ފެނަކައިގެ ކުރީގެ ޗެއާމަން މުހައްމަދު ނަދީމްގެ ހަމައެކަނި ކުށަކީ ޔުމްނާ މައުމޫންގެ ފިރިމީހާއަށްވުން ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މިއަދު ނަދީމްއާ ބައްދަލުކުރެއްވުމަށްފަހު ވިދާޅުވީ، ނަދީމް ވީއެންމެ އަވަހަކަށް ގެއަށް އެނބުރި އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ނަދީމްގެ ހަމައެކަނި ކުށަކީ އެކަމަނާއާ ކައިވެނިކޮށްގެން އުޅުން އެކަނި ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކުރީ ނަދީމެވެ. އޭނާ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގަ އެވެ. އެ ތުހުމަތުގައި މަސް ދުވަހަށްވުރެ ގިނަ ދުވަހު އެއްވެސް ސުވާލެއް ނުކޮށް ބެހެއްޓި އެވެ. އެންމެ ފުރަތަމަ ވެސް ސުވާލެއް ކޮށްފައިވަނީ އިއްޔެ އެވެ.
މި ތުހުމަތަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ބޭފުޅުންނާ ދެކޮޅަށް ކަޅު ފޮއްޓަކުން ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ނަމަވެސް ރައީސް މައުމޫން ހެކި ނައްތާލަން އުޅުއްވި ކަމަށް ބުނެ ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
ޔުމްނާ މައުމޫނަކީ އިދިކޮޅުގައި މިހާރު ވަރަށް އިސްކޮށް ހަރަކާތްތެރިވާ ބޭފުޅެކެވެ. ރައީސް މައުމޫން ސަރުކާރާ ހިޔާލު ތަފާތުވުމުގެ ކުރިން ޔުމްނާ މައުމޫން ސަރުކާރުން ވަކިވެވަޑައިގަތެވެ. އަދި އޭގެ ފަހުން ސަރުކާރަށް ވަރަށް ބޮޑަށް ގެންދެވީ ފާޑުވިދާޅުވަމުންނެވެ. އަދިވެސް ހުންނެވީ އެގޮތުގަ އެވެ. ނަދީމް ވެސް ފެނަކައިގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރާ ހިޔާލު ތަފާތުވެގެންނެވެ.