ރިޕޯޓް

12 ގޮނޑީގެ މައްސަލަ ވާނުވާގައި!

މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ހުއްޓުމެއްނެތި އިވެމުންދާ އެއް އަޑަކީ ރައްޔިތުން މަޖިލީހުގެ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގެ ވާހަކަ އެވެ. މިދިޔަ އަހަރު ޖުލައި މަހު ސުޕްރީމް ކޯޓަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ހުށަހެޅި ދުސްތޫރީ މައްސަލައެއް ވެއްދި އެވެ. ފްލޯ ކްރޮސް ކުރާ މެންބަރުން ގޮނޑި ގެއްލޭނެ ކަމަށް ހުށަހެޅި އެ މައްސަލަ ނިމުނު އިރު ގޮނޑިތައް ގެއްލުނެވެ. އެއާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަނަށް ގޮވާލި އެވެ.

ގޮނޑިގެއްލިގެން އެކި ފަހަރު މަތިން ވާހަކަ ދެކެވޭ، އަދި ނުގެއްލޭ ކަމަށް ވެސް ވާހަކަ ދެކެވޭ މެންބަރުންނަކީ، މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި، ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.

އޭގެ ފަހުން ވެސް އެ 12 ގޮނޑީގެ ވާހަކަ އެކި ގޮތްގޮތަށް ބަދަލުވެ އޮތީ ވާނުވާގަ އެވެ. މަޝްހޫރު އެކެއް ފެބްރުއަރީގެ އަމުރަށްފަހު އިދިކޮޅަށް "މޮޅެއް" ލިބިގެން ދިޔަ އެވެ. އަދި ވާނުވާގައި ހުރި 12 ގޮނޑީގެ މައްސަލަ އަނެއްކާވެސް އެހެން ގޮތަކަށް މަންޒަރު ބަދަލުވި އެވެ. އެ އަމުރުގެ އެއްބައިގައި ވަނީ އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ، ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އިއްވި ހުކުމަކީ އެކަމަށް ގާނޫނެއް ފާސް ކުރެވެންދެން ދިން ވަގުތީ ފަރުވާއެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ 141 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ މައްޗަށް ބަލައި ފްލޯ ކްރޮސްއާ ބެހޭ ހުކުމް ބާތިލުވެ، އިލެކްޝަންސް ކޮމިޝަނުން ވަކިކޮށްފައިވާ މެންބަރުންގެ ގޮޑި ނުގެއްލެ އެވެ. އަނެއްކާވެސް އޮޅުނީ އެވެ.

މިހާރު އަނެއްކާ ސުޕްރީމް ކޯޓުން ވަނީ އެ އަމުރުގެ އެބައި މަޑު ޖައްސުވާފަ އެވެ. އެ ކޯޓުން އެކަމަށް ވަކި ގޮތެއް ނިންމަން ދެން އެއަށް އަމަލު ނުކުރާނެ އެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުން ވަނީ ގޮނޑީގެ މައްސަލަ ތައާވަލް ކޮށްފަ އެވެ. ނަމަވެސް ފަހުވަގުތު އެކަން ވަނީ ކެންސަލްވަނީ އެވެ.

އިލެކްޝަނުން ވަނީ ކުރިން އޮތް ގޮތަށް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމި ނިންމުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށް ބުނެފަ އެވެ. އެހެންވެ އަނެއްކާ އިތުރަށް އޮޅުން އަރަ އެވެ.

އެކަން އެގޮތަށް އޮއްވައި ޕީޕީއެމުން އެންޓި ޑިފެކްޝަން ބިލެއް މަޖިލީހަށް ވެއްދި އެވެ. އެ ބިލް ހުށަހެޅީ ސަރުކާރު ފަރާތުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކެވެ. އެންޓި ޑިފެކްޝަން ބިލަކީ ރައްޔިތުން މަޖިލީހުގެ މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ބިލެކެވެ.

އެ ބިލުގައިވާ ގޮތުން އެ ތިން ހާލަތުގައި ގޮނޑި ގެއްލުނު ނަމަވެސް ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު އަލަށް ޕާޓީއަކާ ގުޅިވަޑައިގަތް ނަމަވެސް ގޮނޑިއެއް ނުގެއްލޭނެ އެވެ. ނަމަވެސް އެ މެންބަރު ޕާޓީއަކާ ގުޅިވަޑައިގަތުމަށް ފަހު ގޮނޑި ގެއްލޭނެ ކަމަށް ބިލުގައި ބުނާ ތިން ހާލަތު އެ މެންބަރުންނަށް ވެސް ހިނގާނެ ކަމަށް އެ ބިލުގައި ބުނެފައި ވެއެވެ.

އެ ބިލު ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމުން ވަނީ އެންޓި ޑިފެކްޝަން ބިލުގެ ތިން ވަނަ މާއްދާގެ ފުރަތަމަ ބަޔަކަށް ރެޓްރޯސްޕެކްޓިވް އުސޫލު، 13 ޖުލައި އިން ފެށޭ ގޮތަށް ހެދުމަށް ފާސްކުރި އެވެ. ޖުލައި މަހުގެ 13 ވަނަ ދުވަހަކީ ފްލޯ ކްރޮސް ކޮށްފިނަމަ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހެވެ.

ރެޓްރޯސްޕެކްޓިވް އުސޫލު އިތުރު ކުރުމާއި ގުޅިގެން 13 ޖުލައިގެ ފަހުން ޕާޓީން ވަކި ކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ އެވެ. ކޮމިޓީ އިން ނިންމި ގޮތަށް މަޖިލީހުގެ 36 މެންބަރުންގެ އިއްތިފާގުން ވަނީ އެ ބިލް ފާސްކޮށްފަ އެވެ. އަދި ރައީސް އަބުދުﷲ ޔާމީން ވަނީ ބިލް ތަސްދީގު ކުރައްވާ ގާނޫނެއްގެ ގޮތުގައި ގެޒެޓް ކުރައްވާފަ އެވެ.

އެ ބިލް ތަސްދީގު ވުމުން ޓެކްނިކަލީ މަޖިލީހުގެ އެ 12 މެންބަރުންގެ ގޮނޑި ގެއްލެ އެވެ. ޕީޕީއެމުންވެސް އެހެން ބުނެ އެވެ. އެގޮތުން އިއްޔެ ޕީޕީއެމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ނައިބް ރައީސް އަބުދުﷲ އަބުދުއްރަހީމް ވަނީ މުހައްމަދު އަމީތަށް ނިސްބަތްކޮށް "ގޮނޑި ގެއްލިފައިވާ" މެންބަރުގެ ގޮތުގައި ވެސް މުހާތަބު ކުރައްވާފަ އެވެ.

ޕީޕީއެމުން ދަނީ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ރައީސް ތަސްދީގު ކުރުމުން މިހާރު 12 މެންބަރުންގެ ގޮނޑިއާމެދު އެއްވެސް ސުވާލެއް އުފެދިފައިނުވާނެ ކަމަށް ބުނަމުންނެވެ. އަދި ސުޕްރީމް ކޯޓުގައި މިހާރު އޮތް މައްސަލައަށް ވެސް އެ ބިލާއެކު އިތުރަށް ބަލަން ނުޖެހޭނެ ކަމަށް ބުނަމުންނެވެ.

އެންޓި ޑިފެކްޝަން ބިލަށްފަހު އަދިވެސް ގޮނޑިއާމެދު އޮތީ ބޮޑު ސުވާލެއް އުފެދިފަ އެވެ. ހަމަ އެހެންމެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދަނީ އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމާމެދު އެއްވެސް ޝައްކެއް މިހާރު ނޯންނާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް އިދިކޮޅުން ބުނާ ގޮތުގައި އެމީހުން އަބަދުވެސް ކިޔަމުން އަންނަ ގޮތަށް އެ މެންބަރުންގެ ގޮނޑިއެއް އަދިއެއް ނުގެއްލެ އެވެ. އަދި އެ މައްސަލަ ބާތިލް ކުރަން މިހާރު ވަނީ ސުޕްރީމް ކޯޓަށް ވައްދާފަ އެވެ.

މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ބިލް ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވި ނަމަވެސް 12 މެންބަރުންގެ ގޮނޑި ގެއްލޭނެ ގާނޫނީ ހަމައެއް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި 13 ޖުލައި 2017 ގެ ކުރިން ޕާޓީން ވަކިވާން ކުރަން ޖެހޭ ހުރިހާ ކަމެއް ވާނީ ނިންމާފަ އެވެ. އެހެން ކަމުން މަޖިލީހުން ފާސްކުރި ބިލުން ވެސް އެބޭފުޅުންގެ ގޮނޑި ނުގެއްލޭނެ އެވެ. އަމީތު އިޝާރަތް ކުރައްވަނީ އެ ދުވަހުގެ ކުރިން އެ 12 މެންބަރުން ވެސް ޕީޕީއެމް ވަކިވާން ހުށަހެޅި ސިޓީއަށެވެ. މެންބަރަކު ޕާޓީއިން ވަކިވާން ސިޓީ ހުށަހެޅުމުން އެ މެންބަރަކު އެ ޕާޓީން ވަކިކޮށްދޭން ޖެހެ އެވެ.

"ޕާޓީން ވަކި ވުމަށް ފުރިހަމަ ކުރަން ޖެހުނު ހުރިހާ އިޖުރާތެއް ވާނީ ފުރިހަމަ ކޮށްފަ، ގޮނޑިއެއް ނުގެއްލޭނެ، މި ގާނޫނު ތަސްދީގު ކުރިއަސް ގޮނޑި ގެއްލުނު ކަމަށް އެއްވެސް ގާނޫނީ ހަމައެއް އެބޭފުޅުންނަށް ނުދެއްކޭނެ،" އަމީތު ވިދާޅުވި އެވެ.

އެހެން ކަމުން އެކަމާ މެދު މިވަނީ ސުވާލު އުފެދިފަ އެވެ. އެ މެންބަރުން ޕާޓީން ވަކިވާން ހުށަހެޅި ހިސާބުން މެންބަރުން ޕާޓީން ވަކިވީ ހެއްޔެވެ؟ ނުވަތަ ޕާޓީން ވަކި ގޮތެއް ނިންމި ދުވަސް އެއީ އެ މެންބަރުން ވަކިވި ދުވަސް ހެއްޔެވެ؟ އެކަމުގެ ސަބަބުން ގޮނޑީގެ މައްސަލަ އަށް މިވަނީ ބުނާނެ އެއްޗެއް ނޭންގި ސުވާލެއްގެ ތެރޭގައި އެވެ.

އިދިކޮޅުން ދަނީ އެންމެ ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ބުނަމުންނެވެެ. އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފަ އެއް ނުވެ އެވެ. އެހެން ކަމުން މި މައްސަލާގައި އަދިވެސް މިވަނީ ސުޕްރީމް ކޯޓުގެ ނިންމުމަކަށް އިންތިޒާރު ކުރަން ޖެހިފަ އެވެ.