މީހުން

ފުރޮޅުލީ ގޮނޑީގައި ސްޓެފަން ދަތުރު ކުރެއްވީ ފަލަކުތަކަށް!

މުޅި ދުނިޔެއަށް މަޝްހޫރު އިނގެރޭސި ސައިންސްވެރިޔާ، ތިއޮރޮޓިކަލް ފިޒިސިސްޓް ސްޓެފަން ހޯކިންގް އުމުރުން 76 އަހަރުގައި އިއްޔެ އަވަހާރަ ވުމުން ދުނިޔެ ދަނީ ހިތާމަ ކުރަމުންނެވެ. ސްޓެފަން އަވަހާރަވީ އިނގެރޭސިވިލާތުގެ ކޭމްބްރިޖުގައި ހުންނަވާ އޭނާގެ ގޭގައި އޮންނަވަނިކޮށެވެ. އައިލާ އިން ބުނީ ސްޓެފަން ދުނިޔެ ދޫކުރެއްވީ ކުއްލި ގޮތަކަށް ކަމަށެވެ.

ސްޓެފަންގެ އަވަހާރަވިކަން ކަށަވަރުކޮށްދޭން އޭނާގެ ބޭފުޅުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބައްޕަ އަކީ މޮޅު ސައިންޓިސްޓެއް ކަމަށާއި ގެއްލިގެން އެ ދިޔައީ ދުނިޔެއަށް އަގު ނުކުރޭ ވަރުގެ ފުރާނައެއް ކަމަށެވެ.

"ބައްޕަ އަވަހާރަވުމުން އައިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައި. ބައްޕައަކީ ހިތްވަރުގަދަ އަދި ވަރުގަދަ ލެގަސީއެއް ގާއިމްކޮށްފައިވާ ބޭފުޅެއް." އެ ބަޔާނުގައި ވެއެވެ.

ސްޓެފަން ވަނީ އޭނާގެ ވަރަށް ޅައުމުރުގައި ނާރުގެ ބައްޔެއް ތަހައްމަލުކުރައްވަން ޖެހިވަޑައިގެންފަ އެވެ. އެ ބަލީގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ޕެރެލައިޒުވެ ހަރަކާތްތެރިވެ ނޫޅެވޭގޮތް މެދުވެރިވި އެވެ. އެއްތަނުން އަނެއް ތަނަށް ވަޑައިގެން އުޅުއްވީ ފުރޮޅުލީ ގޮނޑިއެއްގައި އިންނަވައިގެންނެވެ. މުއާމަލާތްކޮށް އުޅުއްވީ ޓެކްނޮލޮޖީގެ އެކި ކަހަލަ ވަސީލަތްތައް ބޭނުން ކުރައްވައިގެންނެވެ.

ސްޓެފަން އަކީ މިފަހުން ސައިންސުގެ ދުނިޔެއް ދުށް އެންމެ އިލްމީ އަދި ގާބިލު ސައިންސުވެރިޔާ ވެސް މެއެވެ. ބަލި ހާލުގައި އުޅުއްވަމުން ވެސް ގިނަ ކާމިޔާބީތައް ހޯއްދަވާއި ލިބިވަޑައިގެންނެވި އިލްމު އެހެން މީހުނަށް ފޯރުކޮށްދެއްވުމަށް ބުރަ މަސައްކަތް ކޮށްދެއްވާފައިވެ އެވެ.

ސްޓެފަން އެންމެ މަޝްހޫރުވެފައި ވަނީ ކާއިނާތުގެ ތެރޭގައި ކަންކަން ހިންގާގޮތް އަންގައިދުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ބްލެކް ހޯލާއި ގުޅޭ ގިނަ މައުލޫމާތުތަކާއި، ބްލެކް ހޯލު އުފެދެނީ ކިހިނެތްކަން ވެސް ވަރަށް ތިލަކޮށް ސައިންސުގެ ދުނިޔެއަށް އަންގައި އަލިކޮށް ދެއްވި އެވެ.

އުފަންވީ އާދާއިގެ އާއިލާއަކަށް، އުޅުއްވީ އާދައިގެ ދިރިއުޅުމެއް

ސްޓެފަން އުފަންވެވަޑައިގަތީ ޖެނުއަރީ 8، 1942 ގަ އިނގެރޭސިވިލާތުގެ އޮކްސްފޯޑު ސިޓީ އަށެވެ. ސްޓެފަންގެ މަންމަ އާއި ބައްޕަ އެންމެ ފުރަތަމަ ބައްދަލުވީ ދެ ވަނަ ބޮޑު ހަނގުރާމާއިގެ ދުވަސްވަރު، އެ ދެ މީހުން މަސައްކަތް ކުރަމުން އައި ބޭސްވެރި ކަމުގެ މަރުކަޒަކުންނެވެ. ސްޓެފަންގެ ބައްޕަ ފްރޭންކް ހޯކިންގް (1905-1986)، އެ މަރުކަޒުގައި މަސައްކަތްކުރީ ރިސާޗް ބަޔޮލޮޖިސްޓެއްގެ ގޮތުގަ އެވެ. ސްކޮޓިޝް އަންހެނެއް ކަމަށްވާ ސްޓެފަންގެ މަންމަ އިޒޮބެލް ހޯކިންގް (1915-2013)، އަކީ އެ މަރުކަޒުގައި ސެކެއްޓަރީއެއްގެ މަގާމުގައި މަސައްކަތްކުރި މީހެކެވެ.

ފައިސާގެ ގޮތުން ދަތި ދިރިއުޅުމެއް އުޅެމުންއައި ސްޓެފަންގެ މައިންބަފައިން ވެސް ކިޔެވީ އޮކްސްފޯޑު ޔުނިވާސިޓީންނެވެ. އޭނާގެ ބައްޕަ ކިޔެވީ ބޭސްވެރި ކަމެކެވެ. މަންމަ ކިޔެވީ ޕިލޯސޮފީ، ޕޮލިޓިކްސް އަދި އިކޮނޮމިކްސްގެ ދައިރާއިތަކުންނެވެ.

ކައިވެންޏަށްފަހު ސްޓެފަންގެ މައިންބަފައިން ދިރިއުޅެމުން އައީ ލަންޑަންގެ ރަށެއް ކަމަށްވާ ހައިގޭޓްގަ އެވެ. ސްޓެފަން ވިހަން ގާތްވި ދުވަސްކޮޅު ދެ ވަނަ ބޮޑު ހަނގުރާމާގައި ލަންޑަނަށް ބޮން އަޅަމުންދިއުމާއި ގުޅިގެން އެ ދެމަފިރިން ސްޓެފަންގެ ރައްކާތެރި ކަމަށްޓަކައި ވިހެއުމަށް އަނބުރާ އޮކްސްފޯޑު ސިޓީއަށް ދިޔަ އެވެ. ސްޓެފަން ވިހެއުމަށް ފަހު އެ މީހުން އަނބުރާ ހައިގޭޓަށް ބަދަލުވި އެވެ.

ސްޓެފަންގެ އިތުރުން ތިން ކުދިން ތިބެ އެވެ. ސްޓެފަންނާއި އެއްބަނޑު އެއްބަފާ ދެ އަންހެން ކުދިންނާއި، އެ ދެމަފިރިން އެޑަޕްޓުކުރި ފިރިހެން ކުއްޖެކެވެ.

ސްޓެފަންގެ ބައްޕައަށް 1950 ވަނަ އަހަރު އިނގެރޭސިވިލާތުގައި ބޭސްވެރިކަމުގެ ދިރާސާތައްކުރާ ގައުމީ މަރުކަޒުގެ ޕެރެސްޓޮލޮޖީ ޑިވިޝަންގެ ހިންގުތެރިޔާގެ މަގާމު ލިބުމުން އާއިލާއެއްކޮށް އެސްޓީ އަލްބަންސް ސިޓީއަށް ބަދަލުވި އެވެ. އެ ސިޓީގައި އެ އާއިލާ މަޝްހޫރުވީ އެހެން މީހުންނާއި ތަފާތު އަދި ބުއްދިވެރި އާދައިގެ ދިރިއުޅުމެއް އުޅެމުން އައި ބައެއްގެ ގޮތުގަ އެވެ.

އެންމެ ޝައުގުވެރިކަންހުރީ ހިސާބު އިލްމަށް

ސްޓެފަން އެންމެ ފުރަތަަމަ ތައުލީމު ހާސިލު ކުރެއްވީ ހައިގޭޓްގެ ސުކޫލެއް ކަމަށްވާ ބްރިއަން ހައުސް ސުކޫލް އިންނެވެ. އެއީ އޭނާގެ މައިންބަފައިން އެސްޓީ އަލްބަންސްއަށް ބަދަލުވުމުގެ ކުރިންނެވެ. އެސްޓީ އަލްބަންސްއަށް ބަދަލުވުމަށްފަހު އެންމެ ފުރަތަމަ ތައުލީމު ހާސިލު ކުރެއްވުމަށް ވަންނަން ޖެހިވަޑައިގަތީ "އެސްޓީ އެލްބަންސް ހައި ސުކޫލް ފޯ ގާލްސް" އަށެވެ. އަންހެން ކުދިންގެ ސުކޫލެއްގައި އެމަނިކުފާނު ތައުލީމު ހާސިލު ކުރައްވަން ޖެހިވަޑައިގަތީ އޭރު އެ ރަށުގައި ފިރިހެން ކުދިންގެ ޕްރައިމަރީ ތައުލީމުދޭނެ ސުކޫލެއް ނެތުމުންނެވެ.

އޭގެ ފަހުން ރެޑްލެޓް ސުކޫލުގައި އަހަރެއް ވަންދެން ކިޔެއްވުމަށް ފަހު 1952 ވަނަ އަހަރުން ފެށިގެން ގުރޭޑް ހަތަކާއި ހަމައަށް ކިޔަވާ ވިދާޅުވީ އެސްޓީ އަލްބަންސް ސުކޫލުގަ އެވެ. ސްޓެފަންގެ ބައްޕަ ބޭނުންވީ އޭރު އެންމެ މަތީ ފެންވަރުގައި އިނގެރޭސިވިލާތުގައި ކިޔަވާދެމުން އައި ސުކޫލެއް ކަމަށްވާ ވެސްޓްމިންސްޓާ ސުކޫލުން ކިޔަވައިދޭށެވެ. އެ ސުކޫލަށް ވަންނަން ހަދަންޖެހުނު ސްކޮލަޝިފް އިމްތިހާނު ހަދަން ވަޑައިގަންނަވަން އޮތް ދުވަހު ބަލިހާލު ހުރި ގޮތުން ސްޓެފަންއަށް އެ އިމްތިހާނުގައި ބައިވެރިވެވަޑައިގަނެވޭނެ ގޮތް ނުވުމުން އެ ފުރުސަތު ގެއްލުނެވެ، އޭރު އުމުރުން 13 އަހަރެވެ.

ސްޓެފަންގެ އާއިލާއަކީ ތައުލީމަށް ވަރަށް އިސްކަންދޭ އާއިލާއެކެވެ. ނަމަވެސް އޭނާގެ މައިންބަފައިންނަކީ ފައިސާގެ ގޮތުން ތަނަވަސްކަން ކުޑަ ބަޔަކަށްވުމުން ސްކޮލަޝިޕްގެ ފުރުސަތަކާއި ނުލައި މަތީ ފެންވަރުގެ ސުކޫލެއްގައި ކިޔެވޭނެ ގޮތެއް ނުވި އެވެ. އެހެން ކަމުން އޭނާ އެސްޓީ އެލްބަންސް ސުކޫލުގައި މަޑުުކުރެއްވި އެވެ.

އެ ސުކޫލުގައި ކިޔަވާ ވިދާޅުވިއިރު ސްޓެފަންއަކީ ކުދިންނާއި ވަރަށް ގުޅިގެން އުޅުނު އެކުވެރި ކުއްޖެކެވެ. ސުކޫލުގައި ކިޔަވައިދެމުންދިޔަ ހިސާބު ޓީޗަރާކާއެކު 1958 ވަނަ އަހަރު ސްޓެފެން އާއި އެކުވެރިން ކޮމްޕިއުޓަރެއް ތައްޔާރުކުރި އެވެ. އެ ކޮމްޕިއުޓަރު ތައްޔާރު ކުރުމަށް އެމީހުން ބޭނުންކުރީ ގަޑިއަކާއި ޓެލެފޯނެއްގެ ސްވިޗްބޯޑާއި އަދިވެސް އިތުރު އެއްޗެހި ރިސައިކަލްކޮށްގެންނެވެ.

އެ ސުކޫލުގައި ސްޓެފަން މަޝްހޫރުވީ ވެސް، މަޝްހޫރު ސައިންސްވެރިޔާ "އައިންސްޓައިން" ގެ ނަމުންނެވެ. އެ ނަން އޭނާއަށް ނިސްބަތް ކުރާއިރު އެންމެ ބޮޑު އިއްތިފާގަކީ އައިންސްޓައިން އުފަންވެ ވަޑައިގަތީ އިއްޔެ އެވެ. ސްޓެފަން އަވަހާރަވީ އިއްޔެ އެވެ. ދެ ބޭފުޅުން ވެސް އަވަހާރަވީ އެއް އުމުރެއްގަ އެވެ.

ތައުލީމީ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ނުހޯއްދެވުނު ނަމަވެސް ސައިންސުގެ އިލްމަށާއި ހިސާބު އިލްމަށް އެމަނިކުފާނު ޝައުގުވެރިކަން ހުއްޓެވެ. ނަމަވެސް އޭރު ހިސާބު އިލްމުވެރިންނަށް މާގިނަ ވަޒީފާގެ ފުރުސަތުތަކެއް ލިބެން ނުހުންނާތީ ސްޓެފަންގެ ބައްޕަ ބޭނުންވީ އެމަނިކުފާނު ބޭސްވެރިކަން ކިޔަވާށެވެ.

ބައްޕަގެ އެދުމާއި އެއްގޮތަށް އަދި އޭރު ހިސާބު އިލްމު ކިޔަވައިދޭނެ މާ ގިނަ ފަރާތްތަކެއް ނެތުމާއެކު ސްޓެފަން ނިންމީ ފިޒިކްސް އަދި ކެމިސްޓްރީ ކިޔަވާށެވެ. އޮކްސްފޯޑު ޔުނިވާސިޓީގެ ސްކޮލަޝިޕް އިމްތިހާނެއްގައި 1959 ވަނަ އަހަރު ބައިވެރިވެވަޑައިގެން އިމްތިހާނުން ފާސްވެ އެ އަހަރު މާޗު މަހު އެ ޔުނިވާސިޓީގައި ކިޔެވުމަށް ފުރުސަތު ލިބިވަޑައިގަތެވެ.

އޮކްސްފޯޑު ޔުނިވާސިޓީގައި ސްޓެފަން ފިޒިކްސް އިން ފަސްޓު ކްލާސް ޑިގްރީއެއް އުމުރުން އެންމެ 17 އަހަރުގައި ހާސިލު ކުރެއްވި އެވެ. އެއަށްފަހު 1962 ގައި ކޭމްބްރިޖު ޔުނިވާސިޓީ އިން ޕޯސްޓްގުރެޖުއޭޓް ރިސާޗް އިން ކޮސްމޮލޮޖީ ހެއްދެވި އެވެ.

ނާރުގެ ބައްޔެއް ތަހައްމަލުކުރެއްވުން

ޅަފުރާގައި ސްޓެފަންއަކީ އަސް ދުއްވުމަށާއި ބާސްކެޓު ކުޅުމާށާއި ރޯވިން -- ކުޑަ ބޮއްކުރައެއް ކަހަލަ އެއްޗެއްގައި ފަލިޖަހައިގެން ކުޅޭ ކުޅިވަރެއް -- ކުރުމަށް ޝައުގުވެރިކަން ހުރި ކުއްޖެކެވެ. ނަމަވެސް ޅަފުރާގައި ކުރިމަތިލައްވަންޖެހުނު ބައްޔެއްގެ ސަބަބުން ހެލިފެލިވެ އުޅުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިވަޑައިގަތެވެ.

ސްޓެފަންއަށް ޖެހުނީ "މޮޓޯ ނިއުރޯން ޑިޒީސް" ކިޔާ ބައްޔެކެވެ. ހަށިގަނޑުގެ ނާރުތަކަށް ޖެހުނު އެ ބަލީގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެ، ހަށިގަނޑު ގުނަވަންތަކުން ހަރަކާތްތެރިކަން ހުއްޓި، ޕެރެލައިޒްވާނެ ކަމަށް ޑޮކްޓަރުން އޭރުވެސް ވިދާޅުވި އެވެ.

ސްޓެފަންއަށް އެ ބަލިޖެހުނުކަން އެނގުނީ 1963 ގައި އެމަނިކުފާނުގެ އުމުރުން އެންމެ 21 އަހަރުގަ އެވެ. އޭރު އެމަނިކުފާނު ދިޔައީ ފުރަތަމަ އަނބިމީހާ، ޖޭން އާއި ކައިވެނި ކުރައްވަން ތައްޔާރުވަމުންނެވެ. ޑޮކްޓަރުން އޭރު ވިދާޅުވީ ސްޓެފަން ދުނިޔޭގައި ހުންނާނެ ކަމަށް ބެލެވެނީ ދޭއް ނުވަތަ ތިން އަހަރަށެވެ.

އެކަމަކު ޑޮކްޓަރުން ހީކުރެއްވި ގޮތާއި ހިލާފަށް ސްޓެފަންގެ ހަށިގަނޑަށް އެ ބަލި ފެތުރުނީ މަޑުމަޑުންނެވެ. ސްޓެފެން އާއި ޖޭން ކައިވެންޏަށް ތިން ބޭފުޅުން ލިބިވަޑައިގަތެވެ. ނަމަވެސް 1988 ވަނަ އަހަރާއި ހަމައަށްދިޔައިރު ސްޓެފެންގެ ބަލިހާލު ބޮޑުވެ ވާހަކަ ވެސް ދެއްކެވެނީ ވޮއިސް ސިންތެސީޒާއެއްގެ އެހީގަ އެވެ. މުއާމަލާތް ކުރެއްވީ ވޮއިސް ސިންތެސީޒާއިން އުފައްދާ އަޑުތައް ބޭނުން ކޮށްގެންނެވެ.

ސްޓެފެންގެ އަތުން ބާރު ދިއުމުގެ ކުރިން އޭނާގެ އެންމެ މަޝްހޫރުވި ސައިންސް ފޮތް "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" ލިޔެ ނިންމާފައިވެ އެވެ. އެ ފޮތްވެސް ލިޔުއްވީ ވޮއިސް ސިންތެސީޒާގެ އެހީތެރިކަމާއެކު އެވެ. އެ ފޮތުގެ 10 މިލިއަނަށްވުރެ ގިނަ ކޮޕީ މިހާތަނަށް ވިއްކާފައިވެ އެވެ.

ސްޓެފަންގެ އަތުގެ ބާރު އެއްކޮށް ކެނޑުނީ 2005 ވަނަ އަހަރު އެވެ. އޭގެ ފަހުން ދުނިޔެ ދޫކުރަންދެން މުއާމަލާތް ކުރައްވާ އުޅުއްވީ ކޮލުގައި ބައިންދާފައި އިން ހާއްސަ ޑިވައިސެއްގެ އެހީގަ އެވެ. ކޮލަށް ގެންނަ ހަރަކާތްތައް އެ ޑިވައިސް ދެނެގަނެ ސްޓެފަން ވިދާޅުވާން އުޅުއްވަނީ ކޯއްޗެއްކަން އަންގައިދެ އެވެ.

އެ ބަލީގެ ސަބަބުން މީހެއްގެ އެހީތެރިކަމާއި ނުލާއި ކަމެއް ކުރަން ދަތިވި އެވެ. އެވަގުތު އެމަނިކުފާނަށް އެންމެ އެހީތެރިކަން ލިބުނީ އޭނާގެ ފުރަތަމަ އަނބިމީހާ ޖޭން ފަރާތްޕުޅުންނެވެ. ވަރަށް ލޯބިން 20 އަަހަރު ވަންދެން އެ ދެމަފިރިން އެއްކޮށް އުޅުއްވުމަށްފަހު ވަކިވުމުން އާއިލާއަށާއި ރަހުމަތްތެރިންނަށް ހައިރާންކަމެއް ލިބުނެވެ.

ޖޭން އާއި ވަކިވެވަޑައިގެން ސްޓެފަން ކައިވެނި ކުރެއްވީ އެމަނިކުފާނުގެ ނަރުސް، އެލެއިން މެންސަން އާއި އެވެ. އެލެއިން އާއި 1995 ވަނަ އަހަރު ކައިވެނި ކުރެއްވުމަށްފަހު 2006 ވަނަ އަހަރު ވަކިވެވަޑައިގަތެވެ.

ފާހަގަކޮށްލެވޭ ކާމިޔާބީތައް

ސްޓެފަން ވަނީ ހޮނަރީ ޑިގްރީތަކާއި، ތަފާތު މެޑަލްތަކާއި އަދި ޕްރައިޒްތައް ހޯއްދަވާފަ އެވެ. ގައުމަށް ތަފާތު ރޮނގުތަކުން ހިދުމަތްތައް ކޮށްދެއްވާ މީހުންގެ އަގުވަޒަންކޮށް އިނގެރޭސިވިލާތުގެ ރާނީ ދެއްވާ މަތީ އެވޯޑެއްކަމަށްވާ "ކޮމާންޑާ އޮފް ދަ މޯސްޓް އެކްސެލްންޓް އޯޑާ އޮފް ދި ބްރިޓިޝް އެންޕަޔާ" ގެ އެވޯޑު 1982 ގައި ލިބިވަޑައިގަތެވެ.

މީގެ އިތުރުން 1990 ގެ އަހަރުތަކުގެ ތެރޭގައި އިނގެރޭސި ސަރުކާރުން އެމަނިކުފާނަށް "ނައިޓްހުޑް" -- އިނގިރޭސި ވިލާތަށް ހިދުމަތްކޮށްދީ ކާމިޔާބީތައް ހޯދާފައިވާ މީހުންނަށް ދޭ ލަގަބެއް -- ލަގަބު ދިނުމަށް ނިންމުމުން އެކަމަށް ވަނީ އިންކާރު ކުރައްވާފަ އެވެ. އޭގެ 10 އަހަރުފަހުން ސްޓެފަން ވިދާޅުވީ އެ ލަގަބު ބޭނުން ނުވީ އޭރު އިނގިރޭސިވިލާތުގެ ސަރުކާރުން ސައިންސްގެ ދާއިރާއަށް ހޭދަ ކުރުމަށް ކަނޑައަޅާފައިހުރި ފަންޑުތައް ކުޑަކުރުމުން ކަމަށެވެ.

ސްޓެފެންއަކީ އެންމެ ފުރަތަމަ ފަލަކުތަކުގައި ހިނގާ ކަންކަމާއި ބެހޭގޮތުން ތިއަރީއެއް ހެއްދެވި ބޭފުޅާ އެވެ. މަޝްހޫރު "ހޯކިން ރޭޑިއޭޝަން" ދެނެގަތް ބޭފުޅަކީ ވެސް ސްޓެފެން އެވެ. އެއީ 1974 ވަނަ އަހަރު އެވެ. ސްޓެފެންގެ އެ ހޯއްދެވުމުން އަންގައިދެނީ ފަލަކުތަކުގެ އެތެރޭގައި ހުންނަ ބްލެކް ހޯލްސްތަކުން ހަކަތަ ބޭރު ކުރާކަމަށާއި އަދި އެ ހަކަތަ ބޭރުވުމަށްފަހު ނެތިގެންދާ ކަމެވެ. ފަލަކުތަކުގެ އެތެރޭގައި އުޅޭ އެންމެ ކުދިކުދި ޕާޓިކަލްސް އުޅޭ ގޮތް ދެނެގަތުމަށް އިޖާދު ކުރެއްވި "ކުއަންޓަމް ތިއަރީ" ވެސް ފާހަގަކޮށްލެވެ އެވެ.

މީގެ އިތުރުންވެސް އެކި ކަހަލަ ދިރާސާތަށްކޮށް ސައިންސުގެ ދުނިޔެ އާއި ގުޅުން ހުރި އެތައް މައުލޫމާތެއް ވަނީ ހޯއްދަވާދެއްވާފަ އެވެ.

ތައުލީމީ ދާއިރާގެ އިތުރުން ސްޓެފަން ވަނީ ޓީވީ ޝޯތަކުން ވެސް ފެނިގެން ގޮސްފަ އެވެ. އެގޮތުން ދަ ސިމްޕްސަން އާއި ރެޑް ޑުވާފް، ސްޓާ ޓްރެކް އަދި ދަ ބިގް ބޭން ތިއޯރީ އިންވެސް އޭނާ ފެނިގެންދިޔަ އެވެ. ޓީވީ ސީރީޒްތަކާއި ފިލްމުތަކުގައި އެމަނިކުފާނުގެ ކެރެކްޓާ ދައްކާ މީހުން އެކްޓްކޮށްފައިވެސް ވެއެވެ. އެގޮތުން ސްޓެފަންގެ ހަޔާތައް ބިނާކޮށް ހެދި ފިލްމު "ދަ ތިއޯރީ އޮފް އެވްރީތިންގް" ގައި އެޑީ ރެޑްމޭން، ސްޓެފެންގެ ރޯލު ކުޅެފައިވެ އެވެ. އެ ފިލްމު ވަނީ 2014 ވަނަ އަހަރު އޮސްކާ އެވޯޑުވެސް ލިބިފަ އެވެ.

ކޭމްބްރިޖް ޔުނިވާސިޓީގައި 1979 ވަނަ އަހަރު އެމަނިކުފާނަށް ހިސާބު އިލްމު ކިޔަވާއިދޭ އެންމެ މަތީ ޕްރޮފެސަރުގެ މަގާމު ލިބި ވަޑައިގަތެވެ. އެ މަގާމު މީގެ ކުރިން މަޝްހޫރު ސައިންސުވެރިޔާ އިސާކް ނިއުޓަންވެސް ފުރުއްވާފައިވެ އެވެ.

އެމެރިކާގެ ސަރުކާރުން ދޭ މެޑަލް އޮފް ފްރީޑަމް 2009 ވަނަ އަހަރު ސްޓެފަންއަށް ލިބިވަޑައިގަތެ އެވެ. އެމަނިކުފާނަށް އެ މެޑަލް ހާވާލުކޮށްދެއްވީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ.