ހަބަރު

ދަންތޫރައެއްގައި ނުޖެހޭނަން، ސަފުތައް އެއަށްވުރެ ބަދަހި: ފުލުހުން

ފުލުހުންގެ ސަފުތައް ބަލިކަށިކޮށް ބައިބައިވުން އުފައްދަން ކުރާ އެއްވެސް ކަމަކަށް ފުރުސަތު ނެތް ކަމަށާއި އެކަމަށް ހަދާ އެއްވެސް ދަންތޫރައެއްގައި ފުލުހުން ނުޖެހޭނެ ކަމަށް ބުނެފި އެވެ. މިހެން ބުނީ އިންޒާރުތަކަކާއެކު ފުލުހުން ކަމަށް ބުނާ ބަޔަކު ވީޑިއޯއެއް އާންމުކޮށްފައިވާތީ އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފައްދައި އެއްބައިވަންތައްކަން ނަގާލުމަށް ވީޑިއޯ އާއި ފޮޓޯތައް ހެދުމަކީ އޮއްޓަރެއް ނެތް ކަމެއް ކަމަށެވެ. އެއަށްވުރެ ފުލުހުންގެ ސަފުތައް މާބަދަހި ކަމަށާއި އެފަދަ ދަންތޫރައެއްގައި ފުލުހުން ނުޖެހޭނެ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

އިދިކޮޅު ޕާޓީތަކުން ކުރިއަށް ގެންދާ އިހްތިޖާޖުތަކާ ގުޅޭ ގޮތުން ޝިފާން ވިދާޅުވީ އިދިކޮޅު މަދު ބަޔަކު ރޭ މަޖީދީ މަގުގައި ކުރި މުޒާހަރާގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ޝަކުވާ ލިބިފައިވާ ކަމަށާއި އެގޮތުން އެ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކާއި ވިޔަފާރިވެރިންނަށް ގެއްލުންވާ ގޮތަށް މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

"މަޖީދީ މަގުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ މަގުގައި ދުއްވާ އެއްޗިއްސަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ވިޔަފާރިވެރިން އަދި އެނޫންވެސް އެހެން ފަރާތްތަކަށް އުނދަގޫވާ ގޮތަށް،" ސިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، ސަރުކާރު ހުއްޓުވައި ވައްޓާލަން މާދަމާ ވެސް ބައެއް ފަރާތްތަކުން ރާވާފައިވާ ކަމަށާއި އެފަދަ އެއްވުންތައް ރާވާ ހިންގާ ފަރާތްތައް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވިދާޅުވީ، ސަރުކާރު ވައްޓާލަން ރާވާ ކަންކަން ހުއްޓުވާނެ ކަމަށާއި އެފުރުސަތު ފުލުހުން ނުދޭނެ ކަމަށެވެ.

"މާދަމާ ބާއްވަން އުޅޭ އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ގޮވާލަން، ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވެގެން ލިބޭ ގެއްލުމަކަށް ފުލުހުން ޒިންމާއެއް ނުވާނަން،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، މާދަމާ މުޒާހަރާ ބާއްވަން އެއްވެސް ފަރާތަކުން ރަސްމީ ގޮތެއްގައި ހުއްދަ ހޯދާފައި ނުވާ ކަމަށެވެ.

އިއްޔެ ފުލުހުން ބޭއްވި އެއްވުމުގައި ވެސް ވަނީ މާދަމާ ބާއްވާ އެއްވުމަކީ ގާނޫނާ ހިލާފު ކަންތައްތަކެއް ކުރުމަށް ގޮވާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލުމަށް ގޮވާލާ ބާއްވާ އެއްވުމެއް ކަމަށް ބުނެފަ އެވެ. އަދި އެ އެއްވުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން މާދަމާގެ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ބޭނުން ކުރަމުން ދަނީ "ހުއްޓުވުން" ޝިޔާރެވެ. އެއީ އެކެއް ފެބުރުއަރީގެ އަމުރު ތަންފީޒުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ގޮވާލަން ބާއްވާ އެއްވުމެއް ކަމަށް ޕާޓީތަކުން ބުނެ އެވެ.