ޕީޕީއެމް

"ރައީސް ޔާމީން ނުހުއްޓުވޭނެ، ހުއްޓޭނީ އިދިކޮޅު"

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ނުހުއްޓުވޭނެ ކަމަށާއި ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކުރުމަށްޓަކައި ހުއްޓުވަން ޖެހޭނީ އިދިކޮޅު ފަރާތްތައް ކަމަށް ބުނެ ޕީޕީއެމުން އިދިކޮޅަށް ރައްދެއް ދީފި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ޕްރެސްގައި އެ ޕާޓީގެ ނައިބު ރައީސް އަބުދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ގާނޫނު އަސާސީގެ ބާރު ދަމަހައްޓައި ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކޮށްދޭން ރައީސް ޔާމީން ހުއްޓުވަން ނުޖެހޭ ކަމަށާއި އެ ބޭނުން ހާސިލް ކުރުމަށް ހުއްޓުވަން ޖެހޭނީ އިދިކޮޅު ފަރާތްތައް ކަމަށެވެ.

"ގާނޫނު އަސާސީގެ ބާރު ދަމަހައްޓަން، ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކުރުމަށް ރައީސް ޔާމީން ހުއްޓުވަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނި، [އަޅުގަނޑުމެން] ދަންނަވާނީ ރައްޔިތުންނަށް އަމާން ވެއްޓެއް ގާއިމް ކުރަން އިދިކޮޅު ފަރާތްތައް ހުއްޓުވަން އެބަޖެހެއޭ. ރައީސް ޔާމީން ހުއްޓުވަން ނޫޅޭ! އެކަމެއް ނުވާނެ، ހުއްޓޭނީ އެބޭފުޅުން!" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވާ ތަރައްގީއާ ކުރިއެރުން ގެނެސްދިން ރައީސެއްގެ ގޮތުގައި ރައްޔިތުންނަށް ފެނިފައިވަނީ ރައީސް ޔާމީން އެކަނި ކަމަށާއި ކިތަންމެ ވަރަކަށް ގުޅައި މެސެޖް ކުރިއަސް މުޒާހަރާއަށް ނުކުންނާނެ މީހަކު ނުވާނެ ކަމަށެވެ.

"މިއަދުވެސް އެއްގަޑިއިރު ވަންދެން އާދޭސް ކުރީ މިރޭ 8:30 އަށް ޗާންދަނީ މަގަށް އެއްވާން، މިހާރު ރައްޔިތުންނެއް ނުނިކުންނާނެ، ރައްޔިތުން ބޭނުމެއް ނޫން ހަމަ ޖެހުން ނަގާލާކަށް، ރާއްޖެއަށް އަންނަމުން މިދާ ތަރައްގީ ހުއްޓުވާލާކަށް، ރައްޔިތުން ބޭނުން ވަނީ ރައީސް ޔާމީނާއެކު ކުރިއަށްދާން،" އަދުރޭ ވިދާޅުވި އެވެ.

މިމަހުގެ 16 ވަނަ ދުވަހު ވެރިކަން ވައްޓާލުމުގެ ނިޔަތުގައި މާލެ ނޭރުމަށާއި މާލެ އަރައި އެއްވުން މަނާ ސަރަހައްދުތަކަށް އެއްވެގެން ހިންގާ ހަރަކާތްތަކުގެ ޒިންމާ ނަގާނެ ފަރާތެއް ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެފަދަ އެއްވުން ތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުވުމުގައި ސަރުކާރުން އެޅުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށެވެ.

ޕްރެސްގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ރައީސް ޔާމީން ހުއްޓުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ގާނޫނު އަސާސީގައި ބުނާ އެއްވެސް ހައްގެއް ރައްޔިތަކަށް ނުލިބިއެއް ނޯންނާނެ ކަމަށެވެ. އަދި އެއްވެސް މީހެއްގެ ހައްގެ ގެއްލިފައި ނުވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ހުއްޓުވަން ޝައުގުވެރިވެގެން މަސައްކަތް ކުރަނީ ތިން ކަމެއް ބޭނުން ވެގެން ކަމަށެވެ. އެ ތިން ކަމަކީ އެހެން ދީން ތަކުގެ މިނިވަންކަން ރާއްޖޭގައި ބޭއްވުމަށާއި އެއް ޖިންސުން ކައިވެނި ކުރެވޭނެ ގޮތް ހެދުމަށާއި ލާދީނީ ފިކުރު ފެތުރުމަށް ކަމަށެވެ. އެކަން ރައީސް ޔާމީން ހުއްޓުވައިގެން ވެސް އަދި އެހެން ރައްޔިތުން ހުއްޓުވައިގެން ވެސް ނުވާނެ ކަމަށާއި އެކަން ވިޔަ ނުދޭނެ ކަމަށެވެ.