ޑޮމެސްޓިކް އެއާޕޯޓް

މާވާރުލުގެ ރަންވޭއާއި އެހެން ކަންކަން ތަރައްގީކުރަން އެމްޓީސީސީއަށް

ގދ. އަތޮޅުގައި އަޅާ މާވާރުލު އެއާޕޯޓްގެ މުހިއްމު ތަންތަން ތަރައްގީ ކުރަން އެމްޓީސީސީއަށް ދީފި އެވެ.

އެމްޓީސީސީއާ އެކު މިއަދު ޓޫރިޒްމ މިނިސްޓްރީން ސޮއިކޮށްފައިވަނީ އެ އެއާޕޯޓްގެ ރަންވޭއާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ އެއް ތަރައްގީކުރުމަށެވެ. މިއަދު ޓޫރިޒަމް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. އެމްޓީސީސީގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިބްރާހިމް ޒިއަތު އެވެ.

ގައްދޫ ދާއިރާއާއި ގެމަނަފުށީ ދާއިރާއާވެސް ވަރަށް ގާތުގައި އަޅާ މާވާރުލު އެއާޕޯޓަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ފެށިގެން އަޅަން މަސައްކަތްކުރަމުންދާ އެއާޕޯޓެކެވެ. ފާއިތުވި އަހަރުތަކުގައި އެތަން ތަރައްގީކުރަން އެކި ފަރާތްތަކާ އެކު ސޮއިކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެކަން އޮތީ ނުކުރެވި އެވެ. ނަމަވެސް މާވާރުލުގެ މަސައްކަތް އަނެއްކާވެސް ފަށާފައި މިވަނީ މިއަހަރަށް ކަނޑައެޅި ބަޖެޓުގައި އެއާޕޯޓު ހިމަނައިގެން ދައުލަތުގެ ހަރަދުގަ އެވެ.

މާވާރުލު އެއާޕޯޓް މަޝްރޫއަށް 57 މިލިއަން ރުފިޔާ ބަޖެޓުން ހަރަދުކުރަން ވަނީ ނިންމާފަ އެވެ.

މިނިސްޓަރު ޒަމީރު މިއަދު ވިދާޅުވީ މާވާރުލު އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީން ވަރަށް ބާރު ސްޕީދެއްގައި ކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާކަމަށެވެ. އަދި އުންމީދުކުރައްވަނީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ ކުރިން މިހާރުވެސް އެ ކުންފުންޏާ ހަވާލުކޮށްފައިވާ އެހެން އެއާޕޯޓްތަކާ އެއްކޮށް މަސައްކަތް ނިމޭނެ ކަމަށް ކަމުގަ އެވެ.

"ތަންކޮޅެއް ލަހުން އެއާޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރެވުނު ނަމަވެސް މި އަހަރު ނިމޭއިރު މާވާރުލު އެއާޕޯޓްގެ މަސައްކަތްވެސް ނިމޭނެ ކަމަށް އުންމީދުކުރަން. އެހެން އެއާޕޯޓްތަކާ އަޅާ ބަލާއިރު މާވާރުލު އެއާޕޯޓްގެ މިހާރުވެސް ބައެއް ކަހަލަ ކަންކަން ނިމިފައި ހުރުމުން އެތަން ތަރައްގީކުރަން މާ ފަސޭހަވެސް ވާނެ،" ޒަމީރު ވިދާޅުވި އެވެ.

މާވާރުލު އެއާޕޯޓްގެ އެންމެ މައި ތަންތަން އަޅަން އެމްޓީސީސީއާ ހަވާލުކުރިއިރު އެ އެއާޕޯޓްގެ މަސައްކަތްކުރަން ބޭނުންވާ ބައެއް މެޝިނަރީއާ ސާމާނު ހޯދުމުގެ މަސައްކަތް މިދިޔަ މަހު ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށް އެ ތަކެތި ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

އެކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މާވާރުލު އެއާޕޯޓްގެ މަސައްކަތްތައް ނިންމަން ފަސް މަހުގެ މުއްދަތެއް ސަރުކާރުން ދިން ނަމަވެސް އެ މުއްދަތުގެ ކުރިން އެއާޕޯޓް ނިންމައިލެވޭނެ ކަމަށެވެ.

ގިނަ އަހަރުތަކަކަށް ފަހު މާވާރުލު އެއާޕޯޓް ހަގީގަތަކަށް ބަދަލުވެގެންދާ ކަމަށް ވިދާޅުވެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިއަދު ވަނީ ދާއިރާގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ. އޭނާ ވިދާޅުވީ މާވާރުލު އެއާޕޯޓްގެ މަސައްކަތް ދެން ނުހުއްޓޭނެ ކަމަށެވެ. އެއާޕޯޓުން ދަތުރުކުރެވޭ ދުވަސް ރައްޔިތުންނަށް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.

މާވާރުލު އެއާޕޯޓްގެ މުހިއްމު މަސައްކަތްތަކެއް އެމްޓީސީސީއަށް ދީފައިވާއިރު، ސަރުކާރުން މި ފަހުން މަސައްކަތްފަށާފައިވާ އެހެން އެއާޕޯޓްތަކުގެ ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދަނީ އެމްޓީސީސީއިންނެވެ.