ރިޕޯޓް

އެންޓި ޑިފެކްޝަންގެ މަގްސަދާއި، ބިލު ބައްޓަންވި ގޮތް ދިމަލެއް ނުވި!

މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ކޮންމެ މެންބަރަކު ވެސް އޭނާގެ ދާއިރާގެ ރައްޔިތުން ކައިރީ ވަރަށް ބޮޑެތި ވާހަކަތަކެއް ދައްކަ އެވެ. ހައްގުގައި ވަކާލާތުކޮށް އަޑު އުފުލާނެ ކަމަށާއި ދާއިރާގެ ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، ފޮނި އުންމީދުތަކެއް ދެއެވެ. އެ ވާހަކަތަކަށް އިތުބާރުކޮށްގެން ވޯޓު ދިނުމުން މަޖިލީހަށް އިންތިހާބުވުމަށް ފަހު ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ދެއްކި ވާހަކަތަކާއި މަޖިލީހުގައި އަމަލު ކުރާ ގޮތް "އުޑާ ބިމާހާ" ތަފާތެވެ.

ދާއިރާއަށް ހިދުމަތްކޮށްދިނުމުގެ ބަދަލުގައި ބައެއް މެންބަރުންގެ އޮންނަނީ އަމިއްލަ އެޖެންޑާއެކެވެ. ޕާޓީ ބުނި ގޮތަކަށް ވޯޓަށް ފިތާލުމާއި، އަމިއްލަ ޖީބަށް ބަރު ކުރެވޭނެ އާ ގޮތްތައް ހޯދުމެވެ. ނުގުޑާ ފަދަ އަޒުމެއް ދައްކައިގެން އިންތިހާބުވާ މެންބަރު މަޖިލީހަށް ވަންނަ ގޮތަށް ގޮނޑި "ވިއްކާލަ" އެވެ. ފަސް އަހަރުގެ ދައުރެއް ނިމޭ އިރު ދާއިރާގެ ހައްގުގައި ބަހުސްކޮށްލުމަށް ތަޅުމުގައި ކޮޅަށް ތެދުވި ފަހަރުތަކަށް ވުރެ ޕާޓީ ބަދަލު ކުރި މިންވަރު މާ ގިނަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ބޮޑު ބަހުސަކަށްވެފައިވާ ފްލޯ ކްރޮސިން މައްސަލާގައި މަޖިލީހުގައި އިއްޔެ ބަހުސް ކުރެއްވި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންގެ ވާހަކަތައް ހުރީ އެ ރާގަށެވެ. އެއީ ދޮގު ވާހަކަތަކެއް ނޫނެވެ. އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް ގަބޫލު ކުރާނެ ހަގީގަތަކީ މެންބަރުން މަސައްކަތް ކުރަން ނިކުންނަ މަޖިލީހަކީ ރައްޔިތުންގެ އިތުބާރު ގެއްލި، ގަދަރެއް އިހްތިރާމެއް އޮންނަ ތަނެއް ނޫން ކަމެވެ.

އެހެންވެ "އެންޓި ޑިފެކްޝަން" ބިލު ހުށަހަޅުމުގެ ބޭނުމަކީ އެ މަންޒަރު ބަދަލުކޮށްލާ، ގަދަރާއި އިހްތިރާމް ލިބޭ ތަނަކަށް މަޖިލީސް ހެދުމަށް ކަމަށް ސަރުކާރު މެންބަރުން ބުނެ އެވެ. އެގޮތުން ބިލުގެ މަގްސަދުގައި ވެސް ބުނެފައި ވަނީ މަޖިލީހަކީ ސިޔާސީ ނުފޫޒުތަކުންނާއި މާލީ ނުފޫޒުތަކުން އެއްކިބާވެފައި އޮންނަ ތަނަކަށް ހެދުމަށާއި އެތަނަކީ ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް ހެދުމެވެ.

"މިއަދަކީ އަޅުގަނޑުގެ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ވޭތުވަމުންދާ ދެ ދައުރުގައި އަޅުގަނޑަށް އެންމެ ބޮޑު އުފަލެއް ލިބިގެން ދާ ދުވަސް، މި އުފާ ލިބިގެންދާ ކަމަށް އަޅުގަނޑު ބުނަން ޖެހެނީ އެއީ އަޅުގަނޑު ދުށް މަންޒަރުތަކާއި އިވުނު އަޑުތަކާއި އެކުގައި މެންބަރެއްގެ ހައިސިއްޔަތުން ކުރާނެ އިހުސާސްތަކާއި ރައްޔިތުންގެ ވޯޓަކަށް އެދި ރައްޔިތުންގެ ވިންދު ދަންނަމޭ ބުނެ ރައްޔިތުންނާ އެ ވާހަކަދައްކާފަ މަޖިލީހަށް ހޮވި ހަމަ ޖެހިގެން އަންނަ ދުވަހު ގޮނޑި ނުއަގުގައި ވިއްކާލުމަކީ ގަބޫލު ކުރާ ހަލަތަށް ނުވާތީ އެ ބިލު މަޖިލީހަށް ހުށަހެޅޭތީ،" އެންޓި ޑިފެކްޝަން ބިލު ހުށަހެޅި ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަަދު ނިހާން ހުސެއިން މަނިކު ވިދާޅުވި އެވެ.

ނިހާންގެ އިތުރުން މަޖިލީހުގެ ތަޅުމުގައި އިއްޔެ ވާހަކަދެއްކެވި ހުރިހާ މެންބަރުން ވެސް ވިދާޅުވަނީ އެގޮތަށެވެ. އެންޓި ޑިފެކްޝަން ބިލުގެ މަސައްކަތް ކުރެވޭތީ އުފާ ކުރާ ކަމަށާއި މަޖިލީހަކީ އެއްވެސް އަގެއް ނެތް ތަނަކަށް ވެފައި އޮންނާތީ ވާ ކަންބޮޑުވުންތަކުގެ ވާހަކައެވެ. އަދި މެންބަރުންނަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދައިދިނުމުގެ މަސައްކަތް ކުރެވޭތީ ފަހުރުވެރިވާކަމަށް ވެސް ސަރުކަރު މެންބަރުން އިއްޔެ ވިދާޅުވި އެވެ.

ނަމަވެސް އެ މޭރުމުން ވާހަކަ ދެއްކެވި ހުރިހާ މެންބަރުންނަށް ސުވާލެއް އެބައޮތެވެ. މަޖިލީހަކީ އިއްޒަތާއި ގަދަަރު ކުރާ ތަނަކަށް ހެދުމަށާައި މެންބަރުންނަކީ ސިޔާސީ ނުފޫޒެއް ނެތް ނުފޯރާ ބަޔަކަށް ހެދުމަށް ކަަމަށް ބުނެ އެންޓި ޑިފެކްޝަން ބިލު ބަލައި ގަތުމަށް ފަހު، ސީދާ 12 މެންބަރެއްގެ ގޮނޑި ގެއްލުވާލުމަށް ބޭނުން ކުރާ ހަތިޔާރެއް ގޮތަށް ކޮމިޓީ މަރުހަލާގައި އެ ބިލު ފަރުމާ ކުރުމުން މިވީ ކިހިނެތް ހެއްޔެވެ؟

ބިލުގެ މަގްސަދުގައި ބުނާ ގޮތަށް ރައްޔިތުންގެ އިތުބާރު ހޯދުމަށާއި މަޖިލީހުގެ އަގު ހިފެހެއްޓުނު ހެއްޔެވެ؟ ނޫނީ އެ ގޮތަށް ކަންތައް ކުރުމުގެ ނަތީޖާއަކަށް ވާނީ އެއާ ދިމާ އިދިކޮޅު ކަންތައްވުން ނޫންތޯ އެވެ. އިއްޔެ ދެއްކެވި ވާހަކަފުޅުތަކާއި އަމަލު ކުރެއްވި ގޮތާ އެއްވެސް ވަރަކަށް ދިމާވި ހެއްޔެވެ؟ ކުރިން ހިނގާފައިވާ ވަކި ކަމަކަށް ޓާގެޓުކޮށްގެން ސަރުކާރުގެ ހިމާޔަތުގައި ކުރެއްވި ކަމުގެ ސަބަބުން ސިޔާސީ ނުފޫޒެއް އެއްވެސް ވަރަކަށް ނެތް ކަމަށް ގަބޫލުކޮށްލަންވީ ހެއްޔެވެ؟

"ހެޔޮ ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ބުނެ، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ފަހު، މިކަން މިވެގެން ދިޔައީ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ގާނޫނާ ހިލާފަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑީގެ މައްސަލާގައި ޖެހި މަޅިއަކަށް، އަޅުގަނޑުމެންނަށް އަބަދުވެސް އެނގޭ ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ފޭރާން ކިތަންމެ ރީތި ވިޔަސް، ނިޔަތް ވަރަށް ގޯސް ވާނެކަން، އޭގެ ބޮޑު ހެއްކެއް ފެނިގެން މިދަނީ، އެ ބުނާ މަގްސަދު ހާސިލު ކުރަން ބޭނުން ނަމަ ކީއް ކުރަންތޯ ދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހިނގި ކަންކަމަށް ބިލްގެ ބާރު ލިބޭ ގޮތަށް އެ ބިލު ހަދަންވީ،" އަވަސްއާ ވާހަކަދެއްކެވި އިދިކޮޅު މެންބަރަކު ރޭ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ "މިފަދަ ކަންކަމާ ހެދި ރައްޔިތުންގެ މަޖިލީހުގެ އަގު ވެއްޓެނީ، މިއީ މެންބަރުންނަށް ރައްޔިތުން އިތުބާރު ނުކުރާ ސަބަބު، ސަރުކާރުން ބުނީއާ ބުނި އެއްޗެއް ހަދަން ފޮނުވާފައި ތިބި ބައެއް ނޫން އެއީ،"

ގާނޫނެއް ހަދާއިރު އެ ގާނޫނު ވުޖޫދު ވުމުގެ ކުރިން ހިނގާފައި ހުރި ކަންކަމަށް ވެސް އެ ގާނޫނު ހިނގާ ގޮތަށް ހެދުމަކީ އެއީ ގަބޫލު ކުރެވޭ ހަމައެއް ނުން ކަމަށް ފުންނާބު އުސް ވަކީލުން ވެސް ވިދާޅުވެ އެވެ. ހާއްސަކޮށް އެންޓި ޑިފެކްޝަންގެ މައްސަލާގައި އެ ބިލު ފަރުމާކޮށްފައި ވަނީ ސީދާ ބަކި ބަޔަކު އަމަލު ކުރަން ޖެހޭ ގޮތަކަށް ކަން ވަރަށް ސާފެވެ. މިއީ ގާނޫނެއްގައި ވަކި 12 ފަރުދަކަށް އަމާޒުކޮށްގެން އެއްޗެހި ލިޔެވޭ ފުރަތަމަ ފަހަރު ކަމަށް ވެސް ވުން އެކަށީގެންވެ އެވެ.

އެ ބިލާ ގުޅޭ ގޮތުން ސަރުކާރު މެންބަރުން ދައްކާ އަނެއް ހުއްޖަތަކީ އެއީ ޕީޕީއެމްގެ ރިޔާސީ ވައުދެއް ކަމަށެވެ. އެހެންކަމުން އެ މެންބަރުން ކުރަނީ ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައިވާ ކަންތައް ކަމަށާއި އެފަދަ މަސައްކަތެއް ކުރާއިރު ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުވި ހުރިހާ މެންބަރުން ވެސް އެއަށް ވޯޓު ދޭން ޖެހޭނެ ކަމަށް އެ މެންބަރުން ވިދާޅުވެ އެވެ.

ނަމަވެސް ރިޔާސީ ވައުދުގައި އޮތީ މެންބަރަކު އިންތިހާބީ ދައުރުގެ ހަމަވުމުގެ ކުރިން ޕާޓީ ބަަދަލު ނުކުރެވޭ ގޮތް ހެދުމެވެ. ނަމަވެސް މެނިފެސްޓޯގެ އެ ޕޮއިންޓުގެ މަތިން ހަނދާން ވަނީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް، އިދިކޮޅަށް މެޖޯރިޓީ ލިބުނީމަތޯ ސުވާލު އުފެދެ އެވެ. ނުވަތަ ޕީޕީއެމްގެ ބޮޑު މެޖޯރިޓީ އޮތް އިރު، ކުރިން ހިނގި ކަންކަމަށް ވެސް ގާނޫން ހިނގާ ގޮތަށް ގޮނޑި ގެއްލޭ ބިލު ފާސް ނުކުރީ ކީއްވެ ހެއްޔެވެ؟ މިހާރު މިވާ ގޮތުން ޕީޕީއެމް އިން މެންބަރުން "ގަނެލި އިރު" މައްސަލައަކަށް ނުވެފައި، ގޯސްވީ އިދިކޮޅު ފިކުރަށް ބަދަލު ކުރި މެންބަރުން އެކަންޏެއް. އެހެންވެ އެންޓި ޑިފެކްޝަން ބިލު ހުށަހެޅި ނިޔަތުގެ އިހްލާސްތެރިކަމާ މެދު ސުވާލު ނުއުފައްދަން ވީ ސަބަބެއް ނެތެވެ.

"އެންޓި ޑިފެކްޝަން ބިލު މީގެ ކުރިން ފާސްވި ނަމަ ޕީޕީއެމްގެ މެޖޯރިޓީއެއް ނޯންނާނެ، އެ ބިލު ނެތުމުން ޕީޕީއެމްއަށް ވެސް މެޖޯރިޓީ ލިބިގެން ދިޔައީ، އެ ނޫންނަމަ މެޖޯރިޓީއެއް ނުލިބުނީސް، މި ކަމުގައި އެއްކޮޅަކަށް ވާހަކަ ދައްކައިގެން ރަނގަޅެއް ނުވާނެ،" އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ފުރޮޅާލައި ސަރުކާރު ބަލިކަށިވާން ފެށި ހިސާބަކީ 12 މެންބަރުން ފަޅި ބަދަލުކޮށް، ރައީސް ވިދާޅުވާ "ބަޣާވަތް" މަޖިލީހުގެ ތެރެއިން ގެންނަން އުޅުމުންނެވެ. އަދި އެންޓި ޑިފެކްޝަން ބިލުގެ "އަސްލު" މަގްސަދު ސިފަވަނީ އެ ބަޣާވަތް މުޅިން ނިމުމަކަށް ގެނައުމަށް 12 މެންބަރުންގެ "ދުވަސް ދުއްވާލަން" ހަދާ ގާނޫނަކަށެވެ.