ދުނިޔެ

ސޮނީ އަށް ދިން ބޮނޑިއާ އެކު ޓެރަރިސްޓު ލިސްޓުގައި އުތުރު ކޮރެއާ އަލުން ހިމަނަފާނެ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އަވަހަރާކޮށްލާ ހިޔާލީ މިޝަނެއް ދައްކުވައިދޭ ފިލްމެއް ކަމަށްވާ "ދަ އިންޓަވިއު" ރިލީޒްކުރަން ސޮނީ ޕިކްޗާސް އިން ތައްޔާރުވެފައި ވަނިކޮށް ސޮނީ ޕިކްޗާސްގެ ސާވާތައް ހެކްކޮށް މުހިންމު މައުލޫމާތުތައް ލީކުކޮށް ބޮޑެތި ގެެއްލުންތަކެއް ދިން މައްސަލާގައި އުތުރު ކޮރެއާ އަލުން ޓެރަރިސްޓު ލިސްޓުގައި ހިމެނުމާ މެދު ވިސްނަމުން އަންނަ ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ. 

ސޮނީގެ ސާވާތައް ހެކްކުރި ކަމަށް އުތުރު ކޮރެއާ އިން އިންކާރު ކުރި ނަމަވެސް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައި އިން ބުނެފައި ވަނީ އެކަން ކޮށްފައި ވަނީ އުތުރު ކޮރެއާ އިން ކަމަށެވެ. އުތުރު ކޮރެއާގެ މުއާސަލާތީ ވިއުގަ ގުޅިގެން ގޮސްފައި ވަނީ ޗައިނާއާ ކަމަށް ވިޔަސް މި މައްސަލާގައި ޗައިނާ އިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ސީއެންއެން އަށް ރައީސް އޮބާމާ ވިދާޅުވީ ސޮނީ އަށް ލިބުނީ ވަރަށް ވެސް ބޮޑު ގެއްލުމެއް ކަމަށެވެ. އެއީ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި އަޮބާމާ ސިފަ ނުކުރެއްވި ނަމަވެސް ވިދާޅުވީ އެއީ "ސައިބަ ވެންޑަލިޒަމް" އެއް ކަމަށެވެ.

ސޮނީން މިހާރު ވަނީ ކްރިސްމަސްއާ ދިމާކޮށް "ދަ އިންޓަވިއު" ރިލީޒް ކުރަން އިސްތިހާރު ކުރުމަށް ފަހު އެކަން ކެންސަލްކޮށްފަ އެވެ. ސޮނީން ބުނީ ފިލްމު ރިލީޒް ނުކުރަން ނިންމީ ފިލްމު ދައްކަން ނިންމާފައިވާ ސިނަމާތަކަށް އިންޒާރުތައް ލިބިފައި ވާތީ ކަމަށެވެ. އެހެންވެ އެހެން ގޮތަކަށް ފިލްމު ރިލީޒް ކުުރުމަށް ވިސްނަމުން އަންނަ ކަމަށް ވެސް ސޮނީން ވަނީ ބުނެފަ އެވެ.

އޮބާމާ ވިދާޅުވީ ސޮނީ އަށް މިހާ ބޮޑު ގެއްލުމެއް ދިނީ އުތުރު ކޮރެއާ އިން ކަމަށް ތުހުމަތު ކުރެވޭއިރު އެކަމާ ގުޅުން ހުރި ހުރިހާ ހެކިތަކެއް މިހާރު އެއްކުރަމުން އަންނަ ކަމަށެވެ. އަދި އެ ކަންކަމަށް ބެލުމަށް ފަހު، އުތުރު ކޮރެއާ އަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއް ކަމަށް ބެލެވޭ ނަމަ ލިސްޓުގައި އެ ގައުމު ހިމަނަން ޖެހޭނެ ކަމަށް އޮބާމާ ވިދާޅުވި އެވެ.

"އެކަމާ ބެހޭ ހޯދުންތައް ފުރިހަމަވަންދެން މިކަމުގައި ގޮތެއް ނުނިންމާ މަޑުކުރާނަން. މިއީ ހަނގުރާމައިގެ އަމަލެއް ކަމަކަށް ނުދެކެން،" އޮބާމާ ވިދާޅުވި އެވެ.

މި އިންޓަވިއުގެ ކުރިން އޮބާމާ ވަނީ އުތުރު ކޮރެއާގެ ސައިބަ ހަމަލާތައް ހުއްޓުވުމުގައި ޗައިނާ މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.