ފެޝަން

މޭގަންގެ "ވެޑިން ޑްރެސް" ފަހާނީ ކާކުބާ؟

ކުރިއަށް އޮތް ދެމަހެއްހާ ދުވަސް ތެރޭގައި އެމެރިކާގެ މަޝްހޫރު އެކްޓްރެސް މޭގަން މާކަލް އިނގެރޭސިވިލާތުގެ ޝާހީ އައިލާގެ ދަރިކަލުން، ޕްރިންސް ހެރީ އާއި ކައިވެނިބައްލަވައިގަންނަަވަން ތައްޔާރުވަމުންދާއިރު، އަދުގެ ފެޝަންގެ ދުނިޔެ މިހާރު އެންމެ ކަންތައް ބޮޑު ވެގެން އުޅެނީ މޭގަންގެ "ވެޑިން ޑްރެސް" ފައްސަވާނީ ކޮން ޑިޒައިނަރެއްތޯ ބެލުމަށެވެ.

"ވެޑިން ޑްރެސް އާއި ބެހޭގޮތުން އެއްވެސް ބަޔާނެއް އަދި މައުލޫމާތެއްވެސް ދީފައެއް ނުވާނެ." މީޑިއާގައި މޭގަންގެ ވެޑިން ޑްރެސްއާއި ގުޅިގެން ދައުރުވަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން ޕްރިންސް ހެރީގެ އޮފީހުގެ ސްޕޯކްސްވުމަން ވިދާޅުވެފައިވެ އެވެ.

ޕްރިންސް ހެރީ އާއި މޭގަން ކައިވެނި ކުރައްވަން އުޅޭ ވާހަކަ މިދިޔަ ނޮވެންބަރު މަހު އިއުލާނުކުރި ހިސާބުން ފެށިގެންވެސް ނޫސްތަކުގައި މޭގަންގެ ވެޑިން ޑްރެސްއާއި ބެހޭގޮތުން ވާހަކަދެކެވެ އެވެ.

"އަހަންނަށް ހީވަނީ މޭގަން ތުރުކުރައްވާނީ އިނގެރޭސިވިލާތުގެ ޑިޒައިނަރެއް ފަހާ ގައުނެއްހެން." ކެނަޑާގެ މަޝްހޫރު ޑިޒައިނާ ބްރޭންޑު "ސެންޓެލާ" ގެ ފައުންޑާ އަދި ކްރިއޭޓީވް ޑިރެކްޓާ ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ. "އަހަންނަށް ޔަގީނެއް ނޫން ވަކި ކާކު ކަމެއް، އެކަމަކު އެއީ އިނގެރޭސިވިލާތުގެ ޑިޒައިނަރެއް."

މޭގަންގެ ވެޑިން ޑްރެސް ފަހާނެކަމަށް ބެލެވޭ ޑިޒައިނަރުންގެ ލިސްޓުން ދެން ޖާގަ ހޯދަނީ ސްޓެލާ މެކްކާޓްނީ އެވެ. ސްޓެލާއަކީ އިނގެރޭސިވިލާތުގެ މަޝްހޫރު ހިއުމައިން ރައިޓްސް ލޯޔާ އާމާލް ކްލޫނީ، އެމެރިކާގެ އެކްޓާ ޖޯޖް ކްލޫނީ އާއި ކައިވެނިކުރަން އާމާލްގެ ވެޑިން ޑްރެސް ފެހި ޑިޒައިނަރެވެ. ސްޓެލާ ވަނީ މޭގަން މިއަހަރު ކުރީކޮޅު ކާޑިފްއަށް (ޕްރިން ހެރީގެ އުފަން ގައުމު ވޭލްސްގެ ވެރިކަންކުރާ ރަށް) ދިޔައިރު ލީ ހެދުންވެސް ޑިޒައިން ކޮށްދީފަ އެވެ.

"ކޮންމެ މީހެއްގެ ވިޔަސް ވެޑިން ޑްރެސްއެއް ފަހަން ލިބިއްޖެނަމަ އަހަރެންދެކެނީ އެއީ ފަހުރެއްގެ ގޮތުގައި." މޭގަން ވެޑިން ޑްރެސް ފަހަން ބޭނުންތޯ ސްޓެލާ އާއި ސުވާލުކުރުމުން ބުންޏެވެ. "ވެޑިން ޑްރެސް ފެހުމަކީ އަހަރެން ވަރަށް ލޯބިކުރާ ކަމެއް. ވަރަށް ސަމާލުވެގެން އަމިއްލަ އެއްޗެއް ކަމަށްދެކި، ހެދުން މި ފަހާދޭ މިހާއަށް އެންމެ ގުޅޭނެ ގޮތަށް ފަހަން ޖެހޭނީ."

އެ ލިސްޓުން ދެންޖާގަ ހޯދަނީ އިނގެރޭސިވިލާތް އަދި އޮސްޓްރޭލިއާއަށް ނިސްބާތްވާ މަޝްހޫރު ޑިޒައިނާ ބްރޭންޑެއް ކަމަށްވާ ރެލްފް އެންޑް ރުއްސޯ އެވެ. މޭގަން ވަނީ ޕްރިންސް ހެރީއާއެކު އެންގޭޖްމަންޓް ފޮޓޯ ނެންގެވުމަށް އެ ބްރޭންޑުގެ ޑިޒައިންޑް ހެދުމެއް ތުރުކުރައްވާފަ އެވެ.

މަޝްހޫރު ފެޝަން ބްރޭންޑުތަކަށް ޝާހީ ކައިވެންޏާއެކު ވިޔާފާރީ ރަނގަޅުވެގެން ދިއުންވެސް އެކަށީވެގެންވެ އެވެ. އެއީ ޝާހީ އާއިލާގެ ގިނަ މެމްބަރުން ކައިވެނީގެ ހަފްލާއަށް ތަފާތު މަޝްހޫރު ބްރޭންޑުގެ ހެދުންތައް ތުރުކުރައްވާނެތީ އެވެ. ޕްރިންސް ހެރީގެ ބޭބެ ޕްރިންސް ވިލިއަމްސް 2011 ވަނަ އަހަރު ކޭޓް އާއި ކައިވެނި ބައްލަވައިގަންނަވަން އުޅުއްވިއިރު، ހަފްލާތަކަށް ކޭޓް ތުރުކުރުއްވި ހެދުންތަކުގެ ސަބަބުން ކޭޓް މިހާރު ވެގެންގޮސްފައި ވަނީ ފެޝަން ދުނިޔޭގެ އައިކޮންއަކަށެވެ. އޭނާ ލާ ހެދުންތަކަށް މީހުން ފޮލޯކޮށް، އޭނާ ލާ ބްރޭންޑުގެ ހެދުންތައް ގަނެ އެވެ.

އިނގެރޭސިވިލާތުގެ ރީޓެއިލާ ކުންފުންޏެއްކަމަށްވާ "މާކްސް އެންޑް ސްޕެންސާ" އިން 62 ޑޮލަރަށް މޭގަން ގަތް ޖަންޕާސްއެއް ތުރުކުރައްވައިގެން ލަންޑަން ރޭޑިއޯ ސްޓޭޝަނަށް ޒިޔާރަތްކުރެއްވުމުން އެ ހެދުން މަޝްހޫރުވެ އެ ކުންފުންޏަށް ބޮޑު ސާމާލުކަމެއް ލިބި ވިޔަފާރީ ރަނގަޅުވެގެންދިޔަ އެވެ.

މޭގަންގެ ވެޑިން ޑްރެސް ފެހީ ކާކުތޯ ބަލަން ކެތްމަދުވެފައި ތިބި މީހުނާއި ފެޝަންގެ ދުނިޔެއަށް ޖެހޭނީ އަންނަ މޭ މަހު 19 ގައި އެ ދެކަނބަލުންގެ ކައިވެނި ކުރައްވާ ދުވަހަށް މަޑުކޮށްލާށެވެ.