ހަބަރު

ފުލުހުން ކަމަށް ބުނެ އިންޒާރުދޭ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

ސަރުކާރާ ދެކޮޅަށް ފުލުހުންގެ ނުކުންނާނެ ކަމަށް، މޫނު ނިވާކޮށްގެން ފުލުހުންގެ އެސްއޯ ޔުނިފޯމުގައި ތިބި ބަޔަކު އިންޒާރުދޭ ވީޑިއޯއެއްގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު އާންމުވެފައިވާ ވީޑިއޯއެއްގައި ފުލުހުންގެ އެސްއޯ ޔުނިފޯމުގައި ހުރި ތިން މީހަކު ވަނީ ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރުމަށް މަސައްކަތް ކުރަމުންދާތީ އެކަން ހުއްޓާލުމަށް ބުނެފަ އެވެ. އަދި މި މަހު ނިޔަލަށް އެކަން ހުއްޓާ ނުލާނަމަ އަންނަ މަހު 1 ގައި ހުރިހާ ފުލުހުން ނުކުންނާނެ ކަމަށް އެ ވީޑިއޯގައި ބުނެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ދިވެހި ގައުމުގެ ފުލުހުން ކަމަށް ބުނެ ޔޫޓިއުބްގައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އެ ވީޑިއޯގައި ފެންނަނީ ފުލުހުންކަން ޔަގީން ކުރެވިފައި ނުވާ ކަމަށެވެ. އަދި ތަހުގީގު ކުރިޔަށްދާ މިންވަރަކުން އެކަންތައް ހާމަ ކުރާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ވަނީ އެފަދަ ގޮތަކަށް މޫނު ފޮރުވައިގެން ތިބި އައިއެސް ޖަމާއަތުގެ ބައެއް ކަމަށް ބުނާ ވީޑިއޯއެއް އާންމުވެފަ އެވެ. އެ ވީޑިއޯގައި ވެސް އެފަދަ ގޮތަކަށް ސަރުކާރަށް އިންޒާރު ދިނެވެ. އެ މައްސަލަ ވެސް ފުލުހުން ބެލި އެވެ.