އަލީ ހުސައިން

އަލީ ހުސެއިން އަނެއްކާވެސް ސަސްޕެންޑް ކޮށްފި

ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވަކީލު ކަމުން އަނެއްކާވެސް ސަސްޕެންޑް ކޮށްފި އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ، އަލީ ހުސައިން ސަސްޕެންޑް ކުރީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ ގޮތަކަށް ވާހަަފުޅު ދައްކާފައިވާ މައްސަލައެއް ތަހުގީގު ކުރަމުން ދާތީވެ، އެ މައްސަލަ ނިމެންދެން ކަމަށެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ނިންމުންތަަކުގެ ސައްހަ ކަމާމެދު އާންމުންގެ މެދުގައި ސުވާލު އުފެދޭ ފަދަ ގޮތަކަށް އަލީ ހުސެއިން ވާހަކަ ދައްކައި އެފަދަ ވާހަކަތަކަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ކޯޓުގެ ހުރުމަތް ކަނޑާލަން މަސައްކަތް ކޮށްފައިވާ މައްސަލައެއް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަލީ ހުސެއިނާއި ސުވާލު ކުރެވިފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވަނީ، އަލީ ހުސެއިން ދެއްކެވި ވާހަކަތަކަކީ ކޯޓުގެ ހުރުމަތް ގެއްލޭފަދަ ވާހަކަތަކެއް ކަމަށް ބެލެވޭތީ އެމައްސަލަ ތަހުގީގުކޮށް ވަކި ގޮތެއް ކަނޑަ އަޅަންދެން، އަލީ ހުސެއިން ކޯޓު ތަކާއި ޓްރައިބިއުނަލް ތަކުގައި ވަކާލާތު ކުރުން އިއްޔެ އިން ފެށިގެން ވަގުތީ ގޮތުން މަނާ ކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އަލީ ހުސެއިން ވަނީ މީގެ ކުރިން ސުވާލު ކުރުމަށް ސުޕްރީމް ކޯޓަށް ހާޒިރުކޮށްފަ އެވެ. އަލީ ހުސެއިނާއެކު ވަކީލް ހުސައިން ޝަމީމް ވެސް ވަނީ ސުޕްރީމް ކޯޓަށް އެދުވަހު ހާޒިރުކޮށްފަ އެވެ. އެދުވަހު އެދެބޭފުޅުންނަށް ސުވާލުކޮށް ބަޔާން ނަގާފައިވަނީ ރާއްޖެ ޓީވީގެ "އަދަބުން އަދަބު" ޕްރޮގްރާމްގައި އެދެބޭފުޅުން ދެއްކެވި ވާހަކަ ތަކަކާ ގުޅިގެން ނެވެ.

އެގޮތުން އެ ޕްރޮގްރާމްގައި ސުޕްރީމް ކޯޓާއި ރާއްޖޭގެ ޖުޑީޝަރީ ބަދުނާމުވާ ފަދަ ގޮތަކަށް ނުވަތަ ރައްޔިތުންގެ ކުރިމަތީގައި ޖުޑީޝަރީގެ އަގު ވެއްޓޭ ގޮތަށް ވާހަކަތަކެއް ދެއްކި ކަމަށް ބުނެ ސުވާލު ކޮށްވާފައި ވެއެވެ. އެކަންކަމަށް އެދެބޭފުޅުން ވަނީ އިންކާރު ކުރައްވާފަ އެވެ.

އަލީ ހުސެއިން ވަނީ ޝަރުއީ ދާއިރާގެ މައްސަލަތައް ފާހަގަކޮށް އެކަންކަން އިސްލާހުކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނަކާ ގުޅިގެން މީގެ ކުރިން ވެސް ސަސްޕެންޑް ކޮށްފަ އެވެ. އޭނާގެ ސަސްޕެންޝަން އުވާލާފައިވަނީ މިދިޔަ މަހުގެ ތެރޭގައި އެވެ.

އަލީ ހުސެއިންގެ އިތުރުން ހުސައިން ޝަމީމް ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. އޭނާ ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނެވެ.