ހަބަރު

މިދިއަ އަހަރު އެންމެ ގިނައީ ގައިދީންގެ މައްސަލަތައް: އެޗްއާރްސީއެމް

މިދިޔަ އަހަރު އެންމެ ގިނައިން ހުށަހެޅީ ގައިދީންގެ ހައްގުތަކާ ގުޅޭ މައްސަލަތައް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ. އެ ރިޕޯޓް ކޮމިޝަނުން އާންމު ކުރީ މިއަދު އެވެ.

އެޗްއާރްސީއެމްގެ އަހަރީ ރިޕޯޓް ދައްކާ ގޮތުން ގައިދީންގެ ހައްގުތަކާ ގުޅޭ 76 މައްސަލައެއް މިދިޔަ އަހަރު އެ އިދާރާއަށް ހުށަހެޅި އެވެ،

ރިޕޯޓަށް ބަލާއިރު ހައްގުތަކާ ބެހޭ 14 ބާވަތެއްގެ 365 މައްސަލަ މިދިޔަ އަހަރު ހުށަހަޅާފައިވެ އެވެ. ގައިދީންގެ ހައްގުތަކާ ބެހޭ 76 މައްސަލަ ހިމެނެނީ އެ އަދަދުގެ ތެރޭގަ އެވެ. އެހެން ކަމުން ގައިދީންގެ މައްސަލަތައް ހިމެނޭ އެ އަދަދަކީ މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ 20 ޕަސެންޓެވެ.

ދެވަނައަށް އެންމެ ގިނައީވެސް ގައިދީންނާ ގުޅޭ މައްސަލަތަކެވެ. އެއީ ބައެއް ގައިދީން ހުށަހެޅި ސިއްހީ މައްސަލަތަކެވެ. އެފަދަ 69 މައްސަލައެއް މިދިޔަ އަހަރު ހުށަހެޅި އެވެ. އިތުރަށް ބަންދުކުރާ މީހުންނާ ގުޅޭ 34 މައްސަލައެއް ވެސް ހިމެނެ އެވެ.

ގައިދީންނާ ގުޅުންހުރި މައްސަލަތައް މިދިއަ އަހަރު ގިނަވި އިރު އެ މައްސަލަތާ ގުޅިގެން ރިޕޯޓްގައި ބުނެފައި ވަނީ ފުލުހުންނާއި ގައިދީން ބަލަހައްޓާ ކަރެކްޝަނާއެކު ބައްދަލުވުންތަކެއް ބާއްވައި މައްސަލަ ދިމާވާން މެދުވެރިވާ ސަބަބުތަކާއި މައްސަލަ ހައްލުކުރަން ކުރަންޖެހޭ ކަންކަމާ ގުޅޭ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

ކުރިން އެންމެ ގިނައިން އެކޮމިޝަނަށް ހުށަހަޅަމުން އައި ކުޑަކުދިންގެ ހައްގުތަކާބެހޭ މައްސަލަތަކަށް ބަލާއިރު އެފަދަ 40 މައްސަލައެއް ހިމެނެ އެވެ. އަދި ލާ އިންސާނީ އަނިޔާކޮށްގެން 45 މައްސަލައެއް ވެއްދި އިރު ޝަރުއީ ދާއިރާއާ ގުޅުންހުރި 29 މައްސަލައެއް ވެސް އޮތެވެ.

ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ 74.2 ޕަސެންޓް މައްސަލަ ބަލައި ނިންމި އެވެ. އެއީ މިދިޔަ އަހަރު އެ ކޮމިޝަނަށް ހުށަހެޅި 365 މައްސަލައިގެ ތެރެއިން 271 މައްސަލަ އެވެ. އަދި ޖުމްލަ 576 މައްސަލަ މިދިޔަ އަހަރުގެ ނިޔަލަށް ނިންމި އެވެ.

މިދިޔަ އަހަރު އެންމެ މަދީ އުނގެނުމުގެ ހައްގު ގެއްލިގެން ހުށަހެޅި މައްސަލަތަކެވެ. އެއީ ތިން މައްސަލައެކެވެ. އަންހެނުންގެ ހައްގުތަކާ ބެހޭ މައްސަލަ ވެސް މިދިޔަ އަހަރު މަދެވެ. ރިޕޯޓްގައި އެ ކެޓަގަރީން ފާހަގަކޮށްފައި ވަނީ ފަސް މައްސަލައެވެ.

އެޗްއާރްސީއެމުން މިދިޔަ އަހަރު 500 އަށްވުރެ ގިނަ މައްސަލަ ބަލައި ނިންމި އިރު ހައްގެއް އުނިވެފައިނުވާ ކަމަށް 129 މައްސަލައެއް ނިންމި އެވެ. ޝަރުއީ މަރުހަލާގެ ތެރެއިން ހައްލުކުރަން ލަފާދީފައިވާތީ އިތުރަށް ކުރިއަށް ނުގެންދަން 40 މައްސަލައެއް ދޫކޮށްލި އެވެ. އަދި 40 މައްސަލައެއްގައި އެކަށީގެންވާ ހެކި ލިބިފައި ނެތުމުން ބޭއްވި އެވެ.