އެމްއޭސީއެލް

އާ ރަންވޭގެ މަސައްކަތް މިއަހަރު ފަހު ކްއާޓާގައި ނިމޭނެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރަމުން އަންނަ އާ ރަންވޭގެ މަސައްކަތް މިއަހަރުގެ ފަހު ކުއާޓާގައި ނިމޭނެ ކަަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލުން ބުނެފި އެވެ.

އެއާޕޯޓްގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ނޫސްވެރިންނަށް ދައްކާލުމަށްފަހު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ، މިއަދު ވަނީ ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. އަސްފާޑުގެ ފުރަތަމަ ލޭޔާގެ މަސައްކަތް މޫސުން ރަނގަޅު ނަމަ އެއްމަސް ދުވަހުގެ ތެރޭގައި ނިންމާ ލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ ތިން ލޭޔާ ހިމެނޭ ކަމަށާއި އިތުރު ލޭޔާ އެއް އެޅުމަށްފަހު ފަހު ލޭޔާ އަކީ ތާރުގެ ފައިނަލް ޓަޗް ކަމަށެވެ. އެއާއެކު ރަންވޭގެ މައިގަނޑު ކޮންސްޓްރަކްޝަން މަސައްކަތް ނިމުނީ ކަމަށާއި މިއަހަރުގެ ފަހު ކުއާޓާ ތެރޭގައި ރަންވޭގެ އަމަލީ މަސައްކަތް ނިމޭނެ ކަމަށްވެސް އާދިލް ވިދާޅުވި އެވެ.

"ދުވާލަކަށް 140 މީޓަރުގައި ތާރު އަޅަމުންދަނީ، މި ރަންވޭ އަކީ ދިގުމިނުގައި 3400 މީޓަރުގެ ރަންވޭ އެއް، ވީމަ އެއް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ، ރަންވޭ ކޮންސްޓްރަކްޝަން މަސައްކަތް މިއަހަރު ތެރޭގައި ނިންމާލެވޭނެ، އަދި ރަންވޭގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓާ ތެރޭގައި ނިންމާލެވޭނެ،" އާދިލް ވިދާޅުވި އެވެ.

އާދިލް ވިދާޅުވީ، ޓެކްސީވޭ އާ ޝޯލްޑާގެ މަސައްކަތްތައް ވެސް ދަނީ ހަލުވި ކަމާއެކު ކުރިއަށް ކަމަށާއި މިހާރު އޮތް ރަންވޭއާ އާ ރަންވޭ ގުޅާލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ވިދާޅުވީ، އާ ރަންވޭގެ މަސައްކަތް ނިމި ހުޅުވާލުމުން މިހާރު ބޭނުން ކުރާ ރަންވޭ ބޭނުން ކުރާނީ ޓެކްސީ ވޭއެއްގެ ގޮތުގައި ކަމަށާއި އެއަށް ކުރަން ޖެހޭ މަސައްކަތްތައް ވެސް ދަނީ ކުރަމުން ކަމަށެވެ.

"ރަންވޭ ޕްރޮޖެކްޓްގެ މަސައްކަތް ޕްލޭން ކުރި ގޮތަށް ކުރިއަށް އެބަ ދޭ، ވެސްޓް އޭޕްރަންގެ މަސައްކަތް ވަނީ ނިމިފަ، އީސްޓް އޭޕްރަންގެ ބޮޑު ބައެއްގެ މަސައްކަތްތައް ވަނީ ނިމިފަ، ކާގޯގެ މަސައްކަތް ފެށިގެން ކުރިއަށް އެބަ ގެންދެ، ފިއުލް ފާމްގެ މަސައްކަތްވެސް ތިނެއް ނުވަތަ ހަތަރު ހަފްތާ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެ، ޕެސެންޖާ ޓާމިނަލްގެ މަސައްކަތްވެސް ކުރިއަށް އޮޮތް ދުވަސްތަކުގައި ފެށިގެންދާނެ" އާދިލް ވިދާޅުވި އެވެ. "ސީ ޕްލޭންގެ މަސައްކަތްތައް ކުރިއަށް އެބަ ދޭ، އޭންގާގެ ފައުންޑޭޝަންގެ މަސައްކަތް މިހާރު ވަނީ ނިމިފަ، ޖޫން މަހަށް އޭންގާގެ މަސައްކަތް ނިންމާ ލެވޭނެ ކަމަށް މި ބަލަނީ،"

އާދިލް ވިދާޅުވީ، މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެންމެ ރަންވޭ އެއް އޮތުމުން ފްލައިޓްތައް މަތީގައި ހޯލްޑް ކުރަން ޖެހުން ކަމަށެވެ. އާ ރަންވޭ ހުޅުވި، މިހާރު އޮތް ރަންވޭ ޓެކްސީ ވޭއަކަށް ހެދުމުން އެ ދަތިތައް ހައްލުވެގެންދާނެ ކަމަށެވެ. އަދި އާ ރަންވޭގެ މަސައްކަތާއެކު އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށެވެ. އަދި ފްލައިޓްތައް ޕާކް ކުރުމުގައި ބައެއް ފަހަރު ބައެއް ގަޑިތަކުގައި މައްސަލަ ދިމާވާ ކަމަށާއި އޭޕްރަން ބޮޑު ކުރުމުން އެމައްސަލަ ވެސް ހައްލުވެގެން ދާނެ ކަމަށް އާދިލް ވިދާޅުވި އެވެ.