ބޮލީވުޑް

"އޮކްޓޯބާ" ގެ ޓްރެއިލާ އާންމުކޮށްފި

އަރަމުން އަންނަ ބޮލީވުޑްގެ ބަތަލް ވަރުން ދާވަން ފިލްމީ ދާއިރާގައި މިވީ ފަސް އަހަރު ތެރޭގައި އޭނާގެ ގިނަ ފިލްމުތައް ވަނީ ކާމިޔާބުވެފަ އެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ކޮންމެ ފިލްމެއްގައިވެސް ތަފާތު އެކްޓިންއެން ފެނިގެންދާ ރޯލެއް ކުޅެފައިވުމެވެ.

ވަރުންގެ ކުރިއަށް ނިކުންނަ އޮތް ފިލްމު "އޮކްޓޯބާރ" އިންވެސް މި ތަފާތު ފެނިގެންދިއުން އެކަށީގެންވެ އެވެ. އެ ފިލްމު އޮފިޝަލް ޓްރެއިލާ ވަނީ އާންމުކޮށްފަ އެވެ. ޓްރެއިލާ އަންމުކުރީ އެކަމަށް ހާއްސަކޮށް މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ލޯބީގެ ތަފާތު ވާހަކައަށް ތައްޔާރުކޮށްފައިވާ އެ ފިލްމުގައި ވަރުންއާއެކު ލީޑުން ފެނިގެންދާނީ ބަތަލާ ބަނީތާ ބާންދޫ އެވެ. ޓްރެއިލާގައި ވަނީ ވަރުން އާއި ބަނީތާގެ ކެރެކްޓާގެ ތައާރަފެއް ދީފަ އެވެ. ޓްރެއިލާ އިން ފެންނަ ގޮތުން ވަރުންއަކީ ލަގްޒަރީ ހޮޓަލެއްގެ ހައުސްކީޕާއެކެވެ. އޭނާގެ އުޅުން ހުންނަނީ ވަރަށް ތަފާތު ގޮތަކަށެވެ.

އޮކްޓޯބާރގެ އޮފިޝަލް ޓްރެއިލާ.

ޓްރެއިލާ އިން ފެންނަ ގޮތުގައި ގިނަ ބަޔަކު ވަރުންގެ އުޅުން ހުންނަ ގޮތާއިމެދު ހިތްހަމައެއްނުޖެހެ އެވެ. ނަމަވެސް ހަމަ އެ ހޮޓެލްގައި މަސައްކަތްކުރާ ބަނީތާއާއި އެނާގެ ބޮޑު ގުޅުމެއް ނެތަސް އެއްތަނެއްގައި ދެ މީހުން މަސައްކަތްކުރާތީ ފެނިދެނިވެ އެވެ.

ބަނީތާ ވަޒީފާއަށް ނާންކަން އިނގުމުން އޭނާ ވީތަނެއް ބަލަން ވަރުން އުޅެނިކޮށް އިނގެނީ ބަނީތާ އޮތީ އައިސީޔޫގައި ކަމެވެ. އެހިސާބުން ބަނީތާ ބެލުމުގެ ޒިންމާ ވަރުން ނަގާތަން ފެނެ އެވެ.

ޝޫޖިތް ސިރްކާރް ޑައިރެކްޓުކޮށްފައިވާ އެ ފިލްމަކީ ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހު 13 ގަ އެވެ. ސުޖީތް ބުނެފައި ވަނީ މި ފިލްމަކީ ވަރަށް ތަފާތު އަސަރުގަދަ ފިލްމަކަށްވެގެންދާނެ ކަމަށެވެ.