އެންޓި ޑިފެކްޝަން ބިލުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށާއި އެގޮތުން އެ ބިލު އޮންނަން ޖެހޭނީ ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތަށް ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅުއްވި އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ މެންބަރަކު މަޖިލީހުގައި އަމަލު ކުރާ ގޮތަކުން ތަހުގީގެއް ނުވަތަ ފަނޑިޔާރެއް ކުރިމައްޗައް ނުގެންދެވޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އަދި މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައަޅަން ޖެހޭނީ ހަމައެކަނި ސުޕްރީމް ކޯޓުން ކަމަށް ވެސް ގާނޫން އަސާސީގައި ބަޔާންކޮށްފައިވަ ކަމަށެވެ. އެހެންވެ އެންޓި ޑިފެކްޝަން ބިލު ވެސް ހަދަން ޖެހޭނީ ގާނޫނުއަސާސީއާ ހިލާފު ނުވާ ގޮތަށް ކަމަށެވެ. އެ ނޫން ނަމަ އެއީ ބާތިލު އެއްޗެއް ކަމަށް ކަނޑައެޅޭނެ މަރުހަލާތައް އޮންނާނެ ކަމަށެވެ.
"އެންޓި ޑިފެކްޝަން ބިލު ގާނޫން އަސާސީއާ ތައާރަޒުވުމެއް އުޅޭ ނަމަ އެ ބާތިލު ކުރުމުގެ ބާރު އެބައޮތް، އަދި ގާނޫން އަސާސީގައި ބުނަނީ އެފަދަ ކަމެއް މަޖިލީހުން ފާސްކޮށްފި ނަމަ އެއީ ބާތިލު ނިންމުމެއް ކަމަށް، މެންބަރުން ހާސް ނުވޭ، ކަންބޮޑުވުމެއް އޮވެއްޖެ ނަމަ އެ މަރުހަލާތައް އެބަހުރި،" ރިޔާޒް ވިދާޅުވި އެވެ.
އެ ބިލުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވާ މައްސަލައަށް އިޝާރަތް ކުރައްވާ ރިޔާޒު ވިދާޅުވީ މަޖިލީސް މެންބަރުންގެ މައްޗައް ފިޔަވަޅު އެޅުން ނުވަތަ އެކަމާބެހޭ ގަވައިދު ހެދުމުގެ ބާރެއް އިލެކްޝަން ކޮމިޝަން (އީސީ) އަކަށް ނުދެވޭނެ ކަމަށެވެ. އަދި އެކަން ކުރަން އެއްބަސްވެވަޑައި ނުގަންނަވާނެ ކަމަށާއި އެއީ ހަމަޖެހޭ އުސޫލެއް ވެސް ނޫން ކަމަށެވެ. އެހެންވެ އޭނާ ތާއީދު ކުރައްވަނީ ބިލު ހުށަހެޅި މަަގްސަދު ހާސިލުކޮށް ޕާޓީތައް ބަދަލު ކުރުމުގެ މައްސަލަ ހައްލު ކުރަން ބޭނުންވާ މިންވަރެއް ގެނެސް ފާސް ކުރުމަށް ކަމަށާއި އިތުރު ކަންކަން އޭގެ ތެރޭގައި ހިމަންނަން ބޭނުން ނުވާ ކަމަށެވެ.
"މާ ދިގުކޮށް ވާހަކަ ދައްކައިފިއްޔާ ގޯސް އެއްޗެއް ބުނެވިދާނެ، އެހެންވެ މިއަދުގެ ހާލަތާ ގުޅޭ މިންވަރަށް މި ވާހަކަ ދެއްކިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން، އަޅުގަނޑު ވަރަށް ހިތަށް އުނދަގޫވޭ ވއުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުންދާތީ،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް މިހެން ވިދާޅުވިއިރު އެންޓި ޑިފެކްޝަން ބިލުގައި ގާނޫން އަސާސީއާ ތައާރަޒްވާ ކަންކަން ހުރި ކަމަށް އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ވެސް އަންނަނީ ބުނަމުންނެވެ. އަދި އެ ބިލު މަޖިލީހުން ފާސް ނުކުރެވޭނެ ކަމަށް ވެސް އެ މެންބަރުން ބުނެ އެވެ.