ދިވެހި ސިނަމާ

މަރީގެ ފުރަތަމަ ޑައިރެކްޝަން، އަންނަ މަހު އޮލިމްޕަހަށް

މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓުކުރި ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް" އަންނަ މަހު 21 ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރާނެ އެވެ.

ފުރަތަމަ ޑައިރެކްޝަންނަށްވެފައި ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭވެސް އަމިއްލައަށް ތައްޔާރުކޮށްފައިވުމުން ފިލްމާއިމެދު މަރީ ކުރާ އުއްމީދު ބޮޑެވެ. "ބެލުންތެރިން ނިންމާނީ ގޮތެއް. އަޅުގަނޑަށް ވަރަށް އުއްމީދުކުރެވޭ ކަމުދާނެ ކަމަށް." މަރީ ބުންޏެވެ.

މަރީ މީގެކުރިން ވަނީ އޭނާގެ ފިރިމީހާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރު ހުސެން އާދިލް ޑައިރެކްޓުކުރި ފިލްމު "ސިއްރު" ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފަ އެވެ.

މަރީ ލިޔެފައިވާ ވާހަކަތަކުގެ މައްޗަށް މީގެކުރިން ގެނެސްދީފައިވާ ފިލްމުތަކަށް ބޮޑު މަގުބޫލު ލިބިފައިވެ އެވެ. މަރީ ލިޔުނު ވާހަކަތަކަށް ތައްޔާރުކުރި ފިލްމުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ފިލްމުތަކުގެ ތެރޭގައި، "ޝަޒާ"، "ހިތުގެ އެދުން"، "ހިތު ވިންދު"، އަދި ޑްރާމާ ސިލްސިލާ "ސިއްރު ސިއްރުނޭ ކަލާ" ހިމެނެ އެވެ.

ލޯތްބާއި އައިލީ ކަންކަމާއި އަދި ދިރިއުޅުމުގެ އެކި ކަހަލަ ކަންތައްތައް ދައްކުވައިދޭ މި ފިލްމުގެ ލީޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ އަހުމަދު އަޒްމީލް (އަޒޭ)، މަލީހާ ވަހީދާ (މަލް)، މަރިޔަމް ޝަހްޒާ (ޝަހޫ)، އަހްމަދު އަމަން (ޓޮމް) އަދި ލަންކާގެ ބަތަލާ އުދޭނީ އެވެ.

ފިލްމުގެ ކާސްޓުންނާއި މެދު މަރީ ބުނީ ވަރަށް ހިތްހަމަޖެހޭ ކަމަށާއި ހުރިހާ ތަރިންގެ ފަރާތުންވެސް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށެވެ. ފިލްމުގެ މުޅި ޓީމަކީވެސް ވަރަށް ގޫޅޭ އަދި ސަޕޯޓިވް ޓީމެއް ކަމަށް މަރީ ބުންޏެވެ.

"ތިޔަ ލޯތްބާ ދުރަށް" ޓްރެއިލާ ލަވަ.

ލަންކާގައި ޝޫޓުކުރި މި ފިލްމުގެ ޑަބިންގެ މަސައްކަތް ނިންމާލާއި މިހާރު ކުރަމުންދަނީ ބެކް މިއުޒިކުގެ މަސައްކަތެވެ. ފިލްމުގެ ކެމެރާގެ މަސައްކަތްކޮށްފައި ވަނީ އަލީ ރަޝީދު (ގޮޅާ) އެވެ. ޓެކްނޯ މީޑިއާގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އަދި ޕްރޮމޯޝަނަލް ލަވައެއްވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ. ހަތަރު ލަވަ ހިމެނޭ މިި ފިލްމުގެ މިއުޒިކުގެ މަސައްކަތްކޮށްފައި ވަނީ ތިއްތި އެވެ.

"ތިޔަ ލޯތްބާ ދުރަށް" ޕްރޮމޯޝަނަލް ލަވަ.

ފިލްމުގެ ޓިކެޓްވެސް މިހާރު ވަނީ ބުކޮށްދޭން ފަށާފަ އެވެ. އެސްއެމްއެސް މެދުވެރިކޮށް ޓިކެޓް ބޭނުންވާ ފަރާތްތަކަށް ބުކްކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. މަރީ ބުނީ ޓިކެޓް ވިއްކަން ފަށާނީ އަންނަ މަހުގައި ކަމަށެވެ.

އޮލިމްޕަހުގެ އިތުރުން މި ފިލްމު ފުވައްމުލަކު، އައްޑޫ، ލ.ގަން އަދި ކުޅުދުއްފުށީގައިވެސް އަޅުވާނެ އެވެ. ލަންކާވެސް ފިލްމުދެއްކުމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސަމުންނެވެ.