ރާއްޖޭގެ ސިޔާސީ ކޯޅުންތަކުގެ ތެރޭގައި ސަރުކާރަށް ތާއީދު ކުރާ މީހުނާއި އިދިކޮޅު ފަރާތްތައް އެކަކު އަނެކަކަށާއި ބައި ބަޔަކަށް "ނޮޅައިގެން ވީދައި ކެއުމަކީ" އާ ކަމެއް ނޫނެވެ. އެއީ އެންމެ ގިނަ ކަންތަކެވެ. އޭގެ ތެރެއިން ބައެއް ވާހަކައަށް ސަމާލުކަން ނުލިބި އެކަމެއް ބަދަލުވަނީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ސިޔާސީ މައިދާނަށް މިހާރު ވައްދައިގެން އުޅޭ "ޖަމަލު ފޮޑި"އަށް ވާ ގޮތަށެވެ. ނަމަވެސް ބައެއް ވާހަކަތައް "ވައިގަ ހިފައި" ދުވެ، ފެތުރި ގަންނަނީ ހީވެސް ނުކުރާ ބާރު މިނުގައި އެހާ ދުރަށް އަދި އެހާ ގިނަ ދުވަހަށެވެ. މިފަދަ އެއް ވާހަކައަކަށް ވެފައި ވަނީ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު ނިހާން ގެންގުޅުއްވާ "ރޮލެކްސް" ގަޑިއެއްގެ ވާހަކަ އެވެ.
ދުނިޔޭގެ އެއް ނަމްބަރު ގަޑި އުފައްދާ ރޮލެކްސްގެ އަގު ބޮޑު ގަޑިއެއް ސިޔާސީ މައިދާނެއްގައި މިހާ ބޮޑަށް މަޝްހޫރުވެފައިވާކަން އަދި އެނގޭކަށެއް ނެތެވެ. އެހެން ކަމުން މި ގަޑި ވަރަށް މުހިންމުވެއްޖެ އެވެ. ނަވާރަސަތޭކަ ފަހެއްގައި އުފެއްދި ރޮލެކްސްގެ ދޮރާ ހަމައަށް ނިހާންގެ އަތުކުރީގައި އޮތް ގަޑީގެ ވާހަކަ ގެންގޮސްފިނަމަ މިހާރު އެ ގަޑި އާކައިވްކޮށް، އޭނާއަށް އެހެން ގަޑިއެއް ދޭހާ ވެސް ހާދިސާތައް ގިނަވެ ގަޑި މަޝްހޫރުވެއްޖެ އެވެ.
ބައެއް ފަހަރާ މީހުން މަޖަލަށް ވެސް ކަންކަން ކުރެ އެވެ. ނިހާން ހެއްދެވި ގޮތަކީ އޭނާއަށް ރޮލެކްސް ގަޑިއެއް ލިބި ވަޑައިގަތުމުން ބައިވަރު ގަޑިތަކެއްގެ ތެރޭގައި އެ ގަޑި ހިމަނައިގެން ކަނޑާލެއްވި ފޮޓޯގަނޑެއް އިންސްޓަގްރާމަށް ދޫކޮށްލެއްވީ އެވެ. އެއީ މީގެ ތިން އަހަރު ކުރި އެވެ؛ ފަހަރުގައި އެއީ އުފަލުން އެހެންނާ މަޖަލަކަށް ކޮށްލެއްވި ކަމަކަށް ވެސް ވެދާނެ އެވެ. އެކަމަކު މަޖަލަށް ކުރާކަންކަން ވަރަށް ގިނަ ފަހަރަށް އަޖަލާ ޖެހެންދެން ދެމި އޮވެ އެވެ. ނިހާންގެ ރޮލެކްސް ގަޑީގެ ކަންކަން މިދަނީ އެފަދަ ގޮތަކަށެވެ. އެ ގަޑީ "ކަށި" ނުހުއްޓި ރާއްޖޭގައި ހިނގަނީ އެވެ. ކިރިޔާ މަޑު ޖެހިލާއިރަށް ނިހާން އަމިއްލަފުޅަށް ވެސް އެ ވާހަކަ އާ ކުރައްވާ ޗާބީ ދެއްވަނީ އެވެ.
ނިހާންގެ އަތުކުރީގައި އޮތް ގަޑީގައި އެންމެން ހިފައި އޮޅުލައިގަތް ގަތީނުން އަދިވެސް ދުލެއް ނުކުރެ އެވެ. އަހަނީ ނިހާން ކޮންތާކުން ހޯއްދެވި ގަޑިއެއް ހެއްޔޭ އެވެ؟ އެ ސުވާލު ކޮށްފައި ދެން ކުރަނީ ތުހުމަތެކެވެ. އެއީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ހުންނެވިއިރު ނިހާނަށް ދެއްވި އަގު ބޮޑު ހަދިޔާއެކޭ އެވެ.
