ބޮލީވުޑް

32 އަހަރު ފަހުން ސަންޖޭ އާއި އަޝުތޯޝް އެކުގައި

ޑައިރެކްޓަރު އާޝުތޯޝް ގޯވަރިކާގެ ކުރިއަށް އޮތް ފިލްމު "ޕަނިޕަތް" ގެ ޓީޒާ ޕޯސްޓަރު މިހާރު ވަނީ އާންމުކޮށްފަ އެވެ.

ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދާނީ ސަންޖޭ ދަތާއި އަރްޖުން ކަޕޫރު އަދި ކްރިތީ ޝެނޮން އެވެ. މިއީ ސަންޖޭ ދަތާއި ޑައިރެކްޓަރު އަޝުތޯޝް އެއްކޮށް ފިލްމެއްގައި މަސައްކަތްކުރާނެ ދެ ވަނަ ފަހަރެވެ. މި ދެ މީހުން އެއްކޮށް ކުރިން މަސައްކަތްކުރީ މީގެ 32 އަހަރު ކުރިން 1986 ވަނަ އަހަރު ނިކުތް ފިލްމު "ނާމް" ގަ އެވެ. އެ ފިލްމުގައި އަޝުތޯޝްއަކީ ސަންޖޭދަތުގެ ކޯ-ސްޓާރެކެވެ.

"ސަންޖޭއަކީ މޮޅު އަދި ތަޖުރިބާކާރު އެކްޓަރެއް. އެފަދަ ހުނަރުވެރި އެކްޓަރެެއް ޑައިރެކްޓުކުރަން ފުރުސަތު ލިބުމަކީ އުފަލެއް." އަޝުތޯޝް ބުންޏެވެ. "އަރުޖުންއަށް ބަލާއިރު އޭނާގެ ހުށަހެޅުންތެރިކަމަށްވުރެ އަހަންނަށް ކަމުދަނީ އޭނާއަކީ ޑަބަލް ރޯލު ކުޅުމަށް ކުޅަދާނަ އެކްޓަރަކަށްވުން. މީގެ ކުރިން ދެ ފިލްމެއްގައި އޭނާ އެގޮތަށް މަސައްކަތްކުރި. އެކްޝަން ހިރޯގެ ގޮތުގައި ލޯބީގެ ރޯލުތަކުގައި ވެސް އަރުޖުން ވަރަށް މޮޅު."

ފިލްމުގެ ލީޑު އަންހެން ބަތަލާއާއި ބެހޭގޮތުން ވާހަކަ ދައްކަމުން އާޝުތޯޝް ބުނީ އޭނާ ބޭނުންވީ ހުނަރުވެރި އަދި ރީތި އަންހެން އެކްޓަރެއް ކަމަށެވެ.

މި ފިލްމަކީ 1761 ވަނަ އަހަރު އިންޑިއާގެ ދިއްލީގައި އޮތް މަރަތާ ރަސްކަމުގެ ތަހުތާއި، އިންޑިއާއަށް އޭރު ވެރިވެގަނެ އިސްތުއުމާރު ހިންގަމުން އައި އަފްގާނިސްތާނުގެ ރަސްގެފާނުގެ ސިފައިންނާއި ދެކޮޅަށްކުރި ހަނގުރާމާ ދައްކުވައިދޭ ފިލްމެކެވެ. މަޝްހޫރު ނަމުންނަމަ އެ ހަނގުރާމައަށް ކިޔާ ނަމަކީ "ދަ ބެޓުލް އޮފް ޕަނިޕަތް" އެވެ. ފިލްމަށް ދީފައިވާ ނަމަކީވެސް "ޕަނިޕަތް" އެވެ.

"ޕަނިޕަތް" ޕްރޮޑިއުސްކުރާނީ ސުނީތާ ގޯވަރިކާ އަދި ރޯހިތް ޝެލާޓްކަރްގެ ކުންފުނި ވިޝަން ވޯލްޑް އިންނެވެ.

މިއަހަރު މެދުތެރޭގައި ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މި ފިލްމު ސިނަމާއަށް ގެނައުމަށް ހަމަޖައްސާފައި ވަނީ އަންނަ ޑިސެމްބަރު މަހު އެވެ،