ކުޅިވަރު

ޔުނައިޓަޑް ކަޓައިފި، 10 އަހަރަށްފަހު ރޯމާ ކުއާޓާއަށް

ފުރަތަމަ ލެގްގައި ވަރުގަދަ ޑިފެންސިވް ގޭމެއް ކުޅުނު ޔުނައިޓަޑަށް އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގް މެޗުގައި ސެވިއްޔާ އަތުން 2-1 ބަލިވެ ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓަޑް ކަޓައިފި އެވެ.

ޔޫކްރޭންގެ ޝެކްޓާ ޑޮނެސްކްއާ ދެކޮޅަށް އަމިއްލަ ދަނޑުގަ މޮޅުވެ ރޯމާ ވެސް ވަނީ ދެ ވަނަ ބުރުގެ ޖާގަ ހޯދާފަ އެވެ. މިއީ 10 އަހަރު ފަހުން ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލަށް ރޯމާ ދަތުރު ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގައި އެ ޓީމު ކުޅެފައި ވަނީ 2008 ވަނަ އަހަރު އެވެ. ކްއާޓާގައި އެޓީމު ބަލިވީ ޔުނައިޓަޑް އަތުންނެވެ.

ސެވިއްޔާގެ ދަނޑުގައި، ޔުނައިޓަޑްގެ ކޯޗް ހޮސޭ މޮރީނިއޯ އިސްކަން ދިނީ ޑިފެންސް ކުރުމަށެވެ. އެ މެޗުގައި އެ ޕްލޭނަށް ކުޅުނު ނަމަވެސް ގިނަ ބަޔަކު ހީކޮށް ގެންތިބީ އަމިއްލަ ދަނޑުގައި ޔުނައިޓަޑުން އޭގެ ފައިދާ ނަގާނެ ކަމަށެވެ. ނަމަވެސް ފައިދާ ނެގީ ސެވިއްޔާއިންނެވެ.

މެޗުގައި ސެވިއްޔާގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ވަސީމް ބެން ޔާޑެރު އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ 74 ވަނަ މިނެޓްގައެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ހަތަރު މިނެޓް ފަހުންނެވެ.

ޔުނައިޓަޑްގެ ހަމައެކަނި ލަނޑު ކާމިޔާބު 84 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮމެޔޫ ލުކާކޫ އެވެ.

ރޯމާގެ ދަނޑުގައި ޝެކްޓާގެ މައްޗަށް ކުރި ހޯދީ 1-0 ންނެވެ. އެ ނަތީޖާއިން މެޗުގެ އެގްރިގޭޓް ނަތީޖާ އެއްވަރު ވިއެވެ. ރޯމާ އަށް ކްއާޓާ ފައިނަލުގެ ޖާގަ ލިބުނީ އަވޭގޯލުގެ ފައިދާއިންނެވެ.

ރޯމާގެ ލަނޑު 52 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އެޑެން ޒެކޯ އެވެ. މެޗުގައި ޑޮނެސްކްގެ އީވާ އޯޑެޓްސްއަށް 78 ވަނަ މިނެޓްގައި ރަތް ކާޑު ދެއްކުމުން އެ ޓީމު ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ.