ކުޅިވަރު

ބަލިވީމަ އިނގިރޭސިންނަށް ހަޖަމެއް ނުވާނެ: ބްލެޓާ

އިނގިރޭސިން ބަލިވާކަށް އެ ގައުމަށް ހަޖަމެއް ނުކުރެވޭނެ ކަމަށާއި ވޯލްޑްކަޕު ބިޑް ނާކާމިޔާބު ވުމުން އަދިވެސް މައްސަލަތައް ފެންމަތި ކޮށްގެން އުޅެނީ އެހެންވެ ކަމަށް ދުނިޔޭގެ ފީފާގެ ކުރީގެ ރައީސް (ޖޯސެފް) ސެފް ބްލެޓާ ވިދާޅުވެއްޖެ އެވެ.

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕަށް އިންގެލްންޑުންވެސް ބިޑު ކުރި އެވެ. ނަމަވެސް ބިޑް ކާމިޔާބު ކުރީ ރަޝިއާއިންނެވެ. ހަމައެޔާއެކު 2022 ގައި ބާއްވާ ވޯލްޑްކަޕަށްވެސް އިނގިރޭސިން ބިޑް ކޮށްފައި އޮތެވެ. ނަމަވެސް ބިޑް ކާމިޔާބު ކުރީ ގަތަރުންނެވެ.

ރަޝިއާ އާއި ގަތަރަށް ވޯލްޑްކަޕު ދިނުމުން އެކަމާ އެންމެ ބޮޑަށް މައްސަލަ އުފެއްދީ އިނގިރޭސިންނެވެ. ވޯލްޑްކަޕު ބިޑު އެ ދެ ގައުމަށް ދިނުމުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް އިނިގިރޭސިން ތުހުމަތު ކުރި އެވެ. ކުރިއަށް އޮތް ދެ ވޯލްޑްކަޕާ ގުޅުން ހުރި މައްސަލަތައް ހިފައިގެން އުޅުނީވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ މީޑއާ ތަކުންނެވެ.

"އެމީހުން [އިނގިރޭސިން] އަބަދުވެސް އުޅޭނީ އެހެން، އެ މީހުން އަހަންނާ ދެކޮޅަށްވެސް ވަރަށް ވާހަކަތައް ދެއްކި އަދި އަހަންނާ ދެކޮޅަށް ހަރަކާތްތައްވެސް ހިންގި،" ރަޝިއާގެ ސްޕޯޓްސް އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ބްލޭޓާ ވިދާޅުވި އެވެ. "ހަގީގަތުގައި އިނގިރޭސިން ބޭނުމެއް ނުވާނެ ބަލިވާކަށް."

މިއަހަރާއި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް އިނގިރޭސިންގެ އިތުރުން ބައެއް އެހެން ގައުމުތަކުވެސް ބިޑް ހުށަހެޅި އެެވެ. ބްލެޓާ ވިދާޅުވީ އޭނާ ބޭނުންވީ 2018 ގެ ވޯލްޑްކަޕު ރަޝިއާގައި ބޭއްވުމަށް ފަހު 2022 ވަނަ އަހަރު ވޯލްޑްކަޕު އެމެރިކާގައި ބޭއްވުމަށް ކަމަށެވެ. ނަމަވެސް ގަތަރަށް ވޯލްޑްކަޕު ދިނުމަށް އެންމެ ބޮޑަށް ބާރު އެޅީ ފްރާންސުން ކަމަށް ބްލެޓާ ފާހަގަ ކުރި އެވެ.

"ރަޝިއާ އާ ދެކޮޅު ހަރަކާތްތަކެއް ހިންގުމަކީ ވަރަށް ބޭއިންސާފު ކަމެއް،" ބްލެޓާ ވިދާޅުވި އެވެ. "އަހަރެން ބޭނުންވީ 2018 ގެ ވޯލްޑްކަޕް ރަޝިއާގަައި ބޭއްވުމަށްފަހު 2022 ގެ ވޯލްޑްކަޕު އެމެރިކާގައި ބާއްވަން، އަހަރެން އެގްޒެކެޓިވް ކޮމިޓީއަށް ހިޔާލު ދިނީ އެގޮތަށް، ނަމަވެސް އެމެރިކާގެ ބަދަލުގައި ކޮމިޓީން އެޕްރޫވް ކުރީ ގަތަރަށް ދިނުމަށް، އޭގެ އެންމެ ބޮޑު ދައުރެއް އަދާ ކުރީ ފްރާންސްގެ ކުރީގެ ރައީސް [ނިކޮލަސް] ސާކޯޒީ އަދި [ޔޫއެފްއާގެ ކުރީގެ ރައީސް މިޝޭލް] ޕްލެޓެނީ."

އޭނާ ވިދާޅުވީ ރަޝިއާގައި ވޯލްޑްކަޕު ބިޑް ދިނުމާމެދު ފީފާގެ އެއްވެސް މީހަކު ސުވާލު އުފައްދާފައި ނުވާ ކަމަށެވެ.