ނިހާނުގެ މާޒީގެ ދިރިއުޅުން އޮތް ގޮތާއި ނިހާނުގެ މިޒާޖު ހުންނަ ގޮތާއި އޭނާގެ އާމްދަނީ އާއި ރާއްޖޭގައި ކަންކަން ހިނގައިދާ ގޮތަށް ބަލައި ކޮންތާކުން ނިހާން ހޯއްދެވި ގަޑިއެއްތޯ ސުވާލެއް ކުރުމާއި އޭނާގެ މަގާމާއި ހައިސިއްޔަތަށް ބަލައި ފާޑެއް ކިޔުން މައްސައެއް ނޫނެވެ. ރޮލެކްސް ގަޑިއަކީ އެތައް ހާސް ޑޮލަރަކަށް ލިބޭ އަދި ދުނިޔޭގެ އެއް ނަމްބަރު ގަޑިއަށްވުމުން އެ ސުވާލު ކޮށް ނުލުން ވެސް ވާނީ މި ދެ ދުވަހަކު ނިހާނާއި އަލީ އާރިފާވެގެން ސިޔާސީ މައިދާނަށް ނެރެގެން އުޅޭ ލަފުޒު "ބތ" އަކަށް ވުމެވެ.
ތިން ހަތަރު އަހަރު ވަންދެން އެންމެންވެގެން ނިހާނާ ކުރަނީ އެންމެ ސުވާލެކެވެ. ދެން އޮންނަނީ ސުވާލުގެ ޖަވާބެވެ. މި ދެކަމާ ގުޅިގެން އެންމެ ހިނި އަންނަ ކަމަކީ ޓްވިޓާ އާއި ފޭސްބުކް ފަދަ ވަސީލަތެއްގައި މީހަކު އެ ގަޑީގެ ވާހަކަ ދައްކާލާއިރަށް ނިހާން ވެސް އެއަށް ޖަވާބެއް ދެއްވާތީ އެވެ. އަދި ޖެހިގެން އަންނަ ދުވަހު އެކަން ރަސްމީ މީޑިއާގެ ސަމާލުކަން ހޯދާތީ އެވެ.
ނިހާނުގެ އަތުކުރީގައި ރޮލެކްސް ގަޑިއެއް އޮންނާތީ ސުވާލު ކުރާ މީހުން ވެސް ގަބޫލު ކުރާ ކަމެއް އޮވެ އެވެ. ރޮލެކްސް ބްރޭންޑުގެ އަގު ބޮޑު އެ ގަޑިއަކީ ނިހާން އަމިއްލަފުޅަށް ހަރަދު ކުރައްވައިގެން ގަތް ގަޑިއެއް ނޫނެވެ. ދުވަސްވެފައިވާ މި މައްސަލައިގެ "އާންމު ތަހުގީގު" ގައި ނިހާން ވެސް ވަނީ އެކަމަށް އިއުތިރާފެއް ދެއްވާފަ އެވެ. ދެން މި ގަޑި ނުހުއްޓި މިހާވަރަށް މި ހިނގަނީ ކީއްވެގެން ހެއްޔެވެ؟
ގައިމުވެސް މީހެއްގެ އަތުކުރީގައި އޮއްވާ ނޫނީ ގެއެއް، ފިހާރައެއް ފަޅާލައިގެން ނިހާން ގަޑިއެއް ވަގަށް ނެގި ވާހަކައެއް އެކަކު ވެސް ނުބުނެ އެވެ. މައްސަލައަކަށް ވެގެން އުޅެނީ އެހެން މީހަކު ދިން އަގު ބޮޑު ގަޑިއެއް ނިހާން އަތުގައި އޮތުމެވެ. އެއީ ވަރު އަރާވަރުގެ މައްސަލައެއް ހެއްޔެވެ؟
ނިހާންގެ އަތްޕުޅުގައި ރޮލެކްސް ގަޑިއެއް އޮވެގެން މައްސަލައަކަށް ވާނީ، އޭނާ އަމިއްލަފުޅަށް ހަރަދު ކުރައްވައިގެން އެފަދަ ގަޑިއެއް ނޫނީ ގަޑިތަކެއް ބައްލަވައިގަތް ނަމަ، އެހެންޏާ އޭނާ ބަޔަކަށް ރޮލެކްސް ގަޑި ބައްސަވައި ހަދިޔާ ކުރައްވާނަމަ އެވެ. އޭރުން އެވަރުގެ އަގު ބޮޑު ގަޑިއެއް ގަތް ގޮތަކާއި ގަޑި ބައްސަވާ ގޮތެއް ބުނެދެއްވަން ނިހާން ގާތުގައި އަހަން އެންމެ ރަނގަޅެވެ. ނޫން، އަހަންވާނެ އެވެ.
އަދި މާލީ ބަޔާން ވަގުތުން ހާމަ ކުރަން ގޮވާލަން ވެސް ހަމަ ވަރަށް ރަނގަޅެވެ. ނަމަވެސް އެއް އިރެއްގައި ވެސް އެއީ އޭނާ ބައްލަވައިގަތް ގަޑިއެކޭ އެކަކު ވެސް ނުބުނެ އެވެ. އޭނާ ވެސް ވިދާޅެއް ނުވެ އެވެ. އެއް އިރެއްގައި ވެސް ނިހާން ރޮލެކްސް ގަޑިއެއް ވަގަށް ނެގި ވާހަކައެއް ވެސް ނޯވެއެވެ. ހައްތާވެސް ކިޔާނީ ބޭފުޅަކު ހަދިޔާއަކަށް ދެއްވި ގަޑިއެއްގެ ވާހަކައެކެވެ.
ވަގަކަށް ގަޑިއެއް ނުނަގަ އެވެ. އަމިއްލަފުޅަށް ބައްލަވައިގެންފައި ބެއްސެވީއެއް ވެސް ނޫނެވެ. އެއިން ކަމަކާ ނުލައި ދެން އެ ގަޑި ނިހާންގެ އަތުކުރީގައި އޮވެގެން ކީއް ހެއްޔެވެ؟ އޮވެދާނެ ނޫން ހެއްޔެވެ؟ ގަޑި އަޅުއްވައިގެން އެ ގަޑި އެޅުއްވި އަތް ހިސާބަކަށް އުފުލާލައިގެން އުޅުއްވައިފާނެ ނޫން ހެއްޔެވެ؟ ކޮން ކަމެއް ހެއްޔެވެ؟
މިހާރު މިވާ ގޮތުން ގަޑިއާ ގުޅުވައި ކިޔާ ފާޑު މި އަންނަނީ އެއް ވެސް ކޮރަޕްޝަނެއްގެ ކަމެއްގައެއް ނޫނެވެ. ނިހާންގެ އަތްޕުޅުގައި ގަޑިއެއް އޮތީ އެވެ. އަދީބު ދެއްވީ އެވެ. ނިހާން އެ ގަޑި އަޅުއްވަނީ އެވެ. އެއީ ރޮލެކްސް ގަޑިއެކެވެ. ސިޔާސީ ބޭފުޅަކު އެހެން ސިޔާސީ ބޭފުޅަކަށް ރޮލެކްސް ގަޑިއެއް ހަދިޔާއަކަށް ދެއްވައިގެން މިހާ ވަރެއް އަރަން ޖެހޭ ހެއްޔެވެ؟
ރޮލެކްސް ގަޑީގެ ވާހައަކީ ނިހާން ވެސް ވަރަށް ދައްކާ ހިތްޕުޅުވާ ވާހަކައެކެވެ. އެ ގަޑީގެ އަޑު މަޑު ވެލާ އިރަށް ނިހާން ގަޑީގެ ވާހަކަ ފައްޓަވަ އެވެ. ފަށަފަށައިގެން ވިދާޅުވަނީ ވެސް އެއް ވާހަކައެކެވެ. "އަޅުގަނޑުގެ އަތުގައި ރޮލެކްސް ގަޑިއެއް އެބައޮތެވެ. އަޅުގަނޑަށް ރޮލެކްސް ގަޑި ދެއްވީ އަދީބެއް ނޫނެވެ. އަދީބު ދެއްވި އެއްވެސް ގަޑިއެއް އަޅުގަނޑުގެ އަތަކު ނޯންނާނެ އެވެ. އެ ގަޑި އަޅުގަނޑަށް ދެއްވި މީހާ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. އޭސީސީން ސުވާލުކޮށްފި ނަމަ އެ މައުލޫމާތު ވެސް ހާމަ ކުރާނަމެވެ. އެ ކޮމިޝަނަށް ކިޔައި ދޭނަމެވެ. މައްސަލަ ހުށަހަޅާގައި އަންގާލާށެވެ."
އެއީ ނިހާން ތިން އަހަރަށް ދަންމާފައިވާ ވާހަކައެކެވެ. އަނެއްބައި މީހުން ތަކުރާރުކޮށްފައި ކިޔަނީ ނިހާންގެ އަތްޕުޅުގައި ރޮލެކްސް ގަޑިއެއް އޮންނަނީ އެވެ. އެކަން މައްސަލައަކަށް ވާނެ އެއްވެސް އެއްޗެއް ސާބިތެއް ނުކޮށްދެވެ އެވެ. ޝަކުވާ ހިފައިގެން އޭސީސީއަށް ދާކަށް ވެސް ނުކެރެކެވެ.
ނިހާނާއި ރޮލެކްސް ގަޑީގެ ވާހަކަ ހުއްޓުމެއް ނެތީ ހިނގަނީ އެވެ. އެ ގަޑީގެ ވާހަކަ ހުއްޓޭ ގަޑިއަކީ ކޮބައި ހެއްޔެވެ؟