މޯލްޑިވްސް ޕޮލިސް ސާވިސް

ރެކޯޑަރުގެ ތަހުގީގު ފެށީ ދޮގެއް ކަމަށް ނިމިގެން!؟

Mar 15, 2018
14

އާންމު ގޮތެއްގައި ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކާބެހޭ މައުލޫމާތު ހޯދުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ތަހުގީގު ފުރިހަމަ ނުވާތީ ނުވަތަ "ފޯކަސް" އެހެން ދިމާލަކަށް އެނބުރިދާނެތީ އެފަދަ މައުލޫމާތުތައް ފުލުހުން ހާމައެއް ނުކުރެ އެވެ. ބޮޑެތި މައްސަލަތަކާ ގުޅިގެން މީޑިއާއަށް ދައުވަތު ދީގެން ހާމަ ކުރަނީ ވެސް އެކަމެއްގައި ހިމެނޭ ވެސް މަދު ވާހަކަތަކެކެވެ.

އިއްޔެ ވަނީ މީގެ ކުރިން ނާންނަ މައްސަލައެއް ފެންމަތިވެ ފުލުހުންގެ ތަހުގީގެއް ފަށައިފަ އެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ބައްދަލު ކުރެއްވި އިރު ހިސާން އިންނެވޮ ގޮނޑީގެ ދަށުގައި އަޑު ރެކޯޑް ކުރާ ރެކޯޑަރެއް ތަތްކޮށްފައި ހުއްޓާ ފެނުނު ކަމަށް ބުނާ މައްސަލަ އެވެ.

އެކަން ސީރިޔަސް ވަނީ އެފަދަ ބައްދަލުވުންތައް "ވަގަށް" ރެކޯޑު ކުރުމަކީ ޖިނާއީ ކުށެއް ކަމުގައިވާތީ އެވެ.

"ކޮޓަރިއެއްގަ ހުރި ގޮނޑިއެއްގަ އިށީންނަން އެންގީ، ކޮޓަރިއެއްގައި ބައްދަލުވުން ބާއްވަން ބާރު އަޅާތީ އަޅުގަނޑު ސުވާލު ކުރުމުން ބުނީ އުއްތަމަ ފަނޑިޔާރުވީމަ ފިނި ތަނެއްގައި ބައްދަލު ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުންނޭ، އަޅުގަނޑު ދެންނެވިން އުއްތަމަ ފަނޑިޔާރު ފަންކާއެއް ނެތް ކުޑަ ގޮޅިއެއްގަ ނޫންތޯއޭ މަހެއްހާ ދުވަހު ތި ގެންގުޅުއްވަނީ، ކީއްވެހޭ ވަކީލުންގެ ބައްދަލުވުމުގަ ފިނި ކޮޓަރިއަކަށް ގެންނަނީ،" އިއްޔެ ކަން ހިނގައި ދިޔަ ގޮތް މީޑިއާތަކާ ހިއްސާ ކުރައްވަމުން ހިސާން ވިދާޅުވި އެވެ. "އަޅުގަނޑު އިށީނުމަށްފަހު ކޮޅަށް ތެދުވެ ގޮނޑި ފުށުން ޖަހައި ބެލިން، ބެލިއިރު ރަތް ކުލައިގެ ޓޭޕް ރިކޯޑަރެއް ހަރުކޮށްފަ ހުރީ ގޮނޑި ދަށުގައި، ދެން އެ ގޮނޑި އެގޮތަށް ބޭއްވުމަށްފަހު ޑިއުޓީގައި ތިބި ފުލުހުން އެތަނަށް ގެނެސް ވަކީލުންގެ ބައްދަލުވުން ސިއްރު އަޑު އަހަނީ ނޫންހޭ އެހިން،"

އެކަން ދިމާވި ގޮތް ނޫސްވެރިންނާ ހިއްސާ ކުރަމުން ދަނިކޮށް ފުލުހުން ވެސް ވަނީ އެކަމަށް ރައްދުދީ އެކަން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އިއްޔެ ވިދާޅުވި ގޮތުގައި ފުލުހުންގެ ބަންދުގައިވާ ފަރާތްތަކާއެކު ވަކީލުން ބައްދަލުވުން ބޭއްވި ތަނުން ރެކޯޑިން ޑިވައިސްއެއް ފެނުނު ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ "ފުލުހުން ބަދުނާމު ކުރުމުގެ ނިޔަތުގައި" ދައްކާ ވާހަކަތަކެކެވެ. އެއާއެކު އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

މައްސަލަ ދިމާވިތާ ގިނަ އިރުތަކެއް ނުވެ، އަދި ފުލުހުންނަށް ވެސް އެ މައްސަލަ ތަހުގީގު ކުރަން ރަނގަޅަށް ނުފެށޭ އިރު ރެކޯޑަރެއް ފެނުނު ކަމަށް ބުނަނީ ފުލުހުން ބަދުނާމް ކުރަން ކަމަށް ފުލުހުން ނިންމީ ކިހިނެއް ހެއްޔެވެ؟ ތަހުގީގު ފެށުމުގެ ކުރިން ތަހުގީގު ނިމޭނެ ގޮތް ނުވަތަ މައްސަލައިގެ މޯޓިވް ދެނެގަނެވުނީ ކިހިނެތްތޯ ސުވާލެއް އުފެދެ އެވެ.