އޮފްބީޓް

އޮބާމާ ކޭންބެއްލެވި މޭޒު ތާރީހައްޓަކައި ރައްކާކުރަނީ

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ، މީގެ ދެ އަހަރު ކުރިން ވިއެޓްނާމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ޝެފް އެންތޮނީ ބޯޑެއިން އާއެކު ރެސްޓޯރެންޓަކުން ރޭގަނޑުގެ ކޭންބެއްލެވި މޭޒެއް ތާރީހައްޓަކައި ރައްކާކޮށްފި އެވެ.

އޮބާމާ އަދި އެންތޮނީ ކޭންބެއްލެވީ ވިއެޓްނާމްގެ ވެރިކަންކުރާ ރަށް ހަނޮއީގައި ހުންނަ ސްޓްރީޓް ފުޑް ވިއްކާ ރެސްޓޯރެންޓަކުންނެވެ. އެންމެ ހަ ޑޮލަރަށް އެ ދެމީހުން ކޭންބެއްލެވި މޭޒު މިހާރު ވަނީ އެ ރެސްޓޯރެންޓުގައި ޑިސްޕްލޭކޮށްފަ އެވެ.

އެ ދެބޭފުޅުން އޯޑަރު ދީގެން ގެންދިޔަ ކާއެއްޗެހި އަޅާފައިހުރި ތައްޓާއި އެއްޗެހިވެސް ސާފުކުރުމަށްފަހު އެ މޭޒާ މަތީ ވަނީ ބަހައްޓާފަ އެވެ. ދެ ބޭފުޅުން ކޭންބައްލަވަން އިށީނދެ އިންނެވި ދެ ގޮނޑިވެސް ވަނީ ޑިސްޕްލޭކޮށްފަ އެވެ.

އެ ރެސްޓޯރެންޓުގެ ވެރިޔާ ބުނީ އެ ހިޔާލު އައީ އެ ރެސްޓޯރެންޓަށް އަންނަ ކަސްޓަމަރުންގެ ފަރާތުން ކަމަށެވެ. އެމީހުން ބޭނުންވީ ރެސްޓޯރެންޓަށް އަންނައިރު އޮބާމާ ކޭންބައްލަވަން އިން މޭޒު ދެކިލާށެވެ.

"ކަސްޓަމަރުންނަށް ވަރަށް ކަމުދިޔަ އެކަން. އެމީހުން މޭޒާއެކު ފޮޓޯވެސް ނަގާ." އެމީހާ ބުންޏެވެ.

ޝެފް އެންތޮނީ ކޮށްފައިވާ އިންސްޓަގުރާމް ޕޯސްޓެއް.

އޭނާ ބުނީ މިއީ އެއްވެސް ހާލަތެއްގައި ކަސްޓަމަރުން ގިނަ ކުރަންވެގެން ކުރި ކަމެއް ނޫންކަމަށާއި ކަސްޓަމަރުން މިހާރުވެސް އަންނަނީ ކުރިންވެސް އަންނަ އަދަދަށް ކަމަށެވެ.

"މިއީ އަހަރެމެންނަށް ލިބިފައިވާ އުފާވެރި ހަނދާނެއް. އެހެންވީމަ މިކަން ކުރީ." އޭނާ ބުންޏެވެ.

ވިއެޓްނާމްގައި އެ ގައުމުގެ އިސްވެރިން މިގޮތަށް ކޭންބައްލަވާ ތަންތަން ތަރީހައްޓަކައި ރައްކާކުރާކަމަށްވެ އެވެ. ނަމަވެސް އެެ ގައުމުން ބޭރުގެ ލީޑަރެއް ކޭންބެއްލެވި ތަނެއް މިގޮތަށް ރައްކާކުރި މިއީ ފުރަތަމަ ފަހަރެވެ.

ޝެފް އެންތޮނީއަށް އެ ހަބަރު ލިބިގެން އޭނާ މިހާރު ވަނީ އިންސްޓަގުރާމް މެދުވެރިކޮށް އާންމުންނާއި އެ ވާހަކަ ހިއްސާވެސްކޮށްފަ އެވެ. އެންތޮނީ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފަ އެވެ.