މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ޗެނަލް 13 އިގެ ނިއުސްހެޑް ބްރޯޑްކޮމްއަށް ލާން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޗެނަލް 13ގެ ނިއުސްހެޑް އަމްޖަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއަދު 4:30 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި ބްރޯޑްކޮމްގެ މެންބަރު ކަމަށް އަމްޖަދު އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 36 މެންބަރުންނެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ފަސް ނަން ކޮމެޓީން ދިރާސާކުރުމަށްފަހު ރިޕޯޓު އިއްވަމުން އެ ކޮމިޓީގެ މުގައްރިރު ފުނަދޫ ދާއިރާގެ މެމްބަރު އަލީ ސަލީމް ވިދަޅުވީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮމިޓީ މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މަގާމަށް އަމްޖަދު އައްޔަން ކުރަން ފާސް ކުރި އިރު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އޭނާގެ ނަން ފާސް ކުރީ 76.6 ޕޮއިންޓު ލިބިވަޑައިގަތުމާ ގުޅިގެނެވެ. ދެން އެންމެ މަތިން ޕޮއިންޓު ލިބިފައި ވަނީ ހ. ޕްރިޓީވިލާ، މުހައްމަދު ޝަމީމް އަށެވެ.

ކޮމިޝަނުން ހުސްވަނީ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް ހުންނެވި މުހައްމަދު އަސްލަމްގެ މަގާމެވެ. އެ މަގާމަށް އޭނާ ވެސް ވަނީ ކުރިމަތިލައްވާފަ އެވެ. އޭގެ އިތުރުން ރ. އިނގުރައިދޫ، ކީސްވިލާ، މުހައްމަދު ސައުޒަމް ވެސް އެ މަގާމަށް ކުރިމަތިލި އެވެ. އޭނާއަކީ ޗެނަލް13ގެ ކުރީގެ ސީއީއޯ އެވެ. ދެން ލިސްޓްގައި ހިމެނެނީ ނ. މަނަދޫ، އޮޓާގޯ މަޖުދު ރަޝީދުގެ ނަމެވެ.