ހަބަރު

އެހީގެ ލިސްޓްގެ ކުރިޔަށް އިންޑިއާ ފަހަތަށް ޗައިނާ!

ރާއްޖެއަށް އެހީތައް ދޭ ގައުމުތަކުގެ ކުރީގައި އޮތީ ޗައިނާތޯ ބޭރުގެ ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވުމުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފަސް ޖެހިވަޑައިގެންފި އެވެ.

ބައިނަލް އަގުވާމީ ނޫސްވެރިންނަށް ހާއްސަކޮށްގެން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްކޮންފަރެންސްގައި އިންޑިއާގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ގިނަ ގައުމުތަކަކުން އެހީތެރިވާ ކަމަށެވެ. އަދި އެއަށް ފަހު ލިސްޓް ވިދާޅުވި އިރު ޗައިނާގެ އެހީގެ ވާހަކަ ގެންނެވީ އެންމެ ފަހަތަށެވެ. ނަމަވެސް އެ ލިސްޓްގައި ބައިނަލް އަގުވާމީ ބޭންކްތަކަށް ފަހު ސަރުކާރުތަކުގެ އެހީ ފާހަގަ ކުރެއްވި އިރު ފުރަތަމައަށް ވެސް ވިދާޅުވީ އިންޑިއާގެ ވާހަކައެވެ.

"އެހީދޭ ގައުމުތަކަށް ބަލާ ނަމަ، އިންފްރާ ސްޓްރަކްޗާ އަށް ފައިސާ ދޭ ގައުމުތަކުގެ އެންމެ ކުރީގައި އޮތީ ޗައިނާ ކަމަށް ވިދާޅުވެވިދާނެތ؟" މިނިސްޓަރުގެ ވާހަކަފުޅަށް ފަހު ނޫސްވެރިޔާ މި ސުވާލު އަލުން ތަކުރާރު ކުރިއެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން ވެސް މިނިސްޓަރު ވިދާޅުވީ ގިނަ ގައުމުތަކަކުން ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ގިނަ އެހީތަކެއް ދެމުން އަންނަ ކަމަށެވެ.

"އަދި އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން އެގައުމުތަކުން އަޅުގަނޑުމެންނަށް ދޭ ގިނަ އެހީތަކަށް ޓަކައި. ސައުދީ ސަރުކާރުން ވެސް ގިނަ އެހީތަކެއްދޭ. ގިނަ އިސްލާމީ ގައުމުތަކަކުން އެހީވޭ. ކުވައިތު ފަންޑު، އަދި ޔޫއޭއީ އިން ފަހަކަށް އައިސް ގިނަ އެހީތަކެއް އަންނަނީ ދެމުން އަޅުގަނޑުމެންގެ އާޕޯޓާ އެހެނިހެން އިންފްރާސްޓްރަކްޗާ ބިނާކުރަން. އެހެންވީމާ އަޅުގަނޑުމެންގެ ތަރައްގީއަށް އެހީތެރިވާ ގިނަ ގިނަ ގައުމުތަކެއް އެބަ ތިބި،" އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަަރު ވިދާޅުވިއެވެ.