އިހަވަންދޫއަށް ދެވުނު އިރު އިރު އޮއްސެނީއެވެ. އިހަވަންދޫއަކީ މުހައްމަދު ތަކުރުފާނާއި ހަސަންތަކުރުފާނުގެ ކާފަ އިހަވަންދޫ ކައްޕީނިތަކުރުފާނުގެ ރަށެވެ. އުތީމު ހަސަން ހަތީބު ތަކުރުފާނު ކައިވެނި ބައްލަވައިގަތީ ކައްޕީނިތަކުރުފާނުގެ އާމިނާދިޔޯއާއެވެ. ދިޔޯ އަކީ އިހުގައި ރީތި އަންހެނުންނަށް ކިޔާ އުޅޭނަމެކެވެ. ޒަމާން ބަދަލުވެ އާމިނާދިޔޯގެ ރީތިކަން އިހަވަންދޫ ކަޅުފަހާއެއްވެ ދިޔަތާ އެތައް ޒަމާނެއް ފަހުން އަހަރެން އިހަވަންދޫ އައީ ނަދާގެ ރައްޓެހިކަމުގައެވެ. ދިޔޯއިންގެ ރީތިކަމުގެ ވާހަކައަށް ޅެން ހަދާ އެ ޅެންތައް އުވިދިޔަ ފަހުން އިހަވަންދޫއަށް އަންނަން ޖެހުނީ "ކޮއިންސިޑެންސް"އެވެ.
ނަދާއާ ދިމާވި ފުރަތަމަ ދުވަހުވެސް ބުނީ އެހެންނެވެ.
"ކީއްވެ އަހަރުމެން ދެ މީހުން ދިމާވީ؟"
"އިނގެއެއްނު. ކޮއިންސިޑެންސް!" ނަދާ ބުނީ އެހެންނެވެ.
"އިލޫޝަން. އެންމެން މިއުޅޭނީ ޑެލޫޝަނެއްގެ ތެރޭ. ޑެލޫޝަނަލް"
އަހަރެން އިތުރު އެއްޗެއް ނުބުނަމެވެ. ނަދާ އިތުރަށް ބުނީ "ލައިފް އިޒް އަ ޑްރީމް" މިހެންނެވެ. އެ ނިމުނީއެވެ. ސުނާމީ ބިނާ ކައިރިން ލާފައި އަހަރުމެން ދިޔައީ ގާޑިޔާތައް ކައިރިއަށެވެ. ވަށައިގެން ފެންނަނީ ނައިޓް ލައިފެއް ނެތި ފޫހިވެފައިވާ ޒުވާނުންނެވެ. މާލެ އަކީ ދުނިޔޭގެ ވެރިކަން ކުރާ އެންމެ ފޫހި ސިޓީކަމަށް އެރޭ އަހަރެން ކައިރީ ބުނީ ނަދާއެވެ. އެ ދުވަހު އުފެދުނު ރައްޓެހިކަން ޝާއިރީ ދުނިޔެއެއްގައި ކުރިއަށް ދަމުން އިހަވަންދޫއާ ހަމައަށް އާދެވުނީއެވެ. އެއީ ނަދާގެ އުފަން ރަށެވެ.
*** *** ***
ނަދާ!
ކުއްލިއަކަށް އެ ހުރިހާކަމެއް ބަދަލުވީ ކީއްވެހެއްޔެވެ؟
ނަދާ!
ކިތަންމެ އިރަކުވެސް ނަދާ ދިމާއަށް ބަލަހައްޓައިގެން ހުރެވިދާނެއެވެ. ތި ރީތިކަން ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ދެ ކުދިން ދޮންވެލިގަނޑު މަތީގައި ކުޅެން އުޅުނު އުފާވެރިކަން އަދިވެސް ހިތުގައި އާލާވެއެވެ.
މޫދަށް އެރި ބަނޑިޔަލަށް ފެންފުރާނެއެވެ. ދެކުދިން ގަޔަށް ފެން ޖަހަމުން ދުވާނެއެވެ.
އަތުގައި ހުރި ބޮލިތައް އުކާލާނެއެވެ. ދުވެގޮސް ހޭޅިފަށަށް ވަދެ ފިލާނެއެވެ.
ނަދާ!
ތިއީ އަހަރެންގެ އިއްފަތްތެރި ފަތްމިންޔެވެ. ހަޔާތުގެ ފޮނިކޮޅެވެ.
ނަދާ!
ތިއީ ރަންފައުނެކެވެ. ރޫހީ އުފާ ހޯދަދޭ ލޯބިވެރިޔާއެވެ.
ކާނިގަސްތަކުތެރޭ އަތިރިމަތީގައި ނިދަން އޮށޮވެއޮތީމެވެ. ހީފިލުވަން ކައިރީގައި އަލިފާން ގަނޑެއް ޖެހީމެވެ.
ނިދަން ނޯވެވިގެން ކައިރީގައި ހުރި އޮޑިހަރުގެއަށް ވަދެ ދަންވަރު ބޭލި ރާބަދިން ރާކޮޅެއް ބޯލީމެވެ.
އަހަރެންގެ ކުޑަ ދެކުދިންނަށް ނަދާ ސަންތި މަރިޔަނބު ވާހަކަ ކިޔައިދިނެވެ. އެކުދިން ބޭނުންވީ މޫދަށް އެރޭށެވެ.
ނަދާ!
އެ ދުވަސްތައް ހަނދާން ނެތޭނެ ހެއްޔެވެ؟
ނަދާ!
ލޯބިވުމަކީ ކުށެއްކަމުގައި ދުވަހަކުވެސް ނުދެކޭނަމެވެ.
ރަށުތެރެއިން ސަންގުފުމޭ އަޑު އަދިވެސް އިވޭކަހަލައެވެ.
އެރޭ ނިންޖެއް ނައެވެ. ކިރު ދޫނިތައް އުދުހެމުން ނާނާ ކިޔަމުން ދިޔައެވެ. އަހަރެން "ކެތި ނަކަތުގެ ވިއްސާރަ" ވާހަކަ ލިޔަން އިނީމެވެ.
ނަދާ!
ކޮންމެ ތާކަށް ދަތުރުކުރަމުން ދިޔަޔަސް އަހަރުމެން ވަތްކެއްނުވަމެވެ.
ނަދާ!
އަހަރެންގެ ހިތުގެ ދޮންހިޔަލައެވެ.
ނަދާއާއި ބައްދަލުވީ ކިހިނެއް ކަމެއް ނޭނގެއެވެ.
ފުސްނަކަތުގެ ޝަބްނަމް ފައިބަމުން ދިޔަ ރޭތަކުގައި އަހަރެންނާއި އެކު ވީމެވެ.
ހަނދުވަރު ރީތިރޭރޭ ތުނޑިކޮޅުގައި ތަރިތައް ގުނަން ތިބީމެވެ.
މިހާރެ އެ ތުނޑިކޮޅު ފެންނަނީ ފަޅުކޮށެވެ. އެ ހަނދާންތައް މާދުރުން ފެނެއެވެ.
ގޮޑުދޮށުގައި ވީރާނާވަމުންދާ ބައްތެލި އޮޑިއެއް ފެނެއެވެ.
ނަދާ!
އަހަރެންގެ ކަނބާފާނެވެ.
އަހަރެން ދޫކޮށްފައި ނުދާށެވެ.
*** *** ***
އެ ދުވަސްތައް ހިނގައްޖެއެވެ. މިއީ އޭގެ 25 އަހަރު ފަހެވެ. އިހަވަންދޫގައި ހޭދަކުރެވުނު ރޭތަކުން ފަތިހެއްގެ "ސަމާސާ" ގައި ދެ ހިތެއްގެ ގުޅުން ފެށުނީއެވެ. އެ ގުޅުމަށް ފަޒާއިލް އާއި ޝިފާ ލިބި ދުވަސްތައް އިހަވަންދޫގައި ހޭދަކުރި އުފާވެރި ދުވަސްތަކަށް ނިމުމެއް އައީ 25 އަހަރުވީ ލޯބީގެ ގުޅުމުގައި ކަތުރުފަނި އެޅީމައެވެ. ދެ ކުދިންނާއި ނަދާ ދޫކޮށް މާލެ އައި އިރު ކުރީގެ އެކުވެރިން ގެއްލިއްޖެއެވެ. މިހާރު އަހަރެންނަކީ މާލެއަށް ބީރައްޓެއްސެކެވެ.
2039 ވަނަ އަހަރުގެ މާލެއެވެ. އަހަރެން ބޮބް ޑިލަންގެ "ސޭރާ" ޖަހަމުން ރާޅުގަނޑަށް ދިޔައީމެވެ. ބޮބް ޑިލަން ކިޔާދީފައި އެވަނީ އަހަރެންނާއި ނަދާގެ ފަތިހެއްގެ ސަމާސާއެވެ. އެ ގުޅުމުން އުފެދުނު ލޯބިން 25 އަހަރު ބިނާ ކުރި "ހައުސް އޮފް ކާރޑްސް" އެވެ. އެއީ ގެއްލުނު ދުނިޔެއެކެވެ. ނަދާ އާއި ފުރަތަމަ ދިމާވި ދުވަހު ބުނިހެން މިއީ ހުވަފެނެކެވެ. އަހަރެން ހިނގަމުން ގޮސް ސުނާމީ ބިނާ ކައިރީ މަޑުކޮށްލީމެވެ. އެއީ އަހަރެންގެ ހިޔާލުގެ ދުނިޔެއިން ސުނާމީ ބިނާއެވެ. މިހާރު އެތާ އެ ބިނާއެއް ނެތެވެ. އަޑި ޕާކް ގައިވާ އެންޓަނާ ތަކެއްވެސް ނެތެވެ. އެއީ އެ ރާޅުގަނޑެއް ވެސް ނޫނެވެ. ޖަހަމުންދާ ވަރުނުލާ ރާޅުފިޔަވައެވެ. ވަށައިގެން ވަނީ 10 ބުރިއަށް އިމާރާތްކުރެވިފައިވާ ގެސްޓް ހައުސްތަކެވެ. ރާޅުގަނޑާ ދިމާލުން ހުޅުލެއާ ދިމާއަށް ބެލީމައި ފެންނަނީ ކުލަ ނުޖެހޭނެ ކަމަށް އޭރު އެންމެން ބުނި ބުރިޖް ހުވަފެނެވެ. މާލޭ ހުޅުލޭ ފާލަން މަތިން ދަތުރުކުރަމުން ދާ ކާރުތަކުގެ އަލިފެނެއެވެ. ކުރީގެ އަޑި ޕާކަކީ މިހާރު ރާޅާ އަޅަން އަންނަ ފަތުރުވެރިންގެ ކުޑަވަރެއްގެ ރިސޯރޓްއެކެވެ. މާލޭގެ ނައިޓް ލައިފްވަނީ އެއްކޮށް ބަދަލުވެފައެވެ. އަހަރެން ސިނގިރޭޓެއް ނަގާ ރޯކޮށްލުމަށް ފަހު ޕްލޭ ލިސްޓް ހާވާލީމެވެ. ޑީޕް ޕާރޕްލް ގެ "ސޯލްޖާރ އޮފް ފޯރޗޫން" އިން ނަދާގެ ހަނދާންތަކަށް ޝިފާ ލިބޭތޯއެވެ. ހިތުގައި ހަރުލާފައިވަނީ ނަދާ އެންމެ ފަހުން ފޮނުވި ޓެކްސްޓް މެސެޖެވެ.
"Maybe, just maybe, there is something good in every goodbyes"
އަހަރެން ނަދާގެ އެ މެސެޖްއަށް ރިޕްލައި ކޮށްލުމަށް ފަހު ޑީޕް ޕާރޕްލްގެ ތެރެއަށް ގެއްލިގަތީމެވެ.
"What's so good in your last goodbye"
މިސްރާބެއް ނެތި ކަނޑުގައި އޮޔާދާ އޮއެވާލި ލަކުޑި ގަނޑެއް ފަދައިން އަހަރެން ވީމެވެ.
އޭނާގެ އަތުގައި ހިފާ ލަވައެއް ކިޔާދިނުމުން ގަޔާ ކައިރިކޮށްލާށޭ ބުނާނެއެވެ.
ނަމަވެސް މިހާރު މުސްކުޅިވަމުންދާ ކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ.
އަދި އަހަރެން އޭނާއަށް ކިޔާދިން ލަވަތައް މާ ދުރުން އިވޭކަހަލައެވެ.
އެނބުރެމުންދާ ބުރަފައްޗެއްގެ އަޑުހެނެވެ.
އަހަރެންނަށް ހީވަނީ އަހަރެންގެ ދިރިއުޅުން އަބަދު ވެސް ވާނީ ނަސީބުވެރި ސިފައިންގެ މީހާގެ ދިރިއުޅުމަށެވެ.
އެ ސިފައިންގެ މީހާ ލޯބިވާ މީހުން ދޫކޮށް ހަނގުރާމައަށްދެއެވެ. ފަހަރުގައި އެނބުރި ގެއަށް އާދެވިދާނެއެވެ. ނުވަތަ ހަނގުރާމައިގެ މައިދާނުގައި މަރުވެދާނެއެވެ.
އަހަރެން މުސާފިރެއް ފަދައިން ދުވަސްތައް ހޭދަކުރީމެވެ.
އެހެން ދުވަހެއް ފެނޭތޯއެވެ.
ކުރީގެ ދުވަސްތަކެވެ. ފިނި ރޭތަކެވެ.
އަހަރެން އެކަނި އަނދިރީގެތެރޭގައި ވީމެވެ.
އެރޭތަކުގައި ނަދާ އަހަރެން ކައިރީ ހުރިހެން ހީވިއެވެ.
ކަޅުފޮއެ އަދިރިކަން އަހަރެންނަށް އޮޅުވާލީއެވެ. ނަދާ އެއް ނެތެވެ.
ނަމަވެސް މިހާރު މުސްކުޅިވަމުންދާ ކަމުގެ އިހްސާސް ކުރެވެން ފަށައިފިއެވެ.
އަދި އަހަރެން ނަދާއަށް ކިޔާދިން ލަވަތައް މާ ދުރުން އިވޭކަހަލައެވެ.
އެނބުރެމުންދާ ބުރަފައްޗެއްގެ އަޑުހެނެވެ.
އަހަރެންނަށް ހީވަނީ އަހަރެންގެ ދިރިއުޅުން އަބަދު ވެސް ވާނީ ނަސީބުވެރި ސިފައިންގެ މީހާގެ ދިރިއުޅުމަށެވެ.