ހަބަރު

ހިއްސާއަކަށް 22 ރުފިޔާގެ މަގުން ބީއެމްއެލްގެ ފަައިދާ ބަހަނީ

ހިއްސާއަކަށް 22 ރުފިޔާގެ މަގުން ހިއްސާގެ ފައިދާ ހިއްސާދާރުންނަށް ބަހަން ހިއްސާދާރުންގެ ރުހުން ހޯދަން ހުށަހަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

ބީއެމްއެލްއިން މިއަދު ބުނީ ފައިދާގެ ގޮތުގައި 118402240 (ސަތޭކައަށާރަ މިލިޔަން ހަތަރުލައްކަ ދެހާސް ދުއިސައްތަ ސާޅީސް)ރުފިޔާ ބަހަން ރުހުން ހޯދަން އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ އެ އަދަދު ބެހުމުން ހިއްސާއަކަށް ޖެހެނީ 22 ރުފިޔާ ކަމަށާއި މިއީ ބީއެމްއެލް އިންް މިހާތަނަށް ބަހާ އެންމެ ބޮޑު ފައިދާ ކަމަށެެވެ.

މިއަހަރު ބަހަން ނިންމާފައިވާ އަދަދަކީ ފާއިތުވި އަހަރު ބެހި ވަރަށް ވުރެ 10 ޕަސެންޓް އިތުރު އަދަދެއް ކަަމަށް ވެސް ބުންޏެވެ.

ބީއެމްއެލްގައި ރަޖިސްޓްރީކޮށްފައިވާ ހިއްސާގެ ފައިދާ ބަހާނީ ހިސާބުތައް ނިންމާ ތާރީހާ ހަމައަށް ރަޖިސްޓްރީކޮށްފައިވާ ހިއްސާދާރުންނަށެވެ. ހިސާބުތައް ނިންމާ ތާރީހު އިއުލާނު ކުރާނީ އަހަރީ އާއްމު ޖަލްސާއަށް ދޭ ނޯޓިސްއާ އެކުގައެވެ.