ހޮލީވުޑް

ފެންޓާސްޓިކް ބީސްޓްްސް އާ ފިލްމުގެ ޓީޒާ އާންމުކޮށްފި

ވާނާ ބްރޯޒް ޕިކްޗާސް އިން ގެނެސްދޭ ފިލްމު ފެންޓާސްޓިކް ބީސްޓްސްގެ ދެ ވަނަ ފިލްމު "ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" ގެ ފުރަތަމަ ޕޯސްޓަރު އަދި ޓީޒާ ޓްރެއިލާ އާންމުކޮށްފި އެވެ.

މި ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޖޭ.ކޭ ރޯލިންގެ އާ ފަސް ވާހަކަތަކުގެ ތެރެއިން ދެ ވަނަ ވާހަކައިގެ މައްޗަށް ބިނާކޮށްގެ ގެނެސްދޭ ފިލްމެކެވެ.

ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ޖޯނީ ޑެޕް، ޖޫޑް ލޯ އަދި އެޑީ ރެޑްމޭން އެވެ. ޖޯނީ ފެނިގެންދާނީ ޑާކް ވިޒާޑް ގެލާޓް ގްރިންޑަލްވާލްޓްގެ ރޯލުންވެ. ޑަންބަލްޑޯރުގެ ރޯލުން ޖޫޑް ފެނިގެންދާނެއިރު، އެޑީ ފެނިގެންދާނީ ނިއުޓަން ސްކޭމެންޑާގެ ރޯލުންނެވެ.

ފިލްމުގައި ހިމެނޭ މުހިންމު އިތުރު ކާސްޓުންގެ ތެރޭގައި ކެތްރީން ވޯޓާސްޓަން، ޑެން ފޮގްލާ، އެލިސަން ސުންޑޯލް، އެޒްރާ މިލާ، ކްލައުޑިއާ ކިމް، ޒޯއީ ކްރާވިޓްޒް އަދި ކެލަމް ޓާނާ ހިމެނެ އެވެ.

"ފެންޓާސްޓިކް ބީސްޓްސް: ދަ ކްރައިމްސް އޮފް ގްރިންޑަލްވާލްޓް" ގެ އޮފިޝަލް ޓީޒާ ޓްރެއިލާ.

ފުރަތަމަ ފިލްމު ނިމުނުއިރު ފެނިގެންދިޔައީ މެކްޔޫއެސްއޭ (މެޖިކަލް ކޮންގްރެސް އޮފް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ) އިން ޑާކް ވިޒާޑް ނުވަތަ ނުބައި ޖާދޫގަރު ގްރިންޑަލްވާލްޓް ހައްޔަރުކުރި ތަނެވެ. މި ފިލްމުގައި ފެނިގެންދާނީ ގްރިންޑަލްވާލްޓް ހައްޔަރުން ފިލާ އޭނާ ކޮޅަށް މީހުން އެއްކޮށް، އޮޅުވައިލެގެން އެމީހުން ލައްވާ ނުބައި ކަންކަންކުރުވާތަނެވެ.

ގްރިންޑަލްވާލްޓް ބޭނުންވާނީ ޖާދުލުގެ އެއްވެސް ބާރެއް ނެތް މީހުންގެ މައްޗަށް އަނިޔާވެރިކަމާއެކު ބާރުހިންގާށެވެ. ގްރިންޑަލްވާލްޓް ހައްޔަރުން ފިލުމުން އޭނާ ހޯދުމަށް ކުރާ މަސައްކަތް މި ފިލްމުގައި ދައްކުވައިދޭނެ އެވެ. ޕްރޮފެސާ ޑަންބަލްޑޯރު، ގްރިންޑަލްވާލްޓް ހޯދުމުގެ މަސައްކަތް ހަވާލުކުރާނީ އޭނާގެ ކުރީގެ ދަރިވަރު ނިއުޓަން ސްކޭމެންޑާ އާއި އެވެ.

ޖޭ.ކޭ ރޯލިންގެ ސްކްރީންޕްލޭއަކަށް ތައްޔާރުކުރާ މި ފިލްމު ޑައިރެކްޓުކޮށްފައި ވަނީ ޑޭވިޑް ޔަޓްސް އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައި ވަނީ ޖޭ.ކޭ ރޯލިންއާއެކު ޑޭވިޑް ހޭމަން، ސްޓީވް ކްލޯވްސް އަދި ލައޯނެލް ވިގްރަމް އެވެ.

ސިނަމާތަކުގައި މި ފިލްމު ދައްކަން ފަށާނީ އަންނަ ނޮވެމްބަރު މަހު 16 އިން ފެށިގެންނެވެ.