އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދުއާއެކު އެމަނިކުފާނުގެ ވަކީލު ހިސާން ހުސެއިން ބޭއްވި ބައްދަލު ކުރެއްވި ކޮޓަރީ ތެރެއިން ރެކޯޑަރެއް ފެނުން ކަމަށް ވިދާޅުވަނީ ބަދުނާމް ކުރުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފި އެވެ.
އަބްދުﷲ ސައީދާއި ހިސާން މިއަދު ބައްދަލު ކުރެއްވި އިރު އޭނާގެ ގޮނޑި ދަށުން ރެކޯޑަރެއް ފެނިފައިވާ ކަމަށާއި އެކަމާ ގުޅިގެން ފުލުހުން އެއްޗެއް ވިދާޅު ނުވާ ކަމަށް ހިސާން ޓްވީޓު ކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ފުލުހުންގެ ބަންދުގައިވާ ފަރާތްތަކާ އެކު ވަކީލުން ބައްދަލުވުން ބޭއްވި ތަނުން ރެކޯޑިން ޑިވައިސްއެއް ފެނުނު ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ފުލުހުން ބަދުނާމު ކުރުމުގެ ނިޔަތުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ޝަކުވާ ލިބުމާ ގުޅިގެން ފުލުހުން އެކަން ބަލަމުންދާ ކަމަށާއި ނަމަވެސް ވަކީލުންގެ ބައްދަލުވުން ބާއްވާ ތަނަކީ އެކަހެރި އަދި މިނިވަންކަމާއެކު ބައްދަލު ކުރެވޭނެ ފަދަ ގޮތަކަށް އިންތިޒާމް ތަނެއްކަން ޔަގީންކޮށްދޭ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ފުލުހުން މިދަނީ އެކަން އިތުރަށް ތަހުގީގު ކުރަމުންޝިފާން
ދޫނިދޫއިން މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ އަބްދުﷲ ސައީދާ ވާހަކަދެއްކެވުމަށް އެއާކޮންޑިޝަން ކޮޓަރިއެއް ހަމަޖައްސާފައިވާ ކަމަށާއި އެކަމާ ސުވާލު ކުރެއްވުމުން އެއީ އުއްތަމަފަނޑިޔާރު ކަމަށް ވާތީ ކަމަށް ފުލުހުން ބުނި ކަމަށެވެ. އަދި ބައްދަލުވުން ފެށުމުގެ ކުރިން ގޮނޑި އަނެއް ފުށަށް އަނބުރައިގެން ބެލި އިރު އަޑު ރެކޯޑު ކުރާ ރެކޯޑަރެއް ޓޭޕު އަޅައި ތަތްކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.