އާމިރް ހާންގެ ކުރިއަށް އޮތް ފިލްމު "ތަގްސް އޮފް ހިންދުސްތާން" އަށް ޖޯދުޕޫރުގައި ޝޫޓުކުރުމުންދަނިކޮށް އަމީތާބް ބައްޗަންގެ ހާލުދެރަވެ އިއްޔެ ހެނދުނު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަން ފަށާފަ އެވެ.
އަމީތާބް ސިއްހީ ހާލު ކުއްލިއަކަށް ދަށަށް ދިއުމުން، އޭނާއަށް ފަރުވާކުރުމަށް ޗާޓާޑް ފްލައިޓެއްގައި އިއްޔެ މުމްބައީ އިން
ޑޮކްޓަރުންގެ ޓީމެއްވެސް ގެންގޮސްފަ އެވެ. އަމީތާބްގެ ސިއްހީ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާ ޝޫޓިންއަށް އަލުން ނިކުމެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
އަމީތާބްގެ އަންހެނުން ޖާޔާ ބައްޗަން ބުނީ އަމީތާބްގެ ހާލު ދެރަވީ އޭނާ ފިލްމުގެ ޝޫޓިންއަށް ލާންޖެހޭ ބަރު ކޮސްޓިއުމުގެ ސަބަބުން ބުރަކައްޓަށާއި ކަރަށް ތަދެއް ވެގެން ކަމަށެވެ. ބުރައްކައްޓާއި ކަރުގައި ދަތުހުރި ނަމަވެސް އޭނާގެ އެހެން އެއްވެސް ސިއްހީ މައްސަލައެއް ނެތްކަމަށް ޖާޔާ ބުންޏެވެ.
އާމީތާބް އޭނާގެ ސިއްހީ ހާލަތާއި ބެހޭގޮތުން އޭނާގެ ބްލޮގުގައި ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކާމިޔާބު ހޯދުމަށްޓަކައި ބުރަ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. ބުރަކަމެއް ނުކޮށް ދިރިއުޅުުގައި ކަމެއް ހާސިލުނުވާނެ ކަމަށް އަމީތާބް ލިޔެފައިވެ އެވެ.
ތަގްސް އޮފް ހިންދުސްތާންއަކީ 1839 ވަނަ އަހަރު ނިކުތް ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ. އެ ވާހަކަ ބިނާވެފައި އޮންނަނީ އިންޑިއާގައި އިނގެރޭސިން ވެރިކަންކުރިއިރު، އިނގެރޭސިންނަށް އެ ގައުމުގައި ހަމަޖެހިގެން އުޅުނަ ނުދިނުމަށް މަސައްކަތްކުރި "ތަގެއް" ނުވަތަ ގޭންގު ސްޓާރެއްގެ މައްޗަށެވެ.
ތަންގްސް އޮފް ހިންދުސްތާންގެ ޝޫޓިން މިހާރު ކުރިއަށްދާއިރު، މި ފިލްމަކީ ޔަޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ނިކުންނަ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ވިޖޭ ކްރިޝްނާ އަޗަރްޔާ އެވެ. ފިލްމު ސިނަމާއަށް ގެންނާނީ އަންނަ ނޮވެންބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.