ރިޕޯޓް

ޓެކްސް ނުދައްކައެއް ނުތިބެވޭނެ، ހަރުކަށި ފިޔަވަޅު ބޭނުން!

May 16, 2015
1

"އަހަރުމެން ކުދި ވިޔަފާރިތައް ވީމާ ނަންތައް އާންމު ކުރަނީ. ރިސޯޓް އޯނަރުން އެބަ ތިބޭ އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ނުދައްކާ،" މީގެ އަހަރެއްހާ ދުވަސް ކުރިން ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން އާންމު ކުރަން ފެށުމުން ވިޔަފާރި ވެރިޔަކު ޝަކުވާ ކުރި އެވެ. ޒަމާނުއްސުރެ ރިސޯޓް އޯނަރުން ވަނީ ވަރަށް ބާރުގަދަ، ދައުލަތަށް އަތް ނުލެވޭ ބަޔަކަށެވެ. ދައުލަތަށް އެތައް މިލިއަން ޑޮލަރެއް ނުދައްކައި ހިތަށް އަރާހާ ގޮތަކަށް އުޅެނީ ނުފޫޒު ގަދަ ދެތިން ރިސޯޓެއްގެ ވެރިއެކެވެ. މިއީ ކޮންމެ ސަރުކާރަކެއްގައި ވެސް އެ ހަގީގަތް އޮންނަ ގޮތެވެ. އެކަމަކު މިކަން އޮންނަން ޖެހެނީ މިހެން ހެއްޔެވެ؟

މިހާ ބޮޑެތި އަަދަދުތަކުގެ ފައިސާ ދައުލަތަށް ނުދައްކާ ތިބުމަކީ އެއްްވެސް ގައުމެއްގައި ކުޑަކޮށް ނަގާނެ މައްސަލަތަކެއް ނޫނެވެ. ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ނުދެއްކުމާއި އެ ފައިސާއަށް މަކަރު ހަދައި އޮޅުވާލުމަކީ ސީރިއަސްކޮށް ނަގާ މައްސަލަތަކެވެ. އަދި ބޮޑެތި އަދަދުތައް ގާނޫނުތަކުގައި ހުރީ ކަނޑައެޅިފަ އެވެ. އެކަަމަކު ރާއްޖޭގެ މަދު ވިޔަފާރިތަކަކަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ ތިބުމަށް ފެހި ސިގްނަލް ލިބުނީ ކީއްވެ؟ ކިހިނެއް ހެއްޔެވެ؟

ރާއްޖޭގެ އިގްތިސާދު ޒަމާނުއްސުރެ ބިނާވަނީ ބާރުގަދަ ދެތިން ވިޔަފާރިވެރިއެއްގެ މައްޗަށެވެ. އެ ނުފޫޒުގެ ސަބަބުން އެ އިރެއްގައި އޮންނަ ސަރުކާރަކަށް ނުފޫޒު ފޯރުވައި އެފަދަ ވިޔަފާރިވެރިން ބޭނުން ކަމެއް ހާސިލް ކުރެ އެވެ. އިތުރު ރަށްތައް ހޯދުމާއި ދައްކަން ހުންނަ ފައިސާ ފަހުން ދައްކާ ގޮތަށް މައްސަަލަ ވިޔަފާރިވެރިންގެ ކޮޅަށް ނިންމަނީ އެވެ. ނަމަވެސް ޓެކްސް ނިޒާމް ތައާރަފްވެ އެފަދަ ފައިސާ ހޯދުން މީރާގެ މަސައްކަތަކަށް ބަދަލުވުމާ އެކު، މީރާއަށްވީ އެއީ ސީރިއަސް މައްސަލައަކަށެވެ. އެ ފައިސާ ހޯދުމަށް މީރާއިން މަސައްކަތް ފެށުމުން ފައިސާ ނުދައްކާ ތިބި ދެތިން ވިޔަފާރިވެރިޔަކަށް، އެ ފައިސާ ބަހާލައިގެން ދެއްކުމަށް ސަރުކާރާ އެކު އިތުރު އެގްރިމަންޓެއް ހެދި އެވެ. އެކަމަކު އެ އެގްރިމަންޓާ އެއްގޮތަށް ވެސް ފައިސާ ދެއްކީ މަދުބަޔެކެވެ. އެ ފައިސާ ހޯދުމަށް މަޝްވަރާ ކުރިޔަސް އެ އޮންނަނީ ނުދައްކަ އެވެ. އަނެއްކާ ވެސް މުއްދަތު އިތުރު ކުރަނީ އެވެ. ނޫނީ ސިޔާސީ އެކި ސަބަބުތަކާ ހުރެ ފައިސާ ނުދެއްކުމުން ފިޔަވަޅު އެޅުން މަޑު ޖެހެނީ އެވެ.

މީރާގެ، ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި ދައުލަތަށް ލިބެން ހުރި ފައިސާ ހޯދުމުގައި ފިޔަވަޅު އެޅުން އެކި ސަބަބުތަކާ ހުރެ ދޯދިޔާވުމުގެ ނަތީޖާ އަކީ ގިނަ ބަޔަކު ފައިސާ ނުދެއްކުމެވެ. ހަމަހަމަ އުސޫލުން އެންމެންނާ މެދު އަމަލު ކުރުމަށް އޭގެ ސަބަބުން ހުރަސް އެޅެ އެވެ. ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ނިސްބަތުން މަދު ނަމަވެސް އެ މީހުންގެ ތެރޭގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ފަރާތްތައް ގިނަ އެވެ. ނަމަވެސް އެ ކޮންޓްރެކްޓްތައް ހަދާފައި ހުރީ ސަރުކާރާ އެކުގައި ކަމަށް ވުމުން، އެ ކޮންޓްރެކްޓްތައް ތަންފީޒު ކުރަން އެދެވޭ މަސައްކަތްތައް ކުރެވިފައި ނެތުމަކީ އެ ފައިސާ ހޯދަން އެޅޭ ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަ ކުރައްވާފައިވެ އެވެ.

"މީގައި މައްސަލައަކީ އެގްރިމަންޓްތައް ތަންފީޒު ވޭތޯ ނުބެލުން. އަޅުގަނޑުމެން އަންގަން ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް. ދެން އެއީ އެބޭފުޅުންގެ ކަމެއް. އެ ބާރު ލިބޭނީ ސަރުކާރަށް. އެކަމަކު މި ވާގޮތަކީ އެކި ސަބަބުތަކަކާ ހުރެ ފިޔަވަޅު އެޅުން މި ހުންނަނީ ލަސްވެފައި. ދެން އެކަން ކުރަން އުޅުނީމާ އެބަ އާދޭ އުނދަގޫތަކެއް،" ޔަޒީދު ވިދާޅުވެފައިވެ އެވެ.

ދައުލަތަށް ޓްއަރިޒަމް ދާއިރާއިން ނުލިބި ހުރި ފައިސާތައް ހޯދުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މިހާރުގެ ޓްއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ގަބޫލު ކުރައްވަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި އެ ފިޔަވަޅުތައް އެޅުން މާ ލަސްވެއްޖެ އެވެ. އެއީ ކޮންމެވެސް ދުވަހަކުން ދައުލަތަށް ލިބެން ޖެހޭ ފައިސާއަކަށްވާ އިރު، ލޯ މަރާލާފައި ވެސް އެ ފައިސާ ހޯދުމަށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ. އަދި ސިޔާސީ ބޭ ނުމެއްގައި ކުރާނެ ކަމެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.

"އެއީ ރައްޔިތުންގެ ހައްގެއް އެ ފައިސާ އެބަ ލިބެން ޖެހޭ. އެހެން މީހުން ޓެކްސް ނުދެއްކުމުން އެބަ ހަރުކަށި ފިޔަވަޅު އަޅާ. އެކަމަކު ވަކި ބަޔަކަށް ޓެކްސް ނުދެއްކީމާ މި ހުންނަނީ ފިޔަވަޅު ނޭޅި. އަޅުގަނޑު މި މިނިސްޓްރީގައި ހުރެގެން އެކި ފުރުސަތު ދިނިން އެކި ފަރާތްތަކަށް ފައިސާ ދައްކަން. އޭގެ ތެރެއިން އެއްބަޔަކު ދައްކަން ވެސް ދެއްކި. ނަމަވެސް އަނެއް ބަޔަކު ހަމަ ފައިސާ ވެސް ނުދައްކާ މި އުޅެނީ. މިއީ ރައްޔިތުންގެ ހައްގެއް ހޯދައި ދިނުމުގެ މަސައްކަތް މި ކުރަނީ،" އަދީބު ވިދާޅުވި އެވެ.

ދައުލަތަށް ދައްކަން ހުންނަ ފައިސާގެ ތެރެއިން، ބޮޑު ބައެއް ނުދައްކާ ނަމަވެސް ވިޔަފާރި ކުރަމުން އަންނަ ވިޔަފާރިތަކުގެ މައިގަނޑު ބަހަނާއަކީ ސަރުކާރުގެ ސިޔާސަތުތަކެވެ. ނޫނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމެވެ. މިފަހުން ފައިސާ ނުދައްކައިގެން އެކައުންޓް ފްރީޒް ކުރި، ކަނިފުށި ރިސޯޓްގެ އެއް ޑިރެކްޓަރު މުހައްމަދު ނަޝީދު ކާނަލް ވިދާޅުވާ ގޮތުގައި އެ ކުންފުންޏަށް ފައިސާ ނުދެއްކުނީ، ދިމާވި މައްސަލަގަނޑެއްގެ ސަބަބުން މާލީ ދަތިތަކެއް ކުރިމަތިވެގެންނެވެ. އަދި އޭގެ ކުރިން ރަށުގެ ކުއްޔަށް ދައްކަން ޖެހޭ ފައިސާ ނުދެއްކިފައި ހުރީ ރިސޯޓް ހެދި މުއްދަތުގެ ތެރޭގައި އެކ ދަތިތައް ކުރިމަތިވެގެންނެވެ. އެގޮތުން ޓްއަރިސްޓް ރިސޯޓްތަކުގެ ކުލި ނެގުމަށް ގެނެވުނު ބަދަލުތަކާއި މުޅި ދުނިޔެއަށް ކުރިމަތިވި މާލީ މައްސަލަތައް އޭނާ ފާހާގަ ކުރެއްވި އެވެ.

"އަޅުގަނޑުވެސް ގަބޫލު ކުރަން، އެބަ ތިބި ސެޓުލްމަންޓް އެގްރިމަންޓެއް ހަދައިގެން ވެސް ކުލި ނުދައްކާ ފަރާތްކެއް. އެކަމަކު އޭގައި ސަބަބުތައް ވެސް ހުރޭ. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ އޮންނަ އުސޫލުން އަޅުގަނޑުމެން ވެސް ކުލި ނުދައްކައިފި ނަމަ ފިޔަވަޅު އަޅަން ޖެހޭނޭ. ދެން ސަރުކާރާ މަޝްވަރާކޮށް ފައިސާ ދެއްކޭނެ ގޮތްތަކެއް ހޯދަން ޖެހޭނީ،" ކާނަލް ވިދާޅުވި އެވެ.

އޭނާ ވެސް ގަބޫލު ކުރައްވާ ގޮތުގައި ދައުލަތަށް ފައިސާ ނުދެއްކުމުގައި ބައެއް ފަރާތްތައް ވަނީ ހައްދުން ނައްޓައިފަ އެވެ. އެއީ ހަމަޔަކަށް އަޅުވަން ޖެހޭ ކަމެކެވެ. ފިޔަވަޅުތަކުގެ އިތުރަށް މަޝްވަރާ ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. ކާނަލް ވިދާޅުވާ ގޮތުގައި މަޝްވަރާކޮށްގެން ހޯދާ ހައްލުތަކާ މެދު އެކި ދުވަހު އެކި ގޮތަށް އަމަލު ކުރުމުގެ ބަދަލުގައި އެއް އުސޫލަކުން އަމަލު ކުރަން ޖެހެ އެވެ. އަދި އެކަން ކުރަނީހަމަހަމަކޮށްކަން ހާމަވާ އުސޫލަކުން ކަން ކުރުމަކީ މުހިންމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގައި ކުއްލި ކުއްލިއަށް ކަންކަން ނުކޮށް ހަމަ އޮންނަ ޕްރޮސީޖާއިން ކަންކަން ކުރީމައި ސުވާލު އުފައްދަން ފުރުސަތެއް ވެސް ނޯންނާނެ. ޓެކްސްއެއް ނުދައްކަންޔާ ރިސޯޓް އޯނަރެއް ނޫން ކޮންމެ މީހަކާ މެދު ވެސް ކިތަންމެ ހަރުކަށި ފިޔަވަޅެއް އަޅައިގެން ވެސް ފައިސާ ހޯދަންވީ. ހަމަ ގައިމު ވެސް އަޅުގަނޑުމެންގެ ރިސޯޓަކުން ފައިސާ ނުދެއްކިޔަސް ފިޔަވަޅެއް އަޅައިގެން މައްސަލައެއް ނެތް،" ކާނަލް ވިދާޅުވި އެވެ.

ސިޔާސީ ނުފޫޒާއި އެހެން ވެސް ނުފޫޒުތަކާ ހެދި ދައުލަތަށް ފައިސާ ނުދައްކާ ތިބި މީހުންގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ވެސް އެކަމަށް ނިމުމެއް ގެންނަން ޖެހެ އެވެ. ދައުލަތަށް ފައިސާ ނުދައްކާ ފިލައިގެނެއް ނޫޅެވޭނެ އެވެ. އެއީ އެއްވެސް ގައުމެއްގައި ލިބިފައި އޮންނަ ފުރުސަތެއް ނޫނެވެ. އެކަމަކު އެ ފިޔަވަޅުތައް އަޅަން ޖެހޭނީ ހަމަހަމަކޮށެވެ. ދެ ފުށްފެންނަ ގޮތަކަށެވެ. އޭރުން ބުނާނެ، އެއްޗެއް ދެން ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ދައުލަތަށް ފައިސާ ނުދައްކާ ފަރާތްތަކާ ހަމަޔަށް ގާނޫނުގެ ދިގު އަތް ފޯރުން މާ ބޮޑަށް ވެސް ލަސްވެއްޖެ އެވެ.