ ޓީމުގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ އާޖެންޓީނާގެ ފޯވަޑް ޕައުލޯ ޑިބާލާ އެވެ.

ފުރަތަމަ ލަނޑު ޑިބާލާ ކާމިޔާބު ކުރީ 20 ވަނަ މިނެޓްގަ އެވެ. އެ ލަނޑު އޭނާ ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމެއްގަ އެވެ. ދެ ވަނަ ލަނޑު ގޮންޒާލޯ ހިގުއައިން ތަނަވަސް ކޮށްދިން ފުރުސަތަކުން ޑިބާލާ ކާމިޔާބު ކުރީ 49 ވަނަ މިނެޓްގަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޑިބާލާއަށް އުޑިނޭޒީގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލު ކުރުމުން ޔުވެންޓަސް އަށް ޕެނަލްޓީއެއް ދިނެވެ. ހިގުއައިން ފޮނުވާލި ޕެނަލްޓީ އުޑިނޭޒީގެ ޕޮލެންޑްގެ ކީޕަރު ވޮއިޗެކް ސްޓޭންޒްނޭ ވަނީ ދިފާއު ކޮށްފަ އެވެ.

އިންޓަ މިލާންގެ ދަނޑުގައި، ކުޅުނު ނަޕޯލީ އެއްވަރުވީ ލަނޑެއް ނުޖެހި އެވެ. މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޔުވެންޓަސް އާއި ނަޕޯލީއާ ދެމެދު މިހާރު އޮތީ ދެ ޕޮއިންޓްގެ ފަރަގެވެ.

ޑޮމެސްޓިކް މުބާރާތުގައި ބަލި ނުވެ ރަނގަޅު ޓްރެކެއްގައި ދަމަހައްޓަމުން އަންނަ ކުރިގެ ގަދަ ބާރު އޭސީ މިލާން ވަނީ މެޗުގެ އެންމެ ފަހު ވަގުތުގައި މޮޅުވެ، ޖެނޯއާގެ މައްޗަށް 1-0 ން މޮޅުވެ، ހަ ވަނަ އަށް ޖެހިލާފަ އެވެ. މިލާންގެ ލަނޑު މެޗުގެ 94 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެންޑްރޭ ސިލްވާ އެވެ.