ކުޅިވަރު

ކްއާޓާގެ ފަހު ދެ ޖާގަ ބާސާ އާއި ބަޔާން އަށް

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ފަހު ދެ ޖާގަ، ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަންގެ ބަޔާން މިޔުނިކް ހޯދައިފި އެވެ.

ބާސާ ފައިނަލަށް ދަތުރު ކުރީ، ދެ ވަނަ ބުރުގެ ދެ ވަނަ ލެގު މެޗުގައި އަމިއްލަ ދަނޑުގައި ކުޅެ ޗެލްސީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައިގެންނެވެ. ރޭގެ މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބު ކުރީ ލިއޮނަލް މެސީ އާއި އުސްމާން ޑެމެބެލޭ އެވެ. މިއީ ބާސާގެ ބޮޑު މެެޗެއްގައި ޑެމްބެލޭ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ. ނަމަވެސް ޑެމެބެލޭ އަށް ވުރެ ވިދާލީ ބާސާގެ ސްޕަ ސްޓާ މެސީ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.

މެސީ އެ ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގްގައި 100 ލަނޑު ހަމަ ކޮށްފަ އެވެ. ޗެލްސީގެ ގޯލް ހުޅުވަން މެސީ ބޭނުންވީ އެންމެ ތިން މިނެޓެވެ. މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުން މެސީ ފުރަތަމަ ލަނޑު ކާމިޔާބު ކުރި އެވެ. އެއީ ޗެމްޕިއަންސް ލީގްގައި އޭނާ ޖެހި 99 ވަނަ ލަނޑެވެ.

ދެ ވަނަ ލަނޑު 20 ވަނަ މިނެޓްގައި ޑެމެބެލޭ ކާމިޔާބު ކުރީ މެސީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. މެސީގެ 100 ވަނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ވެސް ސުއަރޭޒް އެވެ. އެއީ މެޗުގެ 63 ވަނަ މިނެޓްގަ އެވެ.

"މިކަހަލަ ހިތްގައިމު މުބާރާތެއްގައި 100 ލަނޑު ޖެހުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުންޏެވެ. "ނަމަވެސް މުހިންމު ކަމަކީ، ކުރިއަށް ދެވުން، ވަރަށް ރަނގަޅު ކުޅުންތެރިން ތިބި ވަރުގަދަ ޓީމެއް ބަލިކޮށް ކުރިއަށް ދެވުނީމަ ވަރަށް ހިތްހަމަޖެހޭ."

ތުރުކީގެ ބެސިކްޓަސްގެ ދަނޑުގައި މެޗަށް ނިކުތް އިރުވެސް، ބަޔާން މިޔުނިކު އަތުގައި ފަސް ލަނޑުގެ ލީޑެއް އޮތެވެ. އެއީ މިދިޔަ މަހު ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު ފުރަތަމަ ލެގް މެޗުގައި 5-0 ކާމިޔާބު ކުރި މެޗުންނެވެ.

ބެސިކްޓަސްގެ ދަނޑު، އިސްތަންބޫލުގެ، ވޮޑަފޯން ސްޓޭޑިއަމްގައި ކުޅުނު މެޗު ބަޔާން ކާމިޔާބު ކުރީ 3-1 ންނެވެ. އެ ޓީމު މޮޅުވީ 8-1ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

ބަޔާންގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ތިއާގޯ އަލްކަންޓާރާ އެވެ. ބަޔާންގެ ދެ ވަނަ ލަނޑަކީ، ބެސިކްޓަސްގެ ގެކާން ގަނޫލް އަތުން ބައިކޮޅާށް ވަން ލަނޑެކެވެ.

ބެސިކްޓަސްގެ ހަމައެކަނި ލަނޑު 59 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ވެގްނާ ލަވް އެވެ. ބަޔާންގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ސެންޑްރޯ ވެގްނާ އެވެ.