ހަބަރު

ޕާޓީ ބަދަލު ކުރުން މަނާ ކުރާ ބިލު ބަލައިގެންފި

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހަލަތްތައް ކަނޑައަޅާ، އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ބަލައިގެންފި އެވެ.

ސަރުކާރު ފަރާތުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލި މާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ހުށަހެޅި އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ބަލައިގަތީ 35 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވި އެވެ.

އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ. އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް އެންޓި ޑިފެކްޝަން ބިލުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށާއި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅި ނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ. އެއީ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމުގައި ދެމިހުންނާނެ ކަމަށް ބުނާ މާއްދާ އެވެ.

އެ ބިލަށް ބަހުސް ކުރެއްވި ޕީޕީއެމްގެ ގިނަ މެންބަރުން ވަނީ އެންޓި ޑިފެކްޝަން ބިލާމެދު އެ މެންބަރުންގެ ހުރި ބައެއް ކަންބޮޑުވުންތައް ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން ގިނަ މެންބަރުންގެ ކަންބޮޑުވުމަކަށްވީ އެ ބިލު ގާނޫނަކަށް ވުމަށް ފަހު ހަދަން ޖެހޭ ގަވައިދުތައް ހަދަން އިލެކްޝަން ކޮމިޝަންއާ ހަވާލުކޮށްފައި އޮތް މާއްދާއަށެވެ. އެގޮތުން ރައްޔިތުން ހޮވާފައި ތިބި މެންބަރުންތަކެއްގެ ގޮނޑިއާ މެދު ވާހަކަދެއްކުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާނެ ކަމަށް އެ މެންބަރުން ފާހަގަ ކުރެ އެވެ. ނަމަވެސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވަނީ އެ މާއްދާ އުވާލަން ހުށަހަޅައިފަ އެވެ. އަދި ކޮމިޓީ މަރުހަލާގައި ބަދަލުތައް ގެންނާނެ ކަމަށް ބިލު ހުށަހެޅި ނިހާަން ވެސް ވަނީ ވިދާޅުވެފަ އެވެ.