ކުޅިވަރު

ޔުވެންޓަސްއިން އެއްވަނައިގައި ހަތަރުޕޮއިންޓްގެ ލީޑެއް

އެޓަލާންޓާގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އެންމެ ފަހު ޗެމްޕިއަން ޔުވެންޓަސް އިޓާލިއަން ލީގްގެ ތާވަލުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ލީގްގައި ޔުވެންޓަސް ކުޅުނު 28 މެޗުން އެ ޓީމު ވަނީ 74 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނަ އިގައި އޮތް ނަޕޯލީއަށް 28 މެޗުން ލިބުނީ 70 ޕޮއިންޓެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގޮންޒާލޯ ހިގުއައިން ވަނީ ޔުވެންޓަސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ ބްލޭސް މަޓްއިޑީ އެވެ.

މި މެޗު ކުރިން ކުޅެން ހަމަޖައްސާފައި އޮތީ، މިދިޔަ މަހު އެވެ. ނަމަވެސް ސްނޯގެ ތޫފާނާ ހެދި، އޭރު ކުޅެން މެޗު ފަސް ކުރީ އެވެ. ޔުވެންޓަސް ވަނީ އެންމެ ފަހުން ކުޅުނު 12 މެޗުންވެސް ޖެހިގެން މޮޅުވެފަ އެވެ. އަދި މީއީ ތާވަލުގެ ކުރީގައި ލިބުނު އެންމެ ބޮޑު ލީޑެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއް އެއް ވަނައިގައި ދެމެހެއްޓި ނަޕޯލީއަށް އެއް ވަނަ މާގަމު ގެެއްލުނީ، އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެންމެ ޕޮއިންޓެއް ލިބުމުންނެވެ.