ވާހަކަ

ބުނެދޭށޭރުހެމޭ

(11 މާރިޗު 2018 އާ ގުޅޭ)
ދެ ޒުވާނުންގެ އަޑާއެކު ކަބަޑުސެޓުގައި ބުޑުޖައްސާލައިގެން ހުރި ނިމްރާ އަވަހަށް ހަށިގަނޑު ސީދާކޮއްލިއެވެ. އަދި އެ މީހުންނާ ކުރިމަތިލުމަށް އެނބުރިލިއެވެ. ރާދިން ބަލާލި ނަމަވެސް އަރްސަލް ބަލައެއްނުލިއެވެ. ދެ ޒުވާނުން ގޮސް އިށީނީ ސޯފާގައެވެ. ނިމްރާއަށް އަނެއްކާ ވެސް ހުރި ތަނުގައި މަޑުކޮއްލެވުނީއެވެ.

އެއްތަނެއްގައި ތަންކޮޅެއް ގިނައިރު މަޑުކޮއްލައިގެން ހުންނަން ޖެހުމުން ނިމްރާއަށް އޭނާގެ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން އިހުސާސް ކުރެވުނެވެ. އެއާއެކު ގޮހޮރުގެ ހުސްކަން އިހުސާސް ކުރެވުނީ ބަނޑުތެރެއިން އަޑު ކިޔާލުމުންނެވެ. އޭރު ފެންފޮދެއް ނުބޯތާ ގިނައިރު ވެގެން އަރުތެރޭގައި ހިތިކަމެއް ހުއްޓެވެ. ދެތުންފަތް ވަނީ ހިކިގެން ގޮސް ކުރަކިވެފައެވެ. އުނދަގޫ ގޮތަކަށް ނިމްރާ ހިންދިރުވާލުމާއެކު ބަނޑުގައި ދެއަތްވަށާލައި ހިފަހައްޓާލިއެވެ.

އެޕާޓްމެންޓުގެ ބެލް އަޅާލި އަޑު އިވުމާއެކު އަރްސަލް އަވަހަށް ތެދުވެގެން އައިސް ދޮރު ހުޅުވާލިއެވެ. ލައިގެން ހުރި ސޯޓުގެ ފަހަތު ޖީބުން ވޮލެޓު ނަގާ ދޮރުމަތީ ހުރި މީހާއަށް ފައިސާ ދީފައި އަރްސަލް އެތެރެއަށް ވަދެ ދޮރުލައްޕާލިއެވެ. އޭނާގެ އަތުގައި އޮތް ތިން ޕީޒާ ފޮށިގަނޑާއި ކޮތަޅަކަށްލާފައި އޮތް ތިން ޕެޕްސީ ދަޅު ހިފައިގެން އައިސް ކާމޭޒު މަތީ ބެހެއްޓިއެވެ.

"މި ދަޅުތަކުގެ މަތި ދޮވެގެން ގެނޭ" އަތުގައި އޮތް ޕްލާސްޓިކު ކޮތަޅު ނިމްރާއަށް ދިއްކޮއްލަމުން އަރްސަލް ބުންޏެވެ. އޭނާ ދެން އެނބުރިލީ ސޯފާގައި އިން ރާދިންއަށް ގޮވާށެވެ. އަރްސަލްއާއި ރާދިން ކާމޭޒު ދޮށުގައި އިށީންނަން ވާއިރަށް ނިމްރާ ދަޅުތައް ދޮވެގެން ގެނެސް މޭޒުމަތީ ބެހެއްޓިއެވެ.

ޕީޒާފޮށިތަކުގެ މަތި ނެގުމާއެކު އަރައިގަތް މީރު ވަހުން ނިމްރާއަށް ހުސްއަނގަ ކާލެވުނެވެ. ހަމަ އެހިނދު އޭނާގެ ބަނޑުން "ގުޑުގުޑު"ގެ އަޑުފަށްގަނޑެއް އިވިގެން ދިޔައެވެ. ނިމްރާ ދެ ލޯ ބޮޑުކޮއްލަމުން އަރްސަލްއާއި ރާދިންއަށް އަވަސް ނަޒަރެއް ދިން އިރު އެ މީހުންގެ ނަޒަރު ވެސް ހުރީ ނިމްރާއަށް ހުއްޓިފައެވެ. އެ މީހުންނަށް ވެސް އެ އަޑު އިވުނީކަން ނިމްރާއަށް ޔަގީންވިއެވެ. ބަނޑުހައިކަމަށްވުރެ ނިމްރާ އެވަގުތު ލަދުގަތީއެވެ. އަވަސް އަވަހަށް ހަލުވި ހިނގުމުގައި އެތަނުން ދުރަށް ދާން އޭނާ ހިނގައިގަތެވެ.

"އޭނާ ވަރަށް ބަނޑުހައިވެފަ ކަންނޭނގެ ހުރީ... އަރްސަލް ނުބުނާނަންތަ ކާން އަންނާށޭ..." ނިމްރާ އެތެރެއަށް ދިޔަ ތަން ބަލަން ހުރެފައި ރާދިން މޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ. އޭނާއާއެކު އަރްސަލް ވެސް މޭޒު ދޮށުގައި އިށީނދެއްޖެއެވެ.

"ރާދު ބުނަންވީނު" ހުޅުވާފައި ހުރި ޕީޒާތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރްސަލް ބުނެލިއެވެ.

"އަހަންނެއްނޫން ދޯ އޭނާ ގެނެސްގެން މި އުޅެނީ. ކޮންމެގޮތެއް ވިޔަސް މިގޭގައި އޭނާ ހުންނަންޏާ ކައިބޮއެ ހަދާނީ ވެސް މިގެއިން. އެކަންކަން ހަމަޖައްސާނީ ވެސް އަރްސަލްއެއްނު" ޕީޒާ ފޮއްޗެއް ނަގާ އަނގަޔަށް ދިމާކޮއްގެން އިނދެ ރާދިން ބުނެލިއެވެ. އަދި ދައްކަމުން ދިޔަ ވާހަކަ ނިންމާލުމާއެކު ވަގުތުން ޕީޒާ ފޮތިން ބައެއް ރާދިން ކާލިއެވެ. ނަމަވެސް އަރްސަލް އިނީ ކާއެއްޗެހީގައި އަތްނުލައެވެ.

"އަހަރެން ބޭނުމެއްނޫން އޭނާއަށް ގޮވަން ދާކަށް... އޭނާއާ އެއްމޭޒުމަތީގައި ކާކަށް ވެސް ބޭނުމެއްނޫން" އަމިއްލަ ހިތާ އަރްސަލް ވާހަކަދެއްކިއެވެ. އެވަގުތު އަރްސަލްގެ ޟަމީރު ކަމެއް ހަނދާންކޮއްދިނެވެ. ނިމްރާ އައުމުން ވެސް އޭނާ އެތައް އިރަކު އަވީގައި ހުންނަން އަރްސަލް ޖެއްސިކަމެވެ. އެ ގެއަށް ނިމްރާ ވެއްދިފަހުން ފެންފޮދެއްހާ ހިސާބު ވެސް އެ އަންހެންކުއްޖާ ބޯލިތަނެއް އަރްސަލް ނުދެކެއެވެ.

"އަރްސަލް" ރާދިން ގޮވާލީ އަރްސަލް ކާން ނުފަށާ އިންނާތީއެވެ. އިސްއުފުލާލައި ރާދިންއަށް ބަލާލާފައި އަރްސަލް ބޭނުންވާ ވަރަށް ޕީޒާ ފޮތިތައް މޭޒުމަތީ ހުރި ތަށްޓަށް އެޅިއެވެ. އަދި އިންތަނުން ތެދުވެ އެތެރެއަށް އޭނާ އައެވެ.

"އޭތް! ރަތްޖިންނި... ބަނޑުހައިވަންޏާ އަމިއްލައަށް ކާއެއްޗެހި ހަދައިގެން ކާނީ. މިތަނުގައި އެންމެން ބޯން ބޭނުންކުރާ ފެން ހުންނާނެ. ކަލޭ ވެސް އެ ފެން ބޯންވީ.... ދެން... މިހާރު ބަނޑުވެފައި ހުރިއްޔާ އާދޭ ކާން. މީހަކު އާދޭތޯ އަހަރެމެން މަޑެއް ނުކުރާނަން" ނިމްރާގެ ކޮޓަރީގެ ތަޅުގައި ހިފައި އަނބުރާލުމާއެކު އެތެރެއަށް ދޮރުހުޅުވިގެން ދިޔައެވެ. އަރްސަލް ވާހަކަދެއްކީ ވަރަށް އަވަސްއަރުވާލާފައެވެ. އެނދުގައި ފައިކުރުކޮއްލައިގެން ނިމްރާ އިނީ އަރްސަލްއަށް ބަލާށެވެ. އެހެންނަމަވެސް މިފަހަރު އަރްސަލްގެ ނަޒަރު ނިމްރާއަށް އަމާޒެއް ނުކުރިއެވެ.

އެނދުން ފޭބި ނިމްރާ ކޮޓަރިން ނުކުންނަން ހިނގައިގަތީ އަރްސަލްގެ ޚިޔާލުގައި ހުރެއެވެ. ކިތަންމެ ނުރުހުމާއި ހަރުކަށިކަމާއެކު ވާހަކަދެއްކި ނަމަވެސް އަރްސަލްއާ މެދު ނިމްރާގެ ހިތުގައި ޝަކުވާއެއް ނެތެވެ. މިއަދު އޭނާއަކީ އަރްސަލްގެ ކުރިމަތީގައި ހުރި އެންމެ ބޮޑު ކުށްވެރިޔާއެވެ. އެހެންވިޔަސް ނިމްރާ ބިކަވެގެން ނުދިޔައީ އަރްސަލްގެ ސަބަބުންނެވެ. އަރްސަލްގެ ޒަޚަމްވެފައިވާ ހިތަށް ކޮންމެވެސް ދުވަހަކުން ތަސައްލީއެއް ލިބޭނޭކަން ނިމްރާ ޤަބޫލުކުރެއެވެ. އެ ދުވަހަކުން އަރްސަލްގެ އެ ނަފުރަތައް ވެސް ނިމުން އަންނާނޭކަމުގައި ނިމްރާ އުންމީދު ކުރެއެވެ.

މަޑުމަޑުން އައިސް ކާމޭޒު ކައިރީ ނިމްރާ ހުއްޓިލިއެވެ. އޭރުން މޭޒުދޮށުގައި ހަމައެކަނި އިށީނދެގެން އިނީ ރާދިން އެކަންޏެވެ. އަރްސަލް އަވަސްއަވަހަށް އޭނާގެ ޕެޕްސީ ދަޅާއި ޕީޒާތައް އެޅި ތަށިހިފައިގެން ގޮސް ސޯފާގައި އިށީނެވެ.

"ނިމްރާ ދޯ... ކީއްވެ ތި ހުންނަނީ؟ އިށީނދެ ކާންފަށާ... އަނެއްކާ ނުކާވައްތަރެއްގެ ޕީޒާތަ ހުރީ" ގޮނޑީގެ ލެނގޭބައިގައި ހިފަހައްޓާލައިގެން ނިމްރާ ހުންނަން ފެށުމުން ރާދިން ބުންޏެވެ. ނިމްރާ ބޯޖަހާލާފައި އިށީނެވެ. އޭނާ ބޯޖަހާލީ ކޮންކަމަކަށް ކަމެއް ރާދިންއަކަށް ނަގައެއްނުގަނެވުނެވެ.

ގޮނޑި ފަހަތަށް ޖައްސާލާފައި ނިމްރާ އިށީނެވެ. އެއާއެކު މޭޒުމަތީ ނުކަނޑާ ހުރި ޕެޕްސީ ދަޅު ނިމްރާއާ ކައިރިއަށް ރާދިން ޖައްސާލިއެވެ. ޝުކުރުވެރި ލޮލަކުން ނިމްރާ ބަލާލި ނަމަވެސް އޭނާ އެ ޕެޕްސީ ދަޅުގައި އަތެއްނުލިއެވެ. މޭޒުމަތީ ހުރި ފެންފުޅިން ބިއްލޫރި ތަށްޓައް ފެންއަޅައި ކެއުމުގެ ކުރީން ދެ ފެންތަށި ނިމްރާ ބޯލިއެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ރާދިން ބެލިއެވެ. އެހެންނަމަވެސް ނިމްރާއަށް ނޭނގޭނޭހެން ސިއްރުންނެވެ. އެ އަންހެންކުއްޖާގެ ގޮތް އެނގެން އޭނާ ވެސް ބޭނުންވެފައި އިން ކަހަލައެވެ.

"ކީއްވެ ތި އައީ؟ އަރްސަލް ބުންޏަސް ނިމްރާއަށް އަންނާކަށް ނުޖެހޭނެ... ބިރެއް ނުގަނޭތަ މިތަނުގައި އުޅޭން... އައި މީން... އަހަރެމެން ދެ ފިރިހެނުން ފިޔަވައި މިތަނުގައި އެކަކު ވެސް ނޫޅޭނެ... ޔޫ ވިލް ބީ ދި އޮންލީ ލޭޑީ އިން ދި ހައުސް" ރާދިން ހީވީ ގަޞްދުގައި ނިމްރާގެ ސިކުނޑިއަށް ބިރުވެރި ޚިޔާލުތަކެއް ވައްދަން އުޅުނު ހެނެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ސޯފާގައި އިން އަރްސަލްއަށް ވެސް އަޑު އިވުނެވެ. އެހެންނަމަވެސް ރާދިންގެ ވާހަކައިގެ މިސްރާބު ހުރި ދިމާލުން އޭނާ ހުއްޓުވަން އަރްސަލް ވެސް ބޭނުންނުވީއެވެ.

"ކީއްވެ ވާހަކަ ނުދައްކަނީ؟... ވަރަށް ސީރިއަސް ކަމެއްގެ ވާހަކަ ދޯ އަހަރެން މި ބުނީ. ދެ ފިރިހެނުންނާއެކު މި އެޕާޓްމެންޓުގައި އުޅެން ނިމްރާ އައިއިރު، ވިސްނާލަން ވާނެ ދޯ ކަމެއް ހިނގާފާނެކަން... އަނެއްކާ އަރްސަލް ބުނިހާ ކަމެއް ކުރަން އެއްބަސްވެގެންތަ ތި އައީ؟ އޭނާގެ ހުރިހާ ބޭނުންތަކެއް ނިމްރާއަށް ފުއްދައިދެވޭނެތަ؟... ފަހަރެއްގައި އަހަރެން ވެސް... އަހަރެން ވެސް ކަމަކު ބުނަން ޖެހިދާނެ. އަހަންނަށް ކޮއްދޭނަންތަ؟" ރާދިންގެ ވާހަކަތަކުން ނިމްރާ އިސްއޮބާލައި މޫނު ފޮރުވަން އުޅެން ފެށުމުން އެކި ގޮތްގޮތަށް ބޯއަރިކޮށް ނިމްރާގެ މޫނު ބަލަން ރާދިން މަސައްކަތް ކުރިއެވެ. ކާމޭޒަށް ފުރަގަސްދީގެން ސޯފާގައި އަރްސަލް އިންއިރު އޭނާ އިނީ ދެ ތުންފަތް ބައްދައިގެންނެވެ. ރާދިންގެ ވާހަކަތައް ހުރި ގޮތުން އަރްސަލްގެ ހިނިގަނޑު ފަޅައިގެން ހިނގައިދާނޭތީއެވެ. ނިމްރާ ކޮށި ވެސް އަރާ ގޮތްވިއެވެ. އެފަދަ ސަމާސާއެއް ރާދިން ކޮއްފާނޭ ކުޑަކޮށް ވެސް އަރްސަލްގެ ހިތަކަށް ނާރައެވެ.

"ތި ނިމުނީތަ؟ އެންމެ ދެ ފޮތި.... ތިވަރުން ބަނޑެއް ވެސް ނުފުރޭނެއެއްނު" ނިމްރާ ކައި ނިންމާލާފައި ތެދުވުމުން ރާދިން ސީރިއަސްވެލިއެވެ.

"އޯކޭ..." މަޑުމަޑު އަޑެއް ނިމްރާގެ އަނގައިން ނުކުތެވެ. އޭނާއަށް ރާދިން ދެއްކި ވާހަކަތައް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. އަރްސަލްއަކީ އަނބިމީހާދެކެ ލޯބިވާ މީހެއްކަމުގައި ނިމްރާ ޤަބޫލުކުރެއެވެ. ވީއިރު ރާދިން އެ ބުނާ ފަދަ ދަރަޖައަކަށް އަރްސަލް ހިނގައިދާނޭ ނިމްރާގެ ޟަމީރު އެއްބަހެއްނުވެއެވެ. އެކަމަކު ރާދިންއާ މެދު ކުޑަ ވެސް އިތުބާރެއް ނިމްރާގެ ނެތެވެ. ކުރީން ރާދިން ފެނުނު އިރު ނިމްރާއަށް ހީކުރެވުނީ އަރްސަލްއާ ދެ މީހުންގެ ތެރެއިން އެންމެ ހަރުދަނާ ވިސްނޭ މީހަކީ ރާދިން ކަމުގައެވެ. އަރްސަލްއަށް ވިސްނައިދޭން ރާދިން މަސައްކަތް ކުރިކަން ނިމްރާއާ އެންމެ ފުރަތަމަ އެ ދެ ޒުވާނުން ބައްދަލުވި ދުވަހު ފާހަގަކުރެވުނެވެ.

"ކީއްވެ މި ޕެޕްސީ ދަޅު ނުބޮއެ މި ހުރީ... ކާކު ބޯނެކަމަށް..." ސޯފާއިން ތެދުވެގެން އައިސް ކާމޭޒު މަތީ ތަށި ބަހައްޓަމުން އަރްސަލް ބުނެލީ ނިމްރާއަށް މުޚާޠިބުކޮށެވެ.

"ނުބޮވޭނެ..." އިސްއުފުލާލަން ބޭނުންނުވެފައި ހުރެ ނިމްރާ ބުނެލިއެވެ.

"އަހަންނަށް ހީވަނީ މި އޮތް ދެ ފޮތި އަދި ނިމްރާއަށް ކެވޭނެހެން" ރާދިން އިނދެފައި ބުނެލިއެވެ. އެއާއެކު ކުއްލިއަކަށް ނިމްރާއާ ގާތަށް ޖެހިލާ އޭނާގެ ވައަތު މުލައްދަނޑީގައި އަރްސަލް ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ. އަދި ޕެޕްސީ ދަޅު ކަނޑާ ނިމްރާގެ ކުރިމަތީ ބެހެއްޓުމާއެކު ފޮށިގަނޑުގައި އޮތް ދެ ފޮތި ޕީޒާ ކާން އަމުރު ކުރިއެވެ.

"ތި ގޮނޑިން ތެދުވާކަށް ލާހިކެއްނޫން އެ ނުކައި" އަރްސަލް ބުނެލިއެވެ.

ނިމްރާ ގަދަކަމުން އަރްސަލް ބުނި ގޮތަށް ކަންތައް ކުރިއެވެ. ރާދިން ވެސް އިނީ ނިމްރާގެ ނިންމުން ފެނިފައި އަޖައިބުވެފައެވެ. ދެކޮޅު ހެދުމެއްނެތި އޭނާއަށް އަރްސަލް އަމުރުކުރި ގޮތަށް ހުރިހާ ކަމެއްކޮށް ނިންމީއެވެ. އެއާއެކު ނިމްރާގެ ވައަތް ފަރާތު ކޮނޑުމަތީގައި އޮތް އަރްސަލްގެ އަތްތިލަ ހިއްލާލާ އޭނާ ދުރަށް ދިޔައެވެ. ފާޑަކަށް ހިނިއައިސްފައި ހުރެ ރާދިން ވެސް ތެދުވެގެން ގޮސް ސޯފާގައި އިށީނެވެ. އަދި ރޭގަނޑު ޓީވީއިން ދައްކަން އޮތް ފުޓުބޯޅަ މެޗެކާ ގުޅޭ ގޮތުން އަރްސަލްއާ ވާހަކަދައްކަން ފެށިއެވެ. އަރްސަލް ވެސް ފެންތަށްޓެއް ބޯލުމާއެކު އެނބުރި ރާދިންގެ ގާތަށް ދިޔައީ ނިމްރާއަށް ސަމާލުކަމެއް ނުދީއެވެ. އަރްސަލް ނުބުނި ކަމުގައި ވިޔަސް ނިމްރާ ކާމޭޒު މަތި ސާފުކުރިއެވެ. ތަށިތައް ދޮވެ ކެބިނެޓުގެ ތެރެއަށް ލުމުގެ ކުރީން ސިންކުގެ އެއްފަޅީގައި ހުރި ތަށިޖަހާ އެތީގައި ދެ ތަށި ބެހެއްޓީ ފެން ހިއްކަންށެވެ.

* * * *

ހަވީރުގެ ފަހެއްޖަހާކަން ހާއިރެވެ. އިތުރު ކަމެއް ކުރަން އޮތްކަން އަރްސަލްގެ ފަރާތުން އެނގިފައި ނެތުމުން ނިމްރާ ނުކުތީ އެޕާޓްމެންޓުގެ ބިއްދޮށުގައި އޭނާގެ ކޮޓަރި ކައިރީ ހުންނަ ބެލްކަންޏެވެ. އެއާއެކު އެއްފަރާތުގައި މޯޅިވެ ހިކޭގޮތް ވެފައި ހުރި ތިން ގަސް މުށިގަނޑެއްގައި އިންދާފައި ހުއްޓާ ފެނުނެވެ. އަރްސަލްއާއި ރާދިންއަކީ ގަސް އިންދާނޭ ބައެކޭ ނިމްރާގެ ސިކުނޑި ޤަބޫލެއްނުކުރެއެވެ. ނިމްރާގެ މޫނުމަތި މިލައިގެން ދިޔައީ ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

"މި އެޕާޓްމެންޓު ބެލެހެއްޓީ އަރްސަލްގެ އަންހެނުން އެކަނިމާއެކަނިތަ... މި ގަސްތައް ވެސް މީ އޭނާގެ މަސައްކަތަކަށްވާނީ. އޭނާ ބެލެހެއްޓިހާ ލޯބިން އަހަރެން ކިހިނެއް ހުރިހާ ކަމެއް ކުރާނީ. އަހަންނަށް ކުރަން ނޭނގޭ ކަންތައްތައް ބައިވަރު. މިރޭ ކައްކާށޭ ބުނި އިރު ކައްކާނީ ކޯޗެއްކަމެއް ވެސް އަހަންނަކަށް ނޭނގޭ. އަރްސަލް ބޭނުންވާހާ ވައްތަރުތައް އަހަރެން ތައްޔާރުކުރާނީ ކިހިނެއް. އަހަރެން އެއްވެސް އިރެއްގައި ކައްކާހިތެއްނުވޭ... ކުރަން ބޭނުންނުވާތީ ދަސްކުރުމުގެ ޝައުގުވެރިކަމެއް ވެސް ނެތީ... އެކަމަކު... މިއަދު... މިއަދު އަހަންނަށް ކައްކަން ދަސްވެފައި ހުރިނަމަ ކިހާ ރަނގަޅުވީސް.... އަރްސަލް ގާތުގައި ބުނަންވީތަ؟، އޭނާ ގާތުގައި ބުނެފިއްޔާ ހީވެދާނެ މަސައްކަތުން ރެކެން އުޅެނިއްޔޭ. އޭނާ އަހަންނަށް މެއިޑެއްގެ ވަޒީފާ ދިނީ އަހަރެންގެ ފަރާތުން ގޭތެރޭގައި ކުރަންޖެހޭ ހުރިހާކަމެއް ކުރެވެންޖެހޭނެކަން އަންގާފައި. ކައްކަން ނޭނގިއްޖެއްޔާ އަހަރެން ބޭރުކޮއްލަފާނެތަ. އަރްސަލްގެ އަންހެނުން ކައްކާ އެއްޗެހީގައި ލާ ރަހައެއް ނުލާނެކަން ޔަގީން" ނިމްރާއާ ހަވާލުވެފައި އޮތް ކަންކަމާމެދު އޭނާ ފިކުރުކުރުމުގައި ބެލްކަނީގެ ފާރުބުރީގައި އަތްއަޅުވާލައިގެން ހުއްޓެވެ.

* * * *

"މިއަދު ދުވަން ނުދާ ދުވަހެއްތަ؟" ރާދިން އަހާލިއެވެ.

"ނެތް ދާހިތެއް... އެ ޕިޒާތައް ކައިގެން މާބޮޑަށް ކަންނެތްވީ. ދެން ފަތިހުން ދާނީ" އަރްސަލް ބުނެލިއެވެ.

"ކީއްވެތަ އޭނާއަށް ރަތްޖިންނި ތިކިޔަނީ؟" ނިމްރާ ފެންނަ ހިސާބުގައި ނެތްކަން ޔަގީން ވާއިރު ވެސް އެތެރެއަށް ނަޒަރު ހިންގާލަމުން ރާދިން އަހާލިއެވެ.

"އޭނާގެ ނަން ކިޔަން ބޭނުންނުވާތީ... އެހެންނޫނަސް އޭނާގެ ބޯ ނުފެނޭތަ؟" ޕީސްއެސް އިން ފުޓުބޯޅަ ކުޅެން ޖޮއިސްޓިކު ހިފައިގެން ސޯފާއަށް ވެއްޓިގަނެގެން އަރްސަލް އޮތެވެ.

"އެ ހެއަރ ކަޓް ހުތުރެއްނޫން، ސަޅި ގޮތެއް ހުރޭ. ދުށިންތަ އޭނާގެ ނޭފަތުގަ އިން ސްޓަޑު... ބައި ދަ ވޭ... އެ ރެޑް ހެއަރގަ... ޝީ ލުކް ސޯ ފިއާސް އެންޑް ކައިންޑާ ހޮޓް. އެކަމަކު އޭނާގެ އެ ލުކް އަކާ އޭނާއަކާ ނުގުޅޭ. ވެދާނެ އޭނާ އަރްސަލްދެކެ ބިރުގަންނަނީކަމަށް. ހާދަ މަޑުމަޑުންނޭ އެ ހުންނަނީ... ނޫންތަ؟ އޭނާއަށް ބަލާލާފައި މީހަކު ނުބުނާނެ އެހާ ސައިލެންޓް ވެދާނެއޭ އެ އަންހެންކުއްޖާ" ނިމްރާ ސިފަކުރެވޭ ގޮތާ މެދު ރާދިންގެ ޚިޔާލު ފާޅުކުރިއެވެ.

"މަށަކަށްނޭނގެ ތިހުރީހާ ކަމެއް... އެއީ ހަމަ ރަތްޖިންނިއެއް... އަހަރެން ކިޔާނީ ހަމަ އެހެން" ރާދިންގެ ވާހަކައަށް ޗޮކެއް ކަނޑާލާފައި ފަރުވާކުޑަ ގޮތަކަށް އަރްސަލް ބުނެލިއެވެ.

"ތިހެން އުޅެނިކޮށް ރަތްޖިންނި އަވަލައިފިއްޔާ ދެނޯ" އިރުކޮޅަކު އަރްސަލްއަށް ބަލަން އިނދެފައި އޭނާގެ އަތުން ޖޮއިސްޓިކު ޖަހައިގަންނަމުން ރާދިން ބުނެލިއެވެ.

"ރާދިން ތި އުޅެނީ އޭނާ އަމިއްލައަށް މިގެއިން ނުކުމެގެން ދޭތޯތަ... އޭނާއަކަށް ދެނެއް ނުދެވޭނެ" އެއްމިޔަކަނިން އަރްސަލް ހިނިތުންވެލިއެވެ. ރާދިންގެ ބުނި އެއްޗަކާ މެދު ކުޑަކޮށް ވެސް ވިސްނާލަން އަރްސަލް ބޭނުމެއްނުވެއެވެ. (ނުނިމޭ)