(13 މާރިޗު 2018 އާ ގުޅޭ)
"ރާދިން ތި އުޅެނީ އޭނާ އަމިއްލައަށް މިގެއިން ނުކުމެގެން ދޭތޯތަ... އޭނާއަކަށް ދެނެއް ނުދެވޭނެ" އެއްމިޔަކަނިން އަރްސަލް ހިނިތުންވެލިއެވެ. ރާދިންގެ ބުނި އެއްޗަކާ މެދު ކުޑަކޮށް ވެސް ވިސްނާލަން އަރްސަލް ބޭނުމެއްނުވެއެވެ.
"ވެދާނެ ތިހެން ވެސް... އަހަރެން އެހެން ވިސްނިޔަސް މައްސަލައެއްނޫން ކަންނޭނގެ، ޔަގީނުން ވެސް އަހަރެންގެ އަޑެއް އަރްސަލް ނާހާނެކަން އެނގޭ. އެ އަންހެންކުއްޖާ ގާތުން އަރްސަލްއަށް ހިފޭނީ ކޮން ބަދަލެއް ކަމެއް އަހަންނަކަށް ނުވިސްނޭ. އޭގެ ބަދަލުގައި އަހަންނަށް ހީވަނީ... ބުނަންތަ؟ އަހަންނަށް ހީވާ އެއްޗެއް... އޭނާގެ ހާލާ މެދު އަރްސަލް ހަމްދަރުދީ ވޭތަ؟" ޓީވީއާ ނަޒަރު ވަކިކޮއްނުލާ ގޭމު ކުޅުމައިގެން އިން ރާދިން ބުނެލިއެވެ.
"ވަޓް ރަބިޝް... އަހަރެން އޭނާ އެއްފަހަރުން މަރާލާތަން ބަލަންތަ ރާދު ބޭނުންވަނީ... އެކަމަކު އެއީ އަހަރެންގެ ޕްލޭނެއްނޫން... މަޑުމަޑުން އަހަރެން އޭނާއަށް އަހުވާ ޖައްސާނީ... އަވަސްކޮއްލުމުގެ ބޭނުމެއްނެތް. އެހެންވެއްޖެޔާ އެކަމުގެ ހަޤީޤީ ހިތްހަމަޖެހުންކޮބާ" އެއްމިޔަކަނުން ހިނިތުންވެލަމުން އަރްސަލް ތެދުވިއެވެ. ރާދިންގެ ނަޒަރު އަރްސަލްއާ ދިމާއަށް ދަތުރުކުރި ނަމަވެސް އޭނާ އިތުރަށް އެއްޗެއް ނުބުންޏެވެ. އޭނާގެ ތުންފަތުގައި ވެސް ވަނީ މާނަފުން ހިނިތުންވުމެކެވެ. އޭނާގެ ސިކުނޑީގައިވާ ޚިޔާލުތައް އަރްސަލްއަށް ސިއްރު ކޮއްލައިގެން އިން ކަހަލައެވެ.
ދެ ޒުވާނުންގެ އަޑު ސިޓިންރޫމު ތެރެއިން އިވިއިވި ހުއްޓެވެ. ނިމްރާ ބެލްކަނި ކައިރީ މަޑުކޮއްލައިގެން ހުރެފައި އެތެރެއަށް ވަދެ އެތަނަށް ނުކުންނަން ހުރި ބިއްލޫރި ދޮރު ދަމާލައި ލައްޕާލިއެވެ. އަދި މަޑުމަޑުން އައިސް ކޮޓަރިއަށް ވަނެވެ. ހަނދާނުގައި އަރްސަލްގެ އިރުޝާދުތައް ހަރުލާފައި ހުއްޓާ އަވަހަށް އޭނާ ގެންގުޅޭ ނޯޓުފޮތުގައި އެކަންކަން ނޯޓުކުރަން ފެށިއެވެ. ކަޅުކުލައިގެ އާޓްލައިން ގަލަމުން ނޯޓުފޮތުގެ އެއް ސަފުހާ އެއްކޮށް ފުރާލީއެވެ. ނިމްރާއަށް ނަގައިގަންނަން ފަސޭހަވާނޭ ފަދަ ތަރުތީބަކުން ކަންކަން ލިޔެފައި ވެއެވެ.
"އަހަންނަށް ކިހިނެއް އެނގެނީ އަރްސަލް ހޭލާނީ ކޮންއިރަކުންކަމެއް. މެންދުރާއި ހަވީރާއި ރޭގަނޑު ކައި ހަދަނީ ކިހާ އިރަކު ކަމެއް... އެ ހުރިހާ ކަމެއް ފައްޗަކަށް އަމުނާލިއިރު ގަޑި ވެސް ބުނެލިނަމައެއްނު... އެވާނީ ގަޞްދުގައި ނުބުނީކަމަށް... އޭނާ އެ އުޅެނީ ޑެވިލްގެ ރޯލު ކުޅެންކަން އަހަންނަށް އެނގޭއިރު އަހަރެން ވެސް ހުންނަން ޖެހޭނީ ވިސްނައިގެން" ދެ އިނގިލި ދޭތެރޭ ގަލަން ތަޅުވާލި ނިމްރާ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ.
އިޝާ ނަމާދަށް ގޮވުމުގެ ކުރީން ނިމްރާ ބަދިގެ ފަރާތައް ނުކުތެވެ. ރޭގަނޑަށް ތައްޔާރު ކުރާނޭ އެއްޗަކާ މެދު އޭނާ ވިސްނަމުން ކަބަޑުސެޓާއެކު ހުރި ބޮޑު އައިސްއަލާމާރި ހުޅުވާލިއެވެ. އޭގެ އެކި ބައިބައި ނިމްރާ ބަލަން ފެށިއެވެ. އަރްސަލް ބުނި ފަދައިން މޭވާގެ ބާވަތްތަކާއި ތަރުކާރީ ވަކިކޮށް ކޮންޓެއިނަރުތަކަށް އަޅާފައި ހުއްޓެވެ. އޭނާ އެކަމުގައި އުޅެނިކޮށް ހުސްކޮއް އޮތް ސިޓިންރޫމަށް ރާދިން ނުކުތެވެ. ނިމްރާއަށް ބަލާލާފައި ނިތްއަރުވާލިއެވެ. އޭނާ ދެން އައިސް ސޯފާއަށް ވެއްޓިގަނެ ޓީވީ ހުޅުވާލިއެވެ. އިރުކޮޅަކު ރާދިންއަށް ބަލަން ނިމްރާ ހުއްޓެވެ. ރާދިން ހީވަނީ ފޫހިވެގެން އުޅޭ ހެނެވެ. އެހެންވިޔަސް ނިމްރާއަށް ވިސްނާލެވުނީ ރާދިން ދައްކާފައިވާ ވާހަކަތަކާ މެދުގައެވެ. އެ ޒުވާނާއާއެކު އެކަނި ހުރުން ރައްކާތެރިބާއޭ އަމިއްލަ ހިތާއި ނިމްރާއަށް ސުވާލުކޮއްލެވުނެވެ.
"އެއްޗެއް ހަދަންތަ ތި އުޅެނީ" ސޯފާގައި ޓީވީއަށް ނަޒަރު ހުއްޓާލައިގެން އޮތް ރާދިން ސީދާ ނިމްރާއަށް ނުބެލި ނަމަވެސް އޭނާއަށް ހިސާބަކަށް ބަދިގެ ތެރޭގައި ހަރަކާތްތެރިވާ ނިމްރާ ފެނެއެވެ. އޭނާގެ އަޑާއެކު ނިމްރާގެ ހަރަކާތްތައް ހުއްޓުނުކަން ރާދިން ދެނެހުއްޓެވެ. އެހެންވެ ޓީވީއާ ނަޒަރު ވަކިކޮއްލަމުން ސޯފާއިން ތެދުވެގެން އައިސް ބަދިގޭ ކައުންޓަރު ކައިރީ ހުރި ސްޓޫލްގައި އިށީނދެ ކައުންޓަރު މަތީ ދެއަތް އަޅުވާލިއެވެ.
"ކޯޗެއް ހަދަނީ" ނިމްރާ ބޯޖަހާލީމާ ރާދިން އަނެއްކާ ވެސް އިތުރު ސުވާލެއް ކޮއްލިއެވެ.
"ސެލެޑްއެއް" ނިމްރާ ބުނެލިއެވެ. އޭނާ ހުރީ ރާދިން އިން ހިސާބުން އިތުރަށް އޭނާގެ ގާތަށް އަތުވެދާނޭތީ ސަމާލުވެއެވެ. އަވަސް އަވަހަށް ވަޅިއެއް ނަގައި މަސައްކަތް ފެށިއެވެ.
ނިމްރާ މަސައްކަތް ކުރަމުންދިޔަ މަންޒަރު ބަލަން ރާދިން އިނެވެ. ދޭތެރެއަކުން ވަރަށް ނޫން ގޮތަކަށް ނިމްރާ އޭނާއަށް ބަލާލާކަން ވެސް ރާދިންއަށް އެނގެއެވެ. ކަޓިންބޯޑު މަތީ މޭވާއާއި ތަރުކާރީގެ ވައްތަރުތައް ކޮށަމުން ދިޔައިރު ނިމްރާގެ ހާސްކަން އޭނާގެ އަތުން ރާދިންއަށް ފާހަގަކުރެވުނެވެ. ނިމްރާގެ ނުފަރިތަކަން ވެސް ރާދިންއަށް ފާހަގަވިއެވެ.
"ކެއަރފުލް ވިތް ދި ނައިފް" އިރުކޮޅަކު އިނުމަށްފަހު ރާދިން ބުނެލިއެވެ. ނިމްރާ ތައްޔާރު ކުރާ އެއްޗެއް ތައްޔާރުކޮއް ނިމެން ދެން ރާދިން އިނެވެ. އަދި ނިމްރާ އެނބުރި ދިއުމުން އޭނާ ތައްޔާރުކުރި ސެލެޑް ތަށިން ރާދިން ރަހަބެލިއެވެ.
"ނޮޓް ބޭޑް" އެތިކޮޅެއް ކާލާފައި ރާދިން ބުނެލިއެވެ.
* * * *
ނިދިފައި އޮތް އަރްސަލްއަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. އޭނާއަށް ހުވަފެނެއް ފެނުނީއެވެ. އެހެންނަމަވެސް ހޭލެވުމާއެކު ހަނދާންނެތުނީއެވެ. އެނދުގައި އިށީނދެލައިގެން އިރުކޮޅަކު އިނުމަށްފަހު އޭނާ ގަޑި ބަލާލިއެވެ. ދިއްލިގެން ދިޔަ ފޯނުގެ އިސްކުރީނުން ރޭގަނޑު ނުވައެއް ޖަހަނީކަން އަރްސަލްއަށް އެނގުނެވެ. އެނދު މައްޗަށް ފޯނު ދޫކޮއްލުމާއެކު އަރްސަލް ތެދުވެ ފާޚާނާއާ ދިމާއަށް ދިޔައެވެ.
ސިޓިންރޫމުގައި ކޮފީމޭޒުމަތީ ލެޕްޓޮޕް ބަހައްޓައިގެން މަސައްކަތެއްގައި ރާދިން އިންތަން އެތަނަށް ނުކުތް އަރްސަލްއަށް ފެނުނެވެ. ތެތްކަން އެކުލެވިފައިވާ އިސްތަށިގަނޑު އަތުން ރީތި ކުރަމުން އަރްސަލް އައިސް އެކަކަށް އިށީނދެވޭނޭހެން ހުރި ސޯފާގައި އިށީނެވެ.
"ނިދިގަނޑެއް އަޅާފަ ދޯ ތި އައީ؟" ގޮނޑީގައި އިނދެ އަރްސަލް އަދިވެސް އާފުރޭތީ ރާދިން ބުނެލިއެވެ.
"މަށަށް އޭރު ނިދުނީ... ކީއްތަ ތިކުރަނީ؟" އަރްސަލް އަހާލިއެވެ.
"މިގޭގައި އަހަރެމެން ދެ މީހުން ނޫންކަން މިހާރު އުޅެނީ އަރްސަލް ހަނދާންނެތުނީތަ؟" އަރްސަލްއާ ދިމާއަށް ވަރަށް ރަނގަޅަށް ބަލާލާފައި ރާދިން ބުނެލިއެވެ.
"ކިހިނެއްވީ؟" ވިސްނުމަކާނުލާ އަރްސަލް ބުނެލިއެވެ.
"ސޯޓުކޮޅުގައި އިނީމަ... ރަތްޖިންނިއެއް އަރްސަލް ގެނެސްގެންނޫންތަ އުޅެނީ. އޭނާއަށް..." ރާދިން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ކުއްލިއަކަށް އަރްސަލް ތެދުވިއެވެ. ހަލުވިކޮއް ތެދުވެގެން ދިޔަ ގޮތުން އޭނާ ނިމްރާގެ މަތިން ހަނދާންނެތީކަން ރާދިންއަށް ވިސްނުނެވެ. ގިނައިރެއްނުވެ އަރްސަލް އައީ ޓީޝަޓަކާއި ތަންކޮޅެއް ދިގު ސޯޓެއް ލައިގެންނެވެ.
"ކޮބާ އޭނަ؟" އަރްސަލް އަހާލިއެވެ.
"ކޮޓަރީގައި... އޭނާ ކާން ހަދާފައި ހުރީ" ރާދިން ހުޅުވާފައި ހުރި ލެޕްޓޮޕަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. އަރްސަލް ބަދިގެ ފަރާތަށް އައިސް ނިމްރާ ތައްޔާރުކޮއްފައި ހުރި އެއްޗެއް ބެލިއެވެ.
"ރާދު ކެއީތަ؟" ބަދިގެ ފަރާތުގައި ހުރެފައި އަރްސަލް އަހާލިއެވެ.
ކާމޭޒު ދޮށަށް ރާދިން އައުމާއެކު ދެ ޒުވާނުން ވެގެން ކާން ތައްޔާރުވެލިއެވެ. ހަދާފައި ހުރި ސެލެޑް އަރްސަލްއަށް ވެސް ކަމުދިޔަކަން އޭނާ ނުބުނި ނަމަވެސް ރާދިންއަށް އެނގެއެވެ. ފަށާފައި ހުރި ޕްރޮޖެކްޓުތަކުގެ ވާހަކަ ރާދިން ދައްކަމުން ދިޔައިރު އަރްސަލް އިނީ ފުން ވިސްނުމެއްގައެވެ. ރާދިންގެ ޚިޔާލުތަކަށް އަރްސަލްގެ ފަރާތުން އިޖާބައެއް ނުލިބިގެން ދެތިން ފަހަރު އޭނާއަށް ރާދިން ގޮވާ ވެސް ލިއެވެ.
"ކީފާ ބުނި އޭނާ ޑޮކިއުމެންޓްތައް ބެލި ވާހަކަ. ބެއްބެއާއި އަހަރެމެން އެންމެން ތިބެގެން އެކަމާ މަޝްވަރާ ކުރަން ކީފާ ބުނީ. އޭގެ ކުރީން ކީފާ ބުނި އަހަރެމެން މީޓުކުރަން... އަރްސަލް!... ބެއްބެ!... ބެއްބެ ބުނި އެ ބިން ބިޑަށްލާނޭ ކުރިއަށް މިއޮތް ހަފްތާ ތެރޭ... އެންޑް ވީ ހޭވް ކޮމްޕެޓިޓާސް" ރާދިން ބުނެލިއެވެ.
"އެ މީހާއަށް އެނގުނީތަ؟" އަރްސަލްގެ ސުވާލާއެކު އޭނާ އިނީ ރާދިން ދައްކަމުންދިޔަ ހުރިހާ ވާހަކައެއް އަޑުއަހަންކަން ރާދިން ޔަގީން ކުރިއެވެ. އެ މީހާއޭ އަރްސަލް އެ ބުނީ ކާކަށްކަން ވެސް ރާދިންއަށް އެނގެއެވެ.
"އާން! އެމީހުން އެކަންޏެއްނޫން... މަންސޫރުކޯ ވެސް... ދެޓް އެރޮގެންޓް މޭން" ރާދިންގެ މޫނުމަތިން ފޫހިކަން ފެނުނެއެވެ.
"ބިޑަށް ގޮސްފިއްޔާ މަންސޫރުކޯއިން ނަގާނެ... އެކަމަކު... ރާދު!... ބެއްބެ ގާތުން އޮޅުން ފިލުވާ ޑައިރެކްޓަރޭޓްއިން ނިންމާފައި އޮތް ގޮތެއް. އެތެރޭގައި އެއްވެސް ޑީލްއެއް އެބައުޅޭތޯ. މަންސޫރުކޯއިން އިންވޯލްވް ނުވެއެއް ނުތިބޭނެ. އައި ވޯންޓް ދިސް ރާދު. ވަން ވޭ އޯ ދި އަދާރ..." އަރްސަލް ސީރިއަސްކަމާއެކު ބުނެލިއެވެ.
"މާދަމާ ކީފާއާ މީޓުކުރަމާ... ލީގަލް ޑޮކިއުމެންޓްސްތައް އަހަރެމެން ބަލާފައި ހަމަ މާދަން ބެއްބެއާ ކޮންޓެކްޓް ކުރާނީ. މިހާރު ވަގުތު ބޭކާރު ކުރެވޭކަށްނެތް. ޓައިމް އިޒް މަނީ" ރާދިން ވެސް އިނީ ދެކެވެމުންދިޔަ މައުޟޫޢުގައި ސީރިއަސްވެފައެވެ.
އެކަކުގެ ވެސް ޚަބަރެއް ނުވެގެން ނިމްރާ ކޮޓަރިން ނުކުމެގެން އައެވެ. ކާމޭޒު ދޮށުގައި އިން އަރްސަލްއަށް ނިމްރާ ފެނުމާއެކު ކާން އިން ތަށި ދުރަށް ޖައްސާލިއެވެ. އަދި ޝަހާދަތް އިނގިލިން ނިމްރާއަށް އިޝާރާތްކޮއްލީ އޭނާގެ ގާތަށް އަންނާށޭ ބުނާ ފަދައިންނެވެ.
"މީ ކޯޗެއް؟ ސެލެޑެއް ހެދީމަ ނިމުނީތަ؟ މި އެކަނި ކައިގެންތަ ހުންނަންވީ؟ ރޭގަނޑުގެ ކެއުމަކަށް މި ކިޔާނެތަ؟" ހަރުކަށިކަމާއެކު އަރްސަލް ބުނެލިއެވެ.
"ދެން ހަދަންވީ އެއްޗެއް ނުބުނާތީ... ސެލެޑެއް ހުންނަންވާނެއޭ ބުނީމަ" ނިމްރާ ބުންޏެވެ.
"ސިކުނޑި ނެތީތަ؟ ނޫނީ އަހަރެން އޭރު ދެއްކި ވާހަކަ ސާފު ނުވަނީތަ؟" އަރްސަލްގެ ޝަހާދަތް އިނގިލި ނިމްރާގެ ނިތްކުރީގެ އެއްފަރާތުގައި ޖައްސާ ކުޑަކޮށް ކޮއްޕާލިއެވެ.
"މި ކާން ޖެހޭނެ... އުކާލައިގެން ނުވާނެ... ރަތްޖިންނި ހުސްކުރަން ޖެހޭނެ" މޭޒު ދޮށުން ތެދުވެގެން އަރްސަލް ސޯފާއާ ދިމާއަށް ދިޔައެވެ. އެ ހުރިހާ މަންޒަރެއް ބަލަން ރާދިން އިނެވެ. އޭނާ އޭރު ކައި ނިމެނީއެވެ. މޭޒު ކައިރީ އަރްސަލްއަށް ބަލަހައްޓައިގެން ހުރި ގޮތަށް ނިމްރާ ހުރީއެވެ.
"ޑޯންޓް މައިންޑް ހިމް... ހީޒް އަ ޑެވިލް... އައި ލައިކް ޔޯ ސެލެޑް. ނުބައެއްނޫން" ކައި ނިންމާފައި ތެދުވި ރާދިން ކުރިއަށް ޖެހިލާ ނިމްރާއާ ދިމާއަށް ބޯއަރިކޮއްލާ ވަރަށް މަޑުމަޑުން ބުނެލިއެވެ. ހިންދިރުވާލެވުމާއެކު ނިމްރާއަށް ވަގުތުން ފަހަތަށް ޖެހިލެވުނެވެ. ރާދިންގެ ތުންފަތުގައިވި ހިނިތުންވުން ނިމްރާގެ ހިތުގައިވާ ބިރުވެރިކަން އިތުރުކުރުވިއެވެ. އޭނާގެ އެ ސިހުން ރާދިން ދެނެގަތެވެ. އިތުރަށް އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔައީ އެހެންވެގެންނެވެ. އަރްސަލްއަށްވުރެ ރާދިންދެކެ ނިމްރާ ޖެހިލުންވާކަން އޭނާއަށް އެނގިގެންނެވެ.
* * * *
ދެ ލޯ މަރާލައިގެން އެނދުގައި އޮތް ނިމްރާއަށް ނިދޭ ގޮތެއްނުވިއެވެ. އިރުކޮޅަކު އޮވެފައި ދެ ލޯ ހުޅުވާލިއެވެ. އޭނާގެ ސިކުނޑީގައިވަނީ މިޢުވާނުގެ ޚިޔާލުތަކެވެ. އެކުގައި ހަމަސް ހޭދަކުރިއިރު އޭނާގެ މަކަރުވެރިކަން ކުޑަކޮށް ވެސް ނިމްރާއަށް ނޭނގުނީ ކީއްވެތޯ އަމިއްލަ ޟަމީރާ ނިމްރާއަށް ސުވާލު ކުރެވުނެވެ. އޭނާ ކުއްލިއަކަށް އަވަސް އަރުވާލާފައި އަރްސަލްގެ ގާތަށް އައީ ވެސް މިޢުވާނުގެ ސަބަބުންނެވެ. ސައިކަލުގައި ތިބި މިޢުވާނާއި އޭނާގެ ލޯބިވެރިޔާ ފެނުމުން ނިމްރާގެ ހިތަށް އުނދަގޫވީއެވެ. އޭނާގެ ހަޔާތުގައި ފިރިހެނެއްދެކެ ތެދުވެރި ލޯތްބެއް ވެވުނު ހަމައެކަނި މީހަކީ މިޢުވާނެއެވެ. އޭނާ އޮޅުވާލައި މަކަރު ހަދައި ބޭވަފާތެރިވި ނަމަވެސް ނިމްރާގެ ހިތުގައި ރިހެނީ އެ އިންސާނާދެކެ ވެވުނު ލޯބީގެ ސަބަބުންނެވެ. އޭނާ ދުވަހަކުވެސް ފިރިހެނަކަށް އިތުބާރު ކުރެވިދާނެކަމާމެދު އަމިއްލަ ހިތާއި ޟަމިރާ ސުވާލުކުރެވުނެވެ. ދެ ލޯ ފެންކަޅިވާން ފެށުމުން ނިމްރާ އަވަސް އަވަހަށް ފުހެލިއެވެ.
"ދިޒް ޕެއިން ނެވާ ގޯސް އަވޭ... އެހެންވިޔަސް ހެޔޮ... އަހަރެން ނުރޯނަން. މާނުއަކީ އަހަންނަށް މިހާރު އެއްވެސް މުހިންމު މީހެއްނޫން. މުހިންމު ވެގެން ވެސް ނުވާނެ... އޭނާ އެކަން ސާބިތު ވެސް ކޮއްދީފި. އޭނާ ދުވާލަކު ލޯބިވެރިއަކު ގެންގުޅުނަސް އެއީ އަހަންނާ ބެހޭކަމެއްނޫން. އޭނާ ކޮންމެ މީހަކާއެކު ކޮންމެ ކަމެއްކުރިޔަސް އަހަންނަށް ހެޔޮ.... އަހަރެން ދުވަހަކުވެސް މީހެއްދެކެ ލޯތްބެއްނުވާނަން... ދުވަހަކުވެސް ނުވާނަން... އެއީ އެއްވެސް މުހިންމު އެއްޗެއްނޫން. މާޒީގައި ހެދުނު ގޯހެއް އެއީ... އަރްސަލްގެ ދިރިއުޅުން އަހަރެންގެ އަތުން ބަރުބާދުވީ ވެސް އޭނާއާ ހެދި... އަހަރެން... އަހަރެން ގާތިލަކަށް ހެދީ އޭނާ. އަހަރެން މުޅި އުމުރަށް މާނުގެ މަތިން ހަނދާންނައްތާލާނަން. އަހަރެންގެ ހުރިހާ އިހުސާސްތަކަކަށް ހުޅުވިފައިވާ ދޮރު މުޅިއުމުރަށް ބަންދުކުރާނަން. އަރްސަލްގެ ހަރުކަށި ބަސްތަކާއި ނަފުރަތުން އަހަރެންގެ އަމިއްލަ ހިތް ހަރު ގާގަނޑަކަށް ހަދާނަން"
އެތައް އިރެއް ވާންދެން މޭގައި ދެއަތް އަޅައިގެން ނިމްރާ އޮތެވެ. ދެ ލޯ މެރުނީ ކޮންއިރަކު ކަމެއް އޭނާ ނުދެނަހުއްޓެވެ. އެހެންވިޔަސް ހިތުގައި ތަކުރާރުކޮއް އަޒުމް ކަނޑައެޅިއެވެ. އިހުސާސްތަކެއްނުވާ ހިތްހަރު މީހަކަށް ވެގެން ނޫނީ އޭނާއަށް މި އިމްތިހާނުތަކުން ފުރިފައިވާ ދުނިޔެއާ އިތުރަށް ކުރިމަތި ނުލެވޭނޭތީއެވެ. ހިތުގައިވާ ރިހުން ފިލުވާލެވޭނީ އޭރުން ކަމުގައި ނިމްރާ ޤަބޫލުކުރެއެވެ. އޭނާގެ ދިރިއުޅުމުގެ ސިއްރުތައް އަބަދަށް ޓަކައި ސިއްރުކުރަން ނިމްރާ ނިންމީއެވެ. އަރްސަލް ބުނާ ފަދައިން އޭނާއަކީ އަރްސަލްގެ އަނބިމީހާއާއި ދަރިފުޅު މަރާލި ގާތިލެވެ. އެކަން އޭނާ ދުވަހަކުވެސް ހަނދާންނައްތައެއްނުލާނެއެވެ.
* * * *
ދުވަން ގޮސްފައި އައިސް އެޕާޓްމެންޓަށް ވަދެގެން ދިޔަ އަރްސަލްއަށް ބަދިގެ ތެރޭގައި ރާދިން ހަރަކާތްތެރިވާތީ ފެނުނެވެ. އޮފީހަށް ނުކުންނަންވާއިރަށް އޭނާ ސައި ތައްޔާރު ކުރަނީއެވެ. އުނދުންމަތީގައި ބިސްގަނޑު އަޅާފައި އޮތް ތަވާ ހުއްޓެވެ. ޓޯސްޓަރު ތެރެއިން ހަތަރު ޕާންފޮތި މައްޗަށް އެރީ އެވަގުތުއެވެ.
"މިއަދު ވަރަށް ބިޒީ ދުވަހަކަށްވާނެ" އަރްސަލް ފެނުމާއެކު ރާދިން ބުނެލިއެވެ.
"ކޮބާ ރަތްޖިންނި؟" ކޮޓަރިއަށް ދިއުމުގެ ކުރީން އަރްސަލް އަހާލިއެވެ.
"އަދި ނުފެނޭ" މަސައްކަތުގައި އުޅުނު ރާދިން ބުނެލިއެވެ.
ހަލުވިކޮށް އައިސް ނިމްރާގެ ކޮޓަރީގައި ޓަކިދޭން އުޅެފައި ވެސް އަރްސަލް މަޑުކޮއްލިއެވެ. އަދި ތަޅުގައި ހިފާ އަނބުރާލީ ވަގުތުން އެތެރެއަށް ވަންނާށެވެ. ނަމަވެސް ތަޅުލާފައި ހުރި ދޮރު ގުޑުވައެއްނުލެވުނެވެ. ދޮރުގައި ތަޅައިގަތީ ދެނެވެ. ވަގުތުން ދޮރުހުޅުވުމުން ކުރިމަތީ ހުރި ނިމްރާއަށް އަރްސަލް ކަޅި އަޅާލިއެވެ. ތެތްކޮއް ހުރި ނިމްރާގެ އިސްތަށިގަނޑުގެ ބޮޑުބައެއް އެއްވެސް ތަރުތީބެއް ނެތްހެން ނިތްކުރި މައްޗަށް ވެއްޓިފައި ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ދެންމެ ފެންވަރައިގެން ނުކުތްކަމެވެ. ހަމައެއާއެކު އެ ނިންމުމަށް ނިމްރާގެ އަތުގައި އޮތް ތުވާލި އަރްސަލްއަށް ފުދެއެވެ. އަރްސަލްގެ ނަޒަރު ނިމްރާގެ ކޮނޑާ ދިމާއަށް ދަތުރުކުރިއެވެ. އެއްފަރާތަކަށް ސޮއްސާލާފައި ގަމީސް އޮތުމުން ނިމްރާގެ ކޮނޑު އޮތީ ހާމައަށެވެ. ހާސްވެފައި ހުރި ނިމްރާއަށް އެކަން އެނގޭހެނެއް އަރްސަލްގެ ސިކުނޑި އެއްބަހެއްނުވިއެވެ. އޭނާ ދެތިންފަހަރަށް ކަރުކެހިލާ ލޮލުން އިޝާރާތެއް ކޮއްލާ ހެން ނިމްރާގެ ހާމަވެފައި އޮތް ކޮނޑަށް ބަލާލިއެވެ. ނިމްރާއަށް ރެއަކާލީ ދެނެވެ. އަވަސް އަވަހަށް ގަމީސް ރަނގަޅުކޮއްލަމުން ކޮނޑު މައްޗަށް ތުވާލި އެއްލިއެވެ.
"ސޮރީ... ވަރަށް ބޮޑަށް ސޮރީ... އަހަންނަށް ހޭނުލެވުނީ... މިހާރު މި ދަނީ" ކަންބޮޑުވެފައި ހުރެ ނިމްރާ ބުނެލިއެވެ.
"އަހަރެންގެ ކޮފީ... އަހަރެންގެ ހެނދުނުގެ ބްރެކްފަސްޓް... ދޭތި ވެސް މިސްވީ... އަހަންނަށް އޮރެންޖު ޖޫސްތަށްޓެއް މިހާރު ގޮސް ހަދާ. އެޓްލީސްޓު ދިއުމުގެ ކުރީން އެވަރު ކުރެވޭނެތަ" އަރްސަލް ބުނަންވާއިރަށް ނިމްރާ އަވަސްއަވަހަށް ބޯޖަހާލިއެވެ.
ފެންވަރައިގެން އޮފީސް ހެދުން ލައިގެން އަރްސަލް ބަދިގެ ފަރާތަށް އައިއިރު ރާދިން ސައިބޮއެ ނިމިއްޖެއެވެ. ރާދިން އޮފީހަށް ދާން ތައްޔާރުވާނީ އަބަދުވެސް ހެނދުނުގެ ނާސްތާކޮއް ނިންމާފައެވެ. އެކަނިމާއެކަނި އުޅެން ޖެހިއްޖެނަމަ ރާދިންއަށް އެކަން އުނދަގޫކަމަކަށް ނުވާނޭކަން އަރްސަލްއަށް އެނގެއެވެ. މޮޅު ކައްކާއަކަށް ނުވިޔަސް ރާދިންއަށް ކައްކަން އެނގެއެވެ. އޭނާގެ ތަފާތު ހުނަރުތަކުގެ ތެރެއިން އެވެސް އޭނާއަށް ލިބިފައިވާ ހުނަރެކެވެ. ލޫން ވަކިވުމާއެކު ކޮންމެ ދުވަހެއްގެ ހެނދުނު ނާސްތާ ތައްޔާރު ކުރާ މީހަކީ ރާދިންއެވެ. އޭނާގެ މޫޑު ހުރިއްޔާ ބައެއް ރޭރެއަށް ރޭގަނޑުގެ ކެއުން ވެސް އޭނާ ތައްޔާރު ކުރެއެވެ. ޔަގީނުން ވެސް އޭނާގެ ހަޔާތަށް އަންނަ އަންހެންކުއްޖަކަށް ކައްކަން ނޭނގުނަސް އެއީ މައްސަލައަކަށް ނުވާނޭކަން އަރްސަލްއަށް އެނގެއެވެ.
ބަދިގޭ ކައުންޓަރު ދޮށުގައި ހުސްކޮށް ހުރި ސްޓޫލްގައި އަރްސަލް އިށީންއިރު ތަށިތައް ހުރީ އޭނާއަށް އަތުރާދީފައެވެ. އޮރެންޖު ޖޫސްތަށި ނިމްރާ ގެނެސް އަވަހަށް އަރްސަގެ ކައިރީ ބެހެއްޓިއެވެ. ކައުންޓަރުމަތީ ޕީނަޓްބަޓާއާއި ބަޓަރާއި ޖޭމް ހުއްޓެވެ. ރާދިންކަން ތަށިތައް އެތުރީ އަރްސަލްއަށް އެނގުނީ އެހެންވެއެވެ. ޕާންފޮތި ތައްޔާރު ކޮއްލާފައި އެއިން އެތިކޮޅެއް ކާލިއެވެ. އަދި ޖޫސްތަށީގައި އަނގަޖަހާ ބޯލުމާއެކު ވަގުތުން އަނގައިގައި ހުރި ބައި ތަށީގެ ތެރެއަށް އަރްސަލް އޮއްސާލިއެވެ. އެމަންޒަރު ނިމްރާއަށް ފެނުމުން ދެއަތްދެއަތާ މޮޑެލީ ހާސްވެގެންނެވެ.
"މީގަ ދެނީ ހިތި ރަހައެއްނު... ކިހިނެއް އޮރެންޖު ފަނި ހަދާފައި މީ" މޫނު ކުނިކޮއްގެން އިނދެ އަރްސަލް ބުނެލިއެވެ. ހާސްވެފައި ހުރި ވަރުން ނިމްރާއަކަށް ނުވިސްނުނެވެ. އަރްސަލް ބުނުމުން އޮރެންޖު ފަނީގެ ބަކީ ހުރި އެތިކޮޅުން ނިމްރާ ރަހަބެލިއެވެ. އެއާއެކު އަރްސަލް ދޮގު ހެދީކީ ނޫންކަން އެނގުނެވެ. ފެންތަށްޓެއް ހިފައިގެން އިނދެ އަރްސަލް ސައިބޮއެ ނިންމިއެވެ.
"ކިތައް އޮރެންޖު އެއީ" އަރްސަލް ތެދުވަމުން އަހާލިއެވެ.
"އެންމެ އޮރެންޖެއް" ނިމްރާ ބުނެލިއެވެ. އޭރު ރާދިން އެ ތަނަށް ނުކުމެއްޖެއެވެ.
"އެންމެ އޮރެންޖެއް ވިޔަސް އެ ބޭކާރުވެގެން އެ ދިޔައީ... ތި ބޯނީ ކާކު؟ ހިތިރަހަލަނީ... މިހާރު އޮރެންޖެއް އުޅެނީ ހަތަރު ރުފިޔާއަށް ކަންނޭނގެ... ރަތްޖިންނީގެ މުސާރައިން އެ ހަތަރު ރުފިޔާ ކެނޑޭނެ... އެއްޗެހި ހޯދާފައި ހުންނަނީ އިސްރާފުކުރާކަށްނޫން. ތިހެން އިސްރާފުކުރާނަމަ ޚަރަދު ބޮޑުވާނެ. އެ ޚަރަދު އަހަރެން ހޯދަން ޖެހޭނީ އިސްރާފުކުރާ މީހާގެ އަތުން" އަރްސަލްގެ އަތުކުރީގައި އޮތް ކަފްލިން އަޅުވަމުން އޭނާ ވާހަކަދެއްކީ ނިމްރާއަށް ބަލާ ވެސް ނުލައެވެ. އަރްސަލްގެ ދަބަސް ހިފައިގެން އޭނާ އެޕާޓްމެންޓުން ނުކުންނަން ދިޔައެވެ. ރާދިން އައިސް މަޑުކޮއްލީ ނިމްރާގެ ގާތުގައެވެ. ރާދިންގެ މޫނު ކައިރިކޮއްލުމާއެކު އޭނާ ޖަހާފައި ހުރި ފިރިހެން ސެންޓުގެ ވަސް ނިމްރާގެ ނޭވާ ހުއްޓުމަކަށް ގެނުވިއެވެ.
"އޮރެންޖުގައި ވެސް އޮއް ހުންނާނެ... ދެން ފަހަރަކުން އޮއްނަގާފައި ޖޫސްމޭކާއަށް ލާނީ... އޯކޭ" މަޑުމަޑުން ބުނެލާފައި ނިކަން ފުޅާ ހިނިތުންވުމެއް ނިމްރާއާ ރާދިން ބަދަލުކޮއްލިއެވެ. އަދި އަރްސަލްގެ ފަހަތުން އޭނާ ވެސް ނުކުންނަން ދިޔައެވެ. (ނުނިމޭ)