ހަބަރު

ފުލުހުން ވަގަށް ހަރުކޮށްފައިވާ ރިކޯޑެއް ގޮނޑިދަށުން ފެނުނު: ހިސާން

އުއްތަމަ ފަނޑިޔާރު އަންދުﷲ ސައީދާއެކު މިއަދު ބައްދަލުކުރެއްވުމަށް ވަޑައިގެން ވަކީލް ހިސާން ހުސެއިން އިށީންނެވި ގޮނޑި ދަށުން ރިކޯޑަރެއް ފެނިފައިވާ ކަމަށް ވަކީލުން ވިދާޅުވެއްޖެ އެވެ.

ހިސާން ހުސެއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއަދުގެ ބައްދަލުވުމަށް ކޮޓަރިއަށް ވެއްދުމުން ގޮނޑި ފުރޮޅާ ބެލިއިރު އެ ގޮނޑި ދަށުގައި ރިކޯޑަރެއް ހަރުކޮށްފައިހުރި ކަމަށެވެ. އެހެންވެ އެކަން ޖަލުގައި ތިބި ފުލުހުން އެންގި ކަމަށާއި ނަމަވެސް އެއްވެސް ފުލުހަކު ބައްދަލު ނުކުރެއްވި ކަމަށް ހިސާން ވިދާޅުވި އެވެ.

"ކޮޓަރިއެއްގަ ހުރި ގޮނޑިއެއްގަ އިށީންނަން އެންގީ، ކޮޓަރިއެއްގަ ބައްދަލުވުން ބާއްވަން އިންސިސްޓް ކުރާތީ އަޅުގަނޑު ސުވާލުކުރުމުން ބުނީ އުއްތަމަ ފަނޑިޔާރުވީމަ ފިނި ތަނެއްގަ ބައްދަލުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނޭ، އަޅުގަނޑު ދެންނެވިން އުއްތަމަ ފަނޑިޔާރު ފަންކާއެއް ނެތް ކުޑަ ގޮޅިއެއްގަ ނޫންތޯއޭ މަހެއްހާ ދުވަހު ތި ގެންގުޅުއްވަނީ، ދެން ކީއްވެ ވަކީލުންގެ ބައްދަލުވުމުގަ ފިނި ކޮޓަރިއަކަށް ގެންނަނީ،" ހިސާން ވިދާޅުވި އެވެ.

"ދެން ކޮންމެއަކަސް އަޅުގަނޑު އިށީންނިން، އިށީނުމަށްފަހު އަޅުގަނޑު ކޮޅަށް ތެދުވެ ގޮނޑި ފުށުން ޖަހައި ބެލިން، ބެލިއިރު ރަތް ކުލައިގެ ޓޭޕް ރިކޯޑަރެއް ހިއްޕާފަ ހަރުކޮށްފަ ހުރީ ގޮނޑި ދަށުގަ، ދެން އެ ގޮނޑި އެގޮތަށް ބޭއްވުމަށްފަހު ޑިއުޓީގައި ތިބި ހުރިހާ ފުލުހުން އެތަނަށް ގެނެސް ވަކީލުންގެ ބައްދަލުވުން ސިއްރު އަޑު އަހަނީ ނޫންހޭ އެހިން،"

ހިސާން ވިދާޅުވީ ކަސްޓޯޑިއަލް ސެންޓަރަށް އެ މައްސަލަ ހުށަހެޅުމުން އިސް އޮފިސަރުންނަށް މައްސަލަ ހުށަހެޅުމަށް އެދުނު ކަމަށާއި ނަމަވެސް ވަކީލުން އެތަނުން ވަޑައިނުގަންނަން ނިންމައި އެ އިސް އޮފިސަރުން އެތަނަށް ވަޑައިގަތުމަށް އެދުނު ކަމަށެވެ. ނަމަވެސް އެއްވެސް އިސް އޮފިސަރެއް އެތަނަށް ވަޑައިގެން އެ ބަލައިފައިނުވާ ކަމަށެވެ.

"މިއީ އެތަނުގަ ތިބި އިސްވެރިންނަށް އެނގިގެން ހިނގާ ކަމެއް، އަޅުގަނޑުމެންނަށް ގަބޫލުކުރަން ދަތި ދެން އެތަނުގަ ހިނގާ އެހެން ވަކީލުންގެ ބައްދަލުވުންތައް ވެސް މިގޮތަށް ރިކޯޑް ކުރެވެމުން ނުދާ ކަމަށް، މިއީ ގާނޫނާ ހިލާފު ކަމެއް، ޖިނާއީ މައްސަލައެއް، ޒިންމާ ނަގަން ޖެހޭނެ ކަމެއް،" ހިސާން ވިދާޅުވި އެވެ.

ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ބޭފުޅުންނާއެކު ވަކީލުން ބާއްވާ ބައްދަލުވުންތައް ރިކޯޑްކުރާ ކަމުގެ މައުލޫމާތު މީގެކުރިން ވެސް ލިބިފައިވާ ކަމަށެވެ. ވަކީލުންގެ ހަމަ ލޮލަށް ގޮނޑި ދޮށުން ރިކޯޑަރު މިއަދު ފެނިފައިވާއިރު އެއްވެސް އިސް ވެރިޔަކަށް އެތަނަށް ވަޑައިގެން އެ ބަލަން ނުކުރުނު ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ.

މިހާރު އެނގިގެން ދަނީ އެ ބޭފުޅުން ހައްޔަރުކޮށްގެން އުޅެނީ އެއްވެސް ހެއްކެއް ލިބިގެން ނޫން ކަމަށާއި ހެކިން ހޯދަން އުޅެނީ ވެސް ވަކީލުންނާއެކު ދައްކާ ވާހަކަތައް އަޑު އަހައިގެން ކަމަށް މަހުފޫޒު ވިދާޅުވި އެވެ. ސިއްރުން ވާހަކަތައް އަޑުއެހުމަކީ ޖިނާއީ ކުށަކަށްވާއިރު މިއަދު ޖަލުގައި ޑިއުޓީގައި ތިބި ހުރިހާ އޮފިސަރުންގެ މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، ވަކީލުންގެ ބައްދަލުވުމަށް ވަންނައިރު ވައްދަނީ މެޓަލް ޑިޓެކްޓާއިން ފާސްކޮށްގެން ކަމަށެވެ. ބައްދަލުވުމަށް ވެއްދެނީ ގަނޑަކާއި ފުލުހުން ހުއްދަ ދޭ ގަލަމެއް އެކަނި ކަމަށެވެ